ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަންގްލަދޭޝް އަށް ފުރާވަޑައިގެންފިއެވެ.
ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޮމެންގެ ދައުވަތަކަށް ވެރިރަށް ޑާކާއަށް ކުރައްވާ ދަތުރުފުޅުގައި ދެ ގައުމު ދެމެދުގައި މަޝްވަރާތައް ބާއްވަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހާމިދު އާއި ބޮޑުވަޒީރު ޝެއިޚް ހަސީނާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ޝާހިދު ކުރައްވާނެއެވެ.
ފުރާވަޑައިގަތުމުގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، އެ ދަތުރުފުޅުގައި ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ދެ އެމްއޯޔޫއެއްގައި ސޮއިކުރެވޭނެ ކަމަށެވެ. އެއީ ބަންގްލަދޭޝްގެ ހިއުމަން ރިސޯސް މަސައްކަތްތެރިން ރާއްޖެ އައުމާއި ގުޅޭ އެމްއޯޔޫއަކާއި ދެ ގައުމުގެ ފޮރިން ސަރވީސް އެކަޑަމީގެ ދެމެދުގައި ކުރެވޭ އެމްއޯޔޫ އެއް ކަމަށް ވިދާޅުވިއެވެ.