ރާއްޖެއިން ވެކްސިން ޖަހަން ފަށާފައިވާއިރު، ވެކްސިން ޖެހި މީހުންނަށް ސިއްހީ ގޮތުން ނުރައްކަލެއް ދިމާވެފައިނުވާ ކަމަށް ހެލްތް އިމެޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
ރޭ އެޗްއީއޯސީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ވެކްސިން ޖަހަންދާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި، ވެކްސިން ޖެހި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ސިއްހީ ގޮތުން ބޮޑު ކަމެއް ދިމާވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހިފައިނުވާ ކަަމަށެވެ.
ނަމަވެސް ވެކްސިން ޖެހި ބައެއް މީހުންގެ ފަރާތުން ހުން އައުމާއި ގައިގައި ރިއްސުމާއި ވެކްސިން ޖަހައި ތަންތަނަށް ތަދުވުން ފަދަ ކަންތައްތައް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެކްސިން ޖަހަން ދާއިރު ދޫ ހެދުމެއް ލައިގެން ދިޔުމަށާއި، ރަނގަޅަށް ކައިގެން ދިޔުމަށް ނަޒްލާ ވަނީ އެދިފައެވެ. އޭނާ ވިދާޅުވީ، ރަޖިސްޓްރީނުކޮށްދާ ފަރާތްތަކަށްވެސް ވެކްސިން ޖަހަމުން ދާނެ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް 9752 މީހަކަށް ވަނީ ވެކްސިން ޖަހާފައެވެ.