މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު މާލޭގެ އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާއަކަށް ބަދަލެއްގެެ ގޮތުގައި އެންމެ 7،000ރ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

އެ އާއިލާގެ މެމްބަރަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ބުނީ، އިއްޔެ އެ އާއިލާގެ ފަރާތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް ގޮސްފައިވާ ކަމަށާއި، އެ އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި 7،150ރ ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވާ ކަމަށް ޑިޒާސްޓާއިން ބުނެފައިވާ ކަމަށެވެ.

އެބޭފުޅުން ވިދާޅުވީ، އަޅުގަނޑުމެންގެ އާއިލާއަށް 7،150ރ ބަދަލެއްގެ ގޮތުގައި ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވާ ކަމަށް. އެއީ ދައުލަތުން ދޭ 1،700ރ އާއި ރިލީފް އެކައުންޓުން ލިބުނު 5،450ރ. މިއީތޯ އަޅުގަނޑުމެންނަށް ހައްޤު މިންވަރަކީ؟

އަލިފާނުގެ ހާދިސާގައި ގެއްލުންވި ބައެއް އާއިލާތަކުން ދަނީ އެ އާއިލާތަކަށް ގެއްލުމުގެ ބަދަލު ނުލިބޭ ކަމުގެ ޝަކުވާ ކުރަމުންނެވެ. ނަމަވެސް ނޭޝަނަލް ޑިޒާސްޓޭ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ  ހާލުގައި ޖެހި ގެއްލުންވި މީހުންނަށް އެހީވުމުގެ ގޮތުން ގާތްގަނޑަކަށް 8.2 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ.

އެންޑީއެމްއޭ އިން އިއްޔެ ބުނީ އަލިފާނުގެ ހާދިސާއިން ހާލުގައި ޖެހުނު ހަތް ގޭބިސީއެއްގެ 29 މީހުން އަދިވެސް ވަގުތީ ހިޔާތަކުގައި އެބަ ތިބި ކަމަށާއި، އޭގެ ތެރެއިން ހަ ގޭބިސީއެއްގެ އާއިލާ ތިބީ ގާކޮށި ފްލެޓްތަކުގައި ކަމަށެވެ. އަދި އެ ހާދިސާގައި ރޯވެ އެނދި ހ. ކަޅުހުރާގޭގައި އުޅުނު މީހުން ވޭސައިޑްގައި ތިބިއިރު، ސަރުކާރުން ތިން މަހުގެ ކުލި އެ އާއިލާ ދީފައިވާ ކަމަށާއި އަދި ވީ އަވަހަކަށް ކުއްޔަށް ތަނެއް ހޯދައި އުޅެން ފެށުމަށް ނޯޓިސް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން ވަގުތީ ހިޔާތަކުގައި މިހާތަނަށް ވެސް އުޅެމުންދާ މީހުނަށް ހަތް ގޭބިސީގެ އާއިލާތަކަށް އާންމު ދިރިއުޅުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސައި، ހާދިސާ ހިނގިތާ ތިން މަސް ދުވަހަށް ބޭނުންވާ ކެއިން ބުއިމުގެ ފައިސާ ފޯރުކޮށްދީފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެ ގޮތުން މިދިޔަ ތިން މަހު ވަނީ އެ ކަމަށް 508،600 ރުފިޔާ ދީފަ އެވެ.

އެންޑީއެމްއޭ އިން ބުނި ގޮތުގައި އެ އޮތޯރިޓީގައި އޮންނަ މިންގަނޑާއި އުސޫލުތަކުގެ ދަށުން އަލިފާނުގެ ހާދިސާއިން ގެއްލުން ލިބުނު އާއިލާތަކަށް ފައިސާ ޖަމާކޮށް ދިނުމަށް ފިނޭންސް މިނިސްޓްރީއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އެގޮތުން 115 ގޭބިސީއެއްގެ އާއިލާތަކަށް ލިބުނު ގެއްލުމަށް 7.8 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، އެއީ ހާލުގައި ޖެހުނު އާއިލާތަކަށް ލިބުނު ގެއްލުންތަކުގެ ގާތްގަނޑަކަށް 88 ޕަސެންޓެވެ. މި އެހީއާއި އެހެނިހެން އެހިތަކާއެކު ގާތްގަނޑަކަށް 8.2 މިލިއަން ރުފިޔާއަށް އެހީގެ އަދަދު އަރާ ކަމަށްވެސް އެންޑީއެމްޢޭއިން ބުނެއެވެ. އޭގެ ތެރެއިން 5.3 މިލިއަން ރުފިޔާ އަކީ އެންޑީއެމްގެ މިންގަނޑުތަކާއި އުސޫލުތަކުގެ ދަށުން ސީދާ ސަރުކާރުން ހަމަޖައްސައިދޭ ފައިސާ އެވެ. ބާކީވާ ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާއަކީ އެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ދޭން ބޭނުންވާ އެކިއެކި ފަރާތްތަކުން ހަދިޔާ ކޮށްފައިވާ ފައިސާ އެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ހުޅުވި ރިލީފް އެކައުންޓްގައި އަދިވެސް ބާކީ ގާތްގަނޑަކަށް 36،000 (ތިރީސް ހަ ހާސް) ރުފިޔާ އެބަ ހުރި ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. 

އެންޑީމްއޭއިން ބުނީ، އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހި ގެއްލުންވި އާއިލާތަކަށް ސަރުކާރުން ހަމަޖައްސާފައިވާ އެހީގެ މައުލޫމާތުތައް އެ އާއިލާތަކަށް ހިއްސާ ކުރަމުންދާ ކަމަށެވެ. ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި އެ އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެފައިވާއިރު، 786 ފަރާތަަކަށް ވަނީ އަސަރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *