ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެއްޗާއި އެކު ފެނުނު އިރާން ބޯޓުގެ މައްސަލައިގައި ޑީޕޯޓްލިރުމަށް ނިންމާފައިވާ ހަތް މީހުން ބައިތިއްބާނެ ތަނެއް ނެތިގެން އިމިގްރޭޝަނުން އެމީހުންނާއި ހަވާލުނުވުމުން މާލޭ މަގުމަތީގައި ސަލާންޖަހަން އެމީހުން އެބައުޅޭ ކަމަށް "ރާއްޖެ އެމްވީ" އިން ބުނެފިއެވެ.

އޮންލައިން ނޫސް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަނުން ވިދާޅުވެފައި ވަނީ މޯލްޑިވިސް ޕޮލިސް ސާރވިސް އިން އެ ހަތް މީހުން ހަވާލުކުރުމަށްޓަކައި އިމިގްރޭޝަނަށް ގުޅާފައިވާކަމަށާއި ނަމަވެސް އިމިގްރޭޝަން ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ޖާގަ ނެތް ވާހަކަ ފުލުހުންނަށް އަންގާފައިވާނެކަމަށެވެ. އަދި އިމިގްރޭޝަނުން ބުނެފައިވަނީ ޖާގަ ނެތުމުން ފުލުހުން އެ ހަތް މީހުން އިމިގްރޭޝަނާއި ހަވާލުނުކުރާކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ފަރާތްތައް ޑީޕޯޓްކުރުމަށް ޕީޖީން ނިންމުމާއި ގުޅިގެން، އިމިގްރޭޝަނާއި އެމީހުން ހަވާލުކުރުމަށް މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ފުލުހުން މަސައްކަތް ކުރި ނަމަވެސް ޖާގަ ނެތުމުން އިމިގްރޭޝަނުން އެމީހުންނާއި ހަވާލުވެފައިނުވާކަމަށެވެ.

ފުލުހުން ވިދާޅުވީ، އެމީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.

ޑީޕޯޓްކުރަން ނިންމި ހަތް މީހުންގެ ތެރެއިން ބައެއް މީހުން މާލޭ މަގުމަތީ ސަލާންޖަހަން އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އީރާން ބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ދައުވާ ނުކުރަން ޕީޖީއިން ނިންމީ އެމީހުން ރާއްޖޭގެ ކަނޑުގެ ސަރަހަދަށް ވަނީ ބޯޓުގެ އިންޖީން ހުއްޓިގެން ކަމަށް ވެފައި އެބޯޓުން ފެނުނު މަސްތުވާތަކެއްޗާއި އެއްވެސް ދިވެއްސަކާއި ގުޅުމެއް ނެތުމުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.