އުރީދޫ މޯލްޑިވްސް އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށް ވުން ނުވަތަ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކީ ގާނޫނީ ޝަޚްސެއްނަމަ، އެ ޝަޚްސުގެ ފަރާތުން ހުށަހަޅާ ފަރާތެއް ކަމުގައި ވުން ހިމެނެއެވެ.

އަދި ކުންފުނީގެ ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން 14 ޖަނަވަރީ 2015 ގެ ތާރީޚުގައި އާންމުކޮށްފައިވާ "ކޯޕަރަޓް ގަވަރނަންސް ކޯޑް" ގައި ބަޔާންކުރެވިފައިވާ ފެންވަރުތަކާއި ޝަރުތުތައް (އިންޑިޕެންޑަންޓް ޑިރެކްޓަރގެ ޝަރުތު ހިމެނޭގޮތަށް) ހަމަވާ ފަރާތެއް ކަމުގައި ވުމާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނި ތަކުގެ ބޯޑް ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕަރ" މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވެސް އެމީހަކު ވާން ޖެހޭނެއެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީގޮތުން ބަލައިގަންނަ ޔުނިވަރސިޓީ އަކުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވުމާއި ބައިނަލްއަޤްވާމީ ނުވަތަ ދިވެހިރާއްޖޭގެ ކުންފުންޏެއްގެ އިސް މަގާމެއްގައި މަދުވެގެން 10 (ދިހަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުމާއި މަދުވެގެން 1 (އެކެއް) އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ޚިދުމަތުގެ ރިކޯޑު ފެންނަން އޮތުމަކީ ވެސް ޝަރުތެކެވެ.

މީގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، 2 (ދޭއް) ލިސްޓަޑް ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް ވުރެ ގިނައިން މިވަގުތު ހުރި ފަރާތަކަށް ނުވުމަކީވެސް ޝަރުތެކެވެ.

ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީއިން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމިޓީ އިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެއެވެ. އަދި 2020 ވަނަ އަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާއެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިޚާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި އިއުލާނު ކުރާނެއެވެ.

16 ޑިސެންބަރު 2019 ވީ ހޯމަ ދުވަހު ބާއްވާފައިވާ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގައި ހިއްސާދާރުން އިސްލާހު ކުރަން ފާސްކޮށްފައިވާ، ކުންފުނީގެ ހިންގާ ގަވާއިދުގެ 110 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު އެމަގާމުގައި ދެމިހުންނާނީ ޑިރެކްޓަރުކަމަށް އިންތިޚާބުކުރެވޭ އަހަރީ އާންމު ޖަލްސާއިން ފެށިގެން ތިންވަނަ އަހަރީ އާންމު ޖަލްސާގެ ފެށުމާ ހަމައަށެވެ. އެހެންކަމުން، 2020 ވަނަ އަހަރުގެ މާރިޗު މަހުގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި އިންތިޚާބުކުރާ ޑިރެކްޓަރު، އެ މަގާމުގައި ދެމިހުންނާނީ 2022 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާއާ ހަމައަށެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް އިން ލިބޭނެއެވެ. އަދި، ފިޒިކަލް ފޯމު، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، ހ.ސަންލީޓު (5 ވަނަ ފަންގިފިލާ)، ބޮޑުތަކުރުފާނު މަގު، މާލެ، އިން ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ (އާދިއްތަ އިން ބުރާސްފަތި ދުވަހަށް) ހެނދުނު 8:30 އިން ހަވީރު 4:30 އަށް ލިބޭނެއެވެ.

އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ހ.ސަންލީޓު (5 ވަނަ ފަންގިފިލާ)، ބޮޑުތަކުރުފާނު މަގު، މާލެ އަށެވެ. އަދި ފޯމު އީމެލް ކުރައްވާނަމަ، [email protected] އަށް އީމެއިލްކުރެއްވުމަށް އުރީދޫ އިން އެދެއެވެ. އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 20 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *