ދިރާގުން މަކަރާއި ހީލަތް ހަދައި އޮޅުވައިލާ ކަމުގެ ވާހަކަތައް ޢާންމުވެފައިވާތީ ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ކަންތައްތައް ބަލަހައްޓާ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓު އޯންޑް އެންޓްޕްރައިސަސް (އެސްއޯއީ) ކޮމެޓީއަށް އެމައްސަލަ ހުށަހަޅުއްވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިންމަވައިފިއެވެ.
މިމައްސަލަ މަޖިލިހުގެ ކޮމިޓީއަށް ހުށަހަޅުއްވަން ނިންމަވާފައި ވަނީ ރައްޔިތުން މަޖިލިހުގެ އިސްދޫ ދާއިރާ މެންބަރު ޢަލީ ޙަމީދެވެ.
އަލީ ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިރާގަކީ މިސަރަހައްދުގައި އިންޓަނެޓްގެ ޚިދުމަތުން އެންމެ ބޮޑު އަގު ނަގާ ކުންފުނި ކަމަށެވެ. އަދި ދިރާގުން ދޭ ހިދުމަތުގެ ފެންވަރުދަށް ކަމަށްވެސް އަލީ ހަމީދު ވިދާޅުވިއެވެ.
"ދޭ ޚިދުމަތުގެ ފެންވަރުދަށް. ދިރާގުން މަކަރާއި ހީލަތް ހަދާ ވާހަކަ އާއްމު ވެފައި ވާތީ ރައްޔިތުންގެ މަޖިލިސްގެ އެސްއޯއީ ކޮމެޓީން މިކަން ބަލައި ތަޙްޤީޤު ކުރަން އަޅުގަނޑު ހުށަހަޅާނަން." އަލީ ޙަމީދު ވިދާޅުވިއެވެ.
މަޖިލީހުގެ ކޮމެޓީ ބައްދަލުވުންތައް ދެން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ދިރާގުގެ މައްސަލައެއް އެސްއޯއީ އަށް ހުށަހަޅުއްވަން މެންބަރަކު ނިންމަވާފައި ވާއިރު ދިރާގާއި މެދު އާއްމުންގެ ގިނަ ޝަކުވާތަކެއް އެބަހުއްޓެވެ. ހާއްސަކޮށް އިންޓަނެޓް އަގު ބޮޑުވުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ.