ޒުވާނުންނަށް ހާސްކަމެއްނެތި ސަމާސާކޮށްލައި އެއްވެ ތިބެވޭނެ މަރުކަޒެއް ގާއިމުކޮށް ދިނުމަށް ސަރުކާރަށް ގޮވާލާ ހުށައަޅާފައިވާ ގަރާރުގެ ބަހުސް މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި އިބްތިދާއީ ބަހުސްކުރުމަށް ހަމައެކަނި އެޖެންޑާ ކުރެވިފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށައެޅުއްވި މި ގަރާރަށެވެ.
މި ގަރާރުގައި ހަސަން ލަތީފް ވަނީ ވަނީ މާލެއަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު ވެސް، ޒުވާނުންނަށް ފަސޭހަކަމާއިއެކު މިއުޒިކް އަޑުއަހާލާ، އެކުވެރިންނާ ބައްދަލުކޮށް، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށް ދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
މީގެއިތުރުން ރިޔާސަތުން ހުށައަޅާ ތިން ކަމެއް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެއެވެ. އެއީ އިލެކްޝަން ކޮމިޝަނަށާއި ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެމްބަރުން އައްޔަނުކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވުމެވެ. އަދި ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެމްބަރެއް އައްޔަނު ކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވުމެވެ.