ދިވެހިރާއްޖޭގައި ބްރާޑްކާސްޓް ކުރުމުގެ ލައިސެންސް އައު ފަރާތަކަށް ދޫކޮށްފިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ބްރޯޑްކާސްޓްކުރުމުގެ ލައިސެންސް ދޫކޮށްފައިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑަށެވެ. މި ކުންފުނީގައި ހިމެނެނީ 4 ބޯޑު މެންބަރުންނެވެ. އެއީ، އަޙްމަދު އިފްތިޚާރު (މ.ލިއުޒީނިޔާ)، ލަމްޔާ އިބްރާހިމް (މއ.ނޫރީ)، ފާތިމަތު ފަޒްލީނާ ފާކިރު (ސައްކެޔޮގެ، ސ.ފޭދޫ) އަދި އާދިލް އިސްމާއިލް (މ.ސަންބީލް) އެވެ. ބިޒިނަސް ސެންޓަރ ކޯޕަރޭޝަނަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ 2017 ވަނަ އަހަރުއެވެ.
މިއަދު ދޫކޮށްފައިވާ މި ލައިސެންސަކީ މޯލްޑިވްސް ބިޒްނަސް ނެޓްވާރކް ހިންގުމަށް ދޫކޮށްފައިވާ ލައިސެންސެކެވެ. ދިހަ އަހަރުގެ މުއްދަތަކަށް ދޫކޮށްފައިވާ މި ލައިސެންސް ހަމަވާނީ 6 ފެބްރުއަރީ 2031 ގައެވެ.
ބްރޯޑްކާސްޓިންގ ލައިސެންސަށް އެދުމުގެ ފުރުސަތު ބްރޯޑްކޮމް އިން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 5 އަހަރުގެ މުއްދަތަކަށެވެ. ލައިސެންސް ދޫކުރުމަށް ނިންމާފައިވާ މީޑިއަމްތަކުގެ ތެރޭގައި ހިމެނެނީ ޓެރެސްޓްރިއަލް، ކޭބަލް ނެޓްވާރކް، ސެޓެލައިޓް، މޯބައިލް ނެޓްވާރކް، އިންޓަރނެޓް، އަދި ކޮމިޝަނުން ފާސްކޮށްފައިވާ އެހެނިހެން މީޑިއަމްތަކެވެ. މި މީޑިއަމްތަކުން މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސެންސް ދޫކުރެވޭނެއެވެ.
ބްރޯޑްކޮމްއަކީ ބްރޯޑްކާސްޓް ކުރުމަށް ދޫކުރެވޭ ފްރީކުއަންސީތައް ބޭނުންކުރާނެ ގޮތުގެ ޕްލޭންއެއް އެކުލަވާލައި، ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމުގެ ކަންތައްތައް ބެލެހެއްޓުން ގާނޫނުން މަތިކޮށްފައިވާ ކޮމިޝަނެވެ.