ދިވެހި ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއިމެދު އެންމެ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަކީ އެ މަސައްކަތް ނިމުމަކާއި ގާތްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޕޮލިސް ބޯޑަށް އާއްމުންގެ ތެރެއިން މެމްބަރަކު އައްޔަނުކުރުމާއި ގުޅިގެން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ މީގެ 9 އަހަރު ކުރިން އޭރުގެ ވެރިކަން ވައްޓާލުމަށް ފުލުހުން ނުކުމެ، އެތައް ބަޔަކަށް އަނިޔާ ދިން ހާދިސާ ހަނދާނަށް ގެންނަވާފައެވެ. އަދި އެ ދުވަހު އަނިޔާ ލިބުނު ގިނަ ފަރާތްތައް މިއަދު ތިއްބެވީ ދައުލަތުގެ މަތީ މަގާމުތަކުގައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އަގުލަބިއްޔަތު، އެމްޑީޕީއަށް ރައްޔިތުން ދިނީ އޭރު އޮތް ސަގާފަތް ބަދަލުކުރުމަށް ކަމަށެވެ.
ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަސައްކަތުގެ އެންމެ ފަހު މަރުހަލާގައި މިއަދު ތިބުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ބޯޑު އެކުލަވާލެވުމުން އޭރު މިއުޓިނީއަށް ބާރުދިން ފުލުހުންނަށް ފިޔަވަޅު އަޅާ އެ ހިދުމަތަކީ ޕްރޮފެޝަނަލް ހިދުމަތަކަށްވެ، އާއްމުންގެ ލޯބި ލިބޭ ހިދުމަތަކަށް ހެދުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މިއަދު އަޅުގަނޑަށް ލިބޭ އުފަލެއް މިއީ ހިތް ހަމަޖެހުމެއް، މި މަސައްކަތުގެ އެންމެ ފަހު ތުންފަތުގައި ތިބުމުގެ ވަގުތާއި އަޅުގަނޑުމެން އައިސް ހުއްޓޭކަމީ. އިރާދަ ކުރެއްވިއްޔާ ފުލުހުންގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހޮވުމަށް ކުރިމަތިލާނީ ބަޣާވާތުގެ އަމަލުތައް، މިއުޓިނީގެ މަސައްކަތްތައް ފުލުހުންގެ ތެރޭގައި ހިންގި މީހުންނާއި ގުޅޭ ގޮތުން ފިޔަވަޅު އެޅި، އަދި ހަމަ އެއާއި އެކުގައި ފުލުހުންގެ މަސައްކަތްތަކަކީ ޕްރޮފެޝަނަލް ފަންނީ، ދިވެހި ރާއްޖޭގެ ތަރައްގީއަށް، ދިވެހިންގެ އާއްމު ހާލަތަށް ދިވެހިންގެ މަސްލަހަތަށް ދިވެހިންގެ ކުރިއެރުމަށް އޮތް ދިވެހިން ލޯބިވާ ދިވެހިން އިހުތިރާމްކުރާ ޚިދުމަތަކަށް އެ ޚިދުމަތްވެ، ދިއުން.
މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ނިންމި އެންމެ މުހިއްމު އެއް މަސައްކަތަކީ ފުލުހުންގެ ހިދުމަތުގެ ބިލެއް ހުށައަޅާ އެ ބިލަށް މުހިއްމު އިސްލާހުތަކެއް ގެނައުމެވެ. މަޖިލީހުން ފާސްކުރި މި ގާނޫނުގައި ވާގޮތުން ފުލަހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚުތިޔާރު ނަހަމަގޮތުގައި ބޭނުންކޮށް ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރިޕޯޓްކުރެވިފައިވާ އޮފިސަރުންނަކީ އެ މަގާމުތަކަށް ގާބިލުކަން ހުރި އޮފިސަރުން ކަމާމެދު ގޮތެއް ނިންމޭނެއެވެ. އަދި ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް މުހިއްމު އިސްލާހުތަކެއް ގެނެސްފައިވެއެވެ.