ބަޔާން މިއުނިކްއަށް ކުޅެމުން އަންނަ ޖަރުމަންގެ މަޝްހޫރު ފުޓްބޯޅަ ތަރި، ރޮބާޓް ލެވެންޑޯސްކީ އާއަހަރުގެ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.
އަހަރުގެ ފަހުވަގުތު ކޮޅުގައި އާޢިލާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންދާކަމަށް ބުނެ މީސްމީޑިއާގައި ލެވެންޑޯސްކީ ބައެއް ފޮޓޯވެސްވަނީ ޙިއްސާކޮށްފައެވެ. ނަމަވެސް އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ ކޮން ރިޒޯޓެއްގައިކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖެއަކީ ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.
ޑޯޓުމުންޑް ދޫކޮށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ލެވެންޑޯސްކީ ގުޅުނީ 2014 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އޭގެ ފަހުން ބަޔާންއާއެކު ގިނަ ކާމިޔާބުތަކެއް އޭނާ ވަނީ ހޯދައިފައެވެ. އެގޮތުން 5 ފަހަރު ބުންޑެސްލީގާގެ ޗެމްޕިއަންކަން އަދި ދެ ފަހަރެއްގެ މަތިން ޖަރުމަނު ކަޕް ކާމިޔާބުކޮށްފައިވެއެވެ.