މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އެޕިލެޕްސީ ދުވަހެވެ. ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ދެވަނަ ހޯމަ ދުވަސް ދުނިޔޭގެ 130ށް ވުރެ ގިނަ ގައުމުތަަކުގައި ފާހަގަކުރަމުންދަނީ އެޕިލެޕްސީ ހުންނަ މީހުންނަށް ދިމާވާ ކަންކަމާއި، އެކަމުގެ ސަބަބުން އާއިލާއަށާއި އަދި އެ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ދިމާވާ ގޮންޖެހުންތަކުގެ މައުލޫމާތު ހިއްސާކޮށް ހޭލުންތެރި ކުރުމަށެވެ. ކޮންމެއަކަސް ދުވަހުގެ މުނާސަބާއާއި ގުޅިގެން އަޅުގަނޑު އަމިއްލައަށް ތަހައްމަލު ކުރަމުންދާ ކަންތައް ހިއްސާކޮށްލާނަމޭ ހިތަށް އެރިއެވެ.

އަޅުގަނޑަކީ އެއްވެސް ސިއްހީ ބޮޑު މައްސަލައެއް ތަހައްމަލުކޮށް ބޭސް ކުރަމުންދާ މީހެއް ނޫނެވެ. ނަމަވެސް، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހަކީ އަޅުގަނޑުގެ މުޅި ހަޔާތް ބަދަލުކޮށްލި އެއް ދުވަހެވެ. ނޫސްވެރިއަކަށް ވުމުން، ކެމެރާ ކުރިމަތީގައި އަޅުގަނޑު ދިޔައީ ވާހަކަ ދައްކަމުންނެވެ. އެހެން ދުވަސްތަކާއި ހިލާފަށް އެ ދުވަހު މާ ބޮޑަށް އަނގައޮޅުނެވެ. ހަމަ އެއްތަންކޮޅެއްގައި އަޅައިގަނެ 5 ވަނަ ފަހަރު އެހެންވީ ތަނާ ކުއްލިއަކަށް އަޅުގަނޑަށް ނޭވާ ނުލެވި ވެއްޓުނެވެ. ދެން އެހިސާބުން ވީނުވީއެއް ނޭނގި ހޭލެވުނީ އޭގެ އިރުތަކެއް ފަހުން ހޮސްޕިޓަަލުގައި އޮއްވާއެވެ.

އެކި ޒާތްޒާތުގެ ޓެސްޓްތައް ހެދުމަށް ފަހު ނިއުރޮލިޖިސްޓަަކަށް ރިފަރކޮށް އެނގިގެންދިޔައީ އަޅުގަނޑު ފިޓު ޖެހުނުކަމެވެ. އެއިރު އަޅުގަނޑުގެ އުމުރުން 21 އަހަރެވެ. ހޯދި އެކި މައުލޫމާތުތަކުން އުމުރުގެ އެކި ހިސާބުންވެސް އަލަށް މިކަންދިމާކަން އެނގުނެވެ. އަޅުގަނޑަށް އެކަން ދިމާވީ އަލަށެވެ. އަދި، އެ ނޫނަސް އެކި ގޮތްގޮތަށް އާއިލީ ކަމެއްގެ ގޮތުގައިވެސް އެކި މީހުންނަށް ބަލި ޖެހެއެވެ. ޑޮކްޓަރު ވަރަށް ރަނގަޅަށް އާއިލާއަށް އަދި އަޅުގަނޑަށްވެސް ދެން އަމަލުތައް ބަހައްޓަންވީ ގޮތް ކިޔައިދިނެވެ.

ދެން އައީ ހަޔާތުގައިވެސް އަޑުއިވޭނެ ހިތްދަތި ވާހަކަތަކެވެ. ވަކި މުއްދަތެއް ވަންދެން ކޮންޓްރޯލްޑް ޑްރަގްސް ނުވަތަ ވަކި ބާވަތެއްގެ ބޭހެއްކާން އެންގިއެވެ. އެކި މީހުންނަށް ބޭސް ދިނުމުގައި ހާލަތަށް ބަލައި ޑޯސޭޖް ކަނޑައަޅާއިރު، އަޅުގަނޑަށްވެސް އެބީދައިން ޑޯސޭޖެއް ކަނޑައަޅައި މުއްދަތެއް ދިނެވެ. އަދި ކޮންމެ ދުވަހު ވަކި ގަޑިތަކެއްގައި ގަޑި ނުޖެހި ބޭސްކެއުމަށާއި ބޭސްނުކައިފިނަމަ ވާނޭ ގޮތްވެސް ކިޔައިދިނެވެ. މިކަމުގެ ސަބަބުން އެ މީހަކަށް ސައިކޮލޮޖިކަލް ސަޕޯޓް ދިނުމަށްވެސް ޑޮކްޓަރުން ތައްޔާރުވެއެވެ. ތެރެޕީ ދީ މިކަމާއި ޑީލް ކުރާނެ ގޮތާއި މެދުވެސް އެތައް ވާހަކަތަކެއް ދެކެއެވެ.

ހަގީގަތުގައި އެންމެ އުނދަނގޫ ތަންކޮޅަކީ، ދެން އެއާއެކު އައި ބަދަލުތަކެވެ. ބާރުގަދަ ބޭސްކާން ޖެހި މީހާގެ ހެލިފެލިވުމަށް އައި ބަދަލުތަކެވެ. އަވަހަށް ވަރުބަލިވުމާއި ބޮލުގައި ރިއްސުމާއި ކިރިޔާ ބޭސްކެއުން ލަސްކޮށްލައިފިނަމަ ދިމާވާ އުނދަގޫތަކެވެ. މި ބޭހަކީ، އެމީހާގެ ސިކުނޑީގައި ހުންނަ އެބްނޯރމަލިޓީސް ކޮންޓްރޯލް ކުރުމަށް ދޭ ބާރުގަދަ ބޭހަކަށް ވުމާއިއެކު، ގިނަ ސައިޑްއިފެކްޓްސްތަކެއް ހުރެއެވެ. ދެންމެ ފާހަގަކުރި ކަންތައްތަކުގެ އިތުރަށް ރުޅިއައުން، ހުންއައުން، ކާހިތްނުވުން، ބޯއަނބުރާ ގޮތްވުން ހިމެނެއެވެ.

މީގެއިތުރަަށް ޑޮކްޓަރު އާންމުކޮށް، 1 އަހަރު ވަންދެން އުޅަނދެއް ނުދުއްވުމަށްވެސް އަންގައެވެ. އެއީ އެމީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. އަދި މީގެއިތުރަށް ފުރަތަމަ ދުވަސްވަރުގައި ގިނަގިނައިން އިމަރޖެންސީ ރޫމަށްދާންޖެހުނެވެ. ކާ ބޭހުގެ އިތުރަށް ކޮންޓްރޯލްނުވެ އިތުރަށް އިންޖެކްޝަން ޖަހައިގެންވެސް ކޮންޓްރޯލް ކުރަންޖެހެއެވެ. އެގޮތަށް ހޭނިއްޖެނަމަ، އެޓޭކެއް އަންނަހެން ހީވަންޏާ އަމިއްލަ އަށް ކޮންޓްރޯލްކުރުމުގެ ބަދަލުގައި ހޮސްޕިޓަލަށް ގޮސް އިންޖެކްޝަން ޖަހައި އެޑްމިޓްވާން އަބަދު ޖެހޭނެއެވެ. ފުރަތަމަ ދުވަސްވަރުގައި އަަޅުގަނޑަށް އެހެންވި ނަމަވެސް އަމިއްލައަށް ކޮންޓްރޯލްކުރަން ފަހުން ދަސްކުރަން މަޖުބޫރުވިއެވެ. އެއީ ސިއްހީ ގޮތުން، ޑޮކްޓަރު އެންމެ ބޮޑަށް އިރުޝާދު ދިން އެއްކަމެވެ.

އެޕިލެޕްސީ ޑޭ ކޮންމެ އަހަރަކުވެސް ފާހަގަ ކުރަނީ ފެބްރުއަރީ މަހުގެ ދެވަނަ ހޯމަ ދުވަހު

ދުނިޔޭގެ އާބާދީގެ 65 މިލިއަން މީހުން އެޕިލެޕްސީއަށް ބޭސްކުރަމުންދާއިރު އަޅުގަނޑުވެސް މިއީ އޭގެ ތެރެއިން އެކަކެވެ. އުނދަގޫ ނަމަވެސް، ރަނގަޅަށް އެކަންކަމާއިއެކު އުޅެން ދަސްވެއްޖެނަމަ ދެން ކުރިމަތިވާނެ އިތުރު ހުރަހެއް ނާންނާނެއެވެ. ބޭސްކައިގެން ރަނގަޅުވާހެން ހީވިއަސް، އަދި ބޭސްނުކައި އުޅެވިދާނެކަން ގަބޫލުކުރެވުނަސް ޑޮކްޓަރުގެ އިރުޝާދާއި ނުލައި ހުއްޓައިނުލާށެވެ. އެފަދަ ގިނަ ކޭސްތަކެއް ހިނގައި، ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެކި ނަންނަމުގައި ރާއްޖޭގަައި ސޮސައިޓީތައް ހުއްޓަސް، އެކްޓިވް އެޕިލެޕްސީ ސޮސައިޓީއެއް އަޅުގަނޑަކަށް ނުފެނެވެ. މި އުނދަގޫތަކާއި އެކު އުޅެން އެންމެ ފަސޭހަވި ކަމަކީ އާއިލާގެ އެހީތެރިކަމާއި ލޯބިވާ އަދި އަޅުގަނޑަށް ނަސޭހަތްދޭ މީހުންގެ ސަބަބުންނެވެ. އަދި، އުނދަގޫވެ ބޮޑަށް ވިސްނައިފިނަމަ، އިތުރަށް ކަންކަން ގޯސްވާކަން ދަނެ، ތެރަޕީ ނެގުމަށް ފަސްނުޖެހޭށެވެ. އެއީވެސް ވަރަށް ބޮޑު އެހީތެރިކަމެވެ.

ދުވާލަކު 2 ފަހަރަށް ހައި ޑޯސޭޖްގެ ކޮންޓްރޯލް ޑްރަގްސް ކެއަސް، އަދި އެކަމަށް ހޭނިއްޖެނަމަ "ނޯރމަލް" މީހެކޭ ތިމާއެކޭ ތަފާތެއް ނުހުންނާނެއެވެ. ބައެއް ފަހަރު އުނދަގޫވެ ސަކަރާތްވިޔަސް އަމިއްލައަށް އެކަން ކޮންޓްރޯލްކުރަން ދަސްކުރަންވީއެވެ. ވަގުތު ނަގާނެއެވެ. އެހެން ނަމަވެސް މިއީ މި ބަލި ތަހައްމަލުކުރާ މީހެއްގެ ހައިސިއްޔަތުން ދޭނެ އެއް ޔަގީންކަމެވެ.

3
1
4
31
6

މިލިޔުމާއި ގުޅޭ

2 ކޮމެންޓް

  1. ޔޫ އާ ދަ ބްރޭވަސްޓް! ކީޕް ގޮއިން!

  2. ސްޓޯރީކިޔާ ނިނުނުއިރުވެސް އެހާ މަދުން ފެންނަ މިބަލީގެ ތަފްސީލެއް ނޭނގުނު. ބަލީގެ ޢަލާމާތެއްވެސް ނޭނގުނު. ރަނގަޅުވާކަމެއް އަދި ބޭހާއެކު އުޅެން ގެނައި ބަދަލެއްވެސް ނޭނގުނު.

    8
    2

ކޮމެންޓް

Your email address will not be published.