އެމް.އެމް.އޭ -- ފޮޓޯ: އަވަސް

އާންމު ރައްޔިތުންގެ އެކައުންޓްތަކުގައި ހުރި ފައިސާތައް ނެގުމަކީ ރާއްޖޭގެ މަރުކަޒީ ބޭންކުން ކުރާނެ ކަމެއް ނޫންކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ބުނެފިއެވެ.

އެމް.އެމް.އޭ އިން މިފަދައިން ބުނެފައިވަނީ، ރާއްޖޭގެ ޑޮލަރުގެ އަގު ހިފެހެއްޓުމުގެ ގޮތުން އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކުގައި ހުރި ބޭރު ފައިސާތައް ދައުލަތައް ނެގުމާއި ގުޅޭ ގޮތުން މި ސަރުކާރުން މަޝްވަރާ ކުރަމުން ދާކަމަށްބުނެ ރާއްޖޭގެ އޮންލައިން ނޫހަކުން ލިޔެފައިވާ ލިޔުމަކާއި ގުޅިގެންނެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާރޒް އިބްރާހިމް އަމީރު ޕީ.އެސް.އެމް އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ، ރާއްޖޭގައި ޑޮލަރުގެ އަގު ހިފެހެއްޓުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އެގޮތުން، ކޮންމެ ފަރާތަކަށްވެސް 15.42 ގެ ރޭޓުގައި ޑޮލަރު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަކަމަށް އަމީރު ވިދާޅުވިއެވެ. މި މަސައްކަތް އެމް.އެމް.އޭ އާ ގުޅިގެން ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން، އިގްތިސާދު ޑީޑޮލޮރައިޒް ކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ އެކައުންޓް ތަކުގައި ހުރި ފައިސާތައް ދައުލަތަށް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް "ދިޔަރެސް" ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. މިކަމަށް ރައްދު ދެމުން އެމް.އެމް.އޭ އިން ބުނެފައިވަނީ، އަމިއްލަ އެކައުންޓްގައި ހުރި ޑޮލަރު ސަރުކާރަށް ނެގުމަކީ އެއްވެސް އިރެއްގައި އެ އޮތޯރިޓީ އިން ކުރާނެ ކަމެއް ނޫންކަމަށެވެ.

މީގެއިތުރުންވެސް، ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ގާނޫނީ އޮނިގަނޑު އިސްލާހު ކުރުމުގެ މަސައްކަތް އެމް.އެމް.އޭ އިން މިހާރު ކުރަމުންދާ ކަމަށާއި، މި ބަދަލުތަކާއެކު ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭރު ފައިސާ ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެކަމަށްވެސް އެމް.އެމް.އޭ އިން ވަނީ ބުނެފައެވެ.

ރާއްޖޭގައި މިހާރު ޑޮލަރު ލިބުން ދަތިވެ، ޑޮލަރުގެ އަގު ވަނީ 18ރ އަށް އުފުލިފައެވެ. މިއީ ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އައި ހީނަރުކަމުގެ ސަބަބުން ކުރިމަތިވި ޑޮލަރުގެ ޝޯޓޭޖެކެވެ. އެހެންނަމަވެސް، އިގްތިސާދު ހަމަ މަގަށް އެޅުމާއެކު އަނެއްކާވެސް ޑޮލަރުގެ އަގު ތިރިވާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *