ބޭ އަދަބީ ބަހުރުވަ އާއި ޖިންސީ އަމަލުތަކަށް ހިތްވަރު ލިބޭފަދަ މޭރުމުން މީޑިއާ ކޮންޓެންޓް ޝާއިއުކުރާ މީޑިއާތަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މީޑިއާ ކައުންސިލުން ދީފިއެވެ.
މީޑިއާ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ، ފަހަކަށް އައިސް ބައެއް މީޑިއާތަކުން ހަބަރާއި މައުލޫމާތު ފެތުރުމުގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ބޭއަދަބީ ބަހުރުވައާއި، މުޖުތަމައުގެ އަހުލާގީ މިންގަނޑާ ނުގުޅޭ ފޮޓޯ ބޭނުންކުރުމާއި، ބަދުއަހްލާގީ އަމަލުތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރު ލިބޭފަދަ މޭރުމުން މީޑިއާ ކޮންޓެންޓް ތައްޔާރުކޮށް ޝާއިއުކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑު" ގެ 9 ވަނަ އަދި 10 ވަނަ މާއްދާ އަށް ރިއާޔަތްކޮށް މީޑިއާ ކައުންސިލުން ވަނީ މީޑިއާތަކުން ކޮންމެ ބާވަތެއްގެ ހަބަރާއި މައުލޫމާތު ފެތުރުމުގައިވެސް އެ މިންގަނޑާ އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
ރިވެތި ބަސްމަގު ބޭނުންކުރުމަށާއި މުޖުތަމައުގެ އަހުލާގީ މިންގަނޑާ އެކަށޭނަ ފޮޓޯ ބޭނުން ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ޝާއިއުކުރާ ކޮންޓެންޓް ތަކަކީ އޭގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަސަރުފޯރާނެފަދަ ކަންކަމަށްވާތީ، ނޫސްވެރިންނާއި އެޑިޓަރުން އަދި މީޑިއާތަކުގެ ވެރިން އެކަމަށް ހާއްސަ ސަމާލުކަމެއްދީ ޒިންމާދާރުވާން ވަނީ މީޑިއާ ކައުންސިލް ވަނީ ގޮވާލާފައެވެ.