ކޮވިޑް-19 ވެކްސިންއާ ގުޅޭ ޚަބަރާއި މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ރައްޔިތުންގެ މެދުގައި ޝައްކާއި ވަހުމް އުފެދޭ ގޮތަށް ހަޤީގަތާއި ޚިލާފް ދޮގު ޚަބަރާއި މައުލޫމާތު ނުފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އެދިއްޖެއެވެ.
ހޯމަ ދުވަހު އެމްއެމްސީން ނެރެފައިވާ ބަޔާނެއްގައި ވަނީކޮވިޑް-19 ވެކްސިންއާ ގުޅޭ ޚަބަރާއި މައުލޫމާތު ބައެއް މީޑިއާތަކުން ގެނެސްދިނުމުގައި، ވެކްސިންތަކުގެ ރައްކާތެރިކަމާއި މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދި އިތުބާރު ގެއްލޭގޮތަށް ޚަބަރާއި މައުލޫމާތު ޝާއިއުކޮށް ފަތުރަމުންދާކަން އެ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މީގެ ސަބަބުން އިޖްތިމާއީ އެތައް މައްސަލަތަކެއް އުފެދެމުންދާކަމުގެ ޝަކުވާ އާންމުންގެ ފަރާތުންވެސް ލިބިފައިވާކަމަށެވެ.
އެހެންކަމުން ކޮވިޑް-19 ވެކްސިންއާ ގުޅޭ ޚަބަރާއި މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި، ރާއްޖޭގައި ދިނުމަށް ކަމާބެހޭ ފަރާތްތަކުން މިވަގުތު ހުއްދަަ ދީފައިވާ ވެކްސިންތަކުގެ ރައްކާތެރިކަމާއިމެދު ރައްޔިތުންގެ މެދުގައި ޝައްކާއި ވަހުމްއުފެދޭ ގޮތަށް ހަޤީގަތާއި ޚިލާފް ދޮގު ޚަބަރާއި މައުލޫމާތު ނުފެތުރުމަށާއި، ވެކްސިންގެ މައުލޫމާތު އާންމު ކުރުމުގައި ސައްޚަ ތެދު މައުލޫމާތު ގެނެސްދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
އެމްއެމްސީން ވަނީ ކޮވިޑް-19 ވެކްސިންއާ ގުޅޭ މައުލޫމާތު ފެތުރުމުގައި އޭގެ ސައްޚަ މައުލޫމާތު ކަމާއިބެހޭ އިދާރާތަކުން ކަށަވަރު ކުރުމަށް އެދިފައެވެ.
ވެކްސިންއާ ގުޅޭ މައުލޫމާތު ހަވާލާދޭ މަސްދަރުތަކަކީ ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ އާއި ބައިނަލްއަޤްވާމީ އިދާރާތަކުގެ މިންގަނޑުތަކާއި އެއްގޮތަށް ޝާއިއުކޮށްފައިވާ މައުލޫމާތުކަން ކަށަވަރު ކުރުމަކީ ނޫސްވެރިންގެ ފަރުދީ އަދި ޕްރޮފެޝަނަލް ޒިންމާއެއްކަންވެސް މި ކައުންސިލުން ރާއްޖެގެ ނޫސްވެރިންނާއި މީޑިއާގެ އިސްވެރިންނަށް ހަނދާން ކޮށްދެން
މީގެއިތުރުން ކޮވިޑް-19 އާއި ގުޅޭ ޚަބަރާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ކޮންމެހެން ހިފަހައްޓަންޖެހޭ އުސޫލްތައް ބަޔާންކުރުމަށް އެ ކައުންސިލުން އެކަލަވާލާފައިވާ ކޮވިޑް-19 ނޫސްވެރިންގެ އަތްމަތީ ފޮތުގައި ދީފައި އިރުޝާދުތަކަށް ސަމާލުކަން ދިނުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮވިޑް-19 ވެކްސިންއަށް އާންމުން އިތުރަށް ހޭލުންތެރި ކުރުމަށާއި ސައްޚަ މައުލޫމާތު މިހާރުވެސް ގެނެސްދޭ މީޑިއާތަކުގެ މަސައްކަތް އެއެމްސީން ވަނީ ފާހަގަ ކޮށްފައެވެ. އަދި ވެކްސިންނާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ގެނެސްދެވޭ ކޮންޓެންޓް މިހާރަށްވުރެ އިތުރުކުރުމަށް އެކައުންސިލުން އެދިފައިވެއެވެ.