ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެރޭ މާލޭގެ އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އަދިވެސް ފައިސާ ނުލިބޭ ކަމަށާއި، ޑިޒާސްޓަރ މެނޭޖްމެންޓުން ދަނީ އެކި ބަހަނާތައް ދައްކާ ފައިސާ ދޫނުކޮށް ހިފަހައްޓަމުންކަމަށް އެ ހާދިސާގައި ގެއްލުންވި އާއިލާތަކުން ބުނެފިއެވެ.

ނަން ހާމަ ނުކުރަން ޝަރުތުކޮށް އެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ މިހާތަނަަށް އައިއިރުވެސް ރިލީފް ފަންޑަށް ލިބުނު ފައިސާއެއްވެސް އަދި އެނޫންވެސް ގެއްލުމުގެ ބަދަލެއް ލިބިފައި ނުވާކަމަށާއި، އޭގެ ބަދަލުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓްގެ ފަރާތުން ކުރަމުންދާކަމަކީ އެކި ބަހަނާތައް ދައްކައި އެ ފަރާތުގެ އިހުމާލުތައް ފޮރުވުން ކަމަށެވެ.

އަދި އެންމެ ފުރަތަމަ ޑިޒާސްޓަރ މެނޭޖްމެންޓުން ނިންމީ ގެތައް ތަޅާލަން ކަމަށާއި ނަމަވެސް ފަހުން ނިންމާފައިވަނީ ގެތަކުގެ ސްޓްރަކްޗްރަލް އެސެސްމެންޓެއް ހެދުމަށްފަހު ގެއްލުމުގެ ބަދަލުދިނުމަށް ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް އެސެސްމެންޓް ހަދާ ނިމި އެތައް ދުވަހެއް ފާއިތުވެ ގޮސްފައިވާއިރުވެސް، ފައިސާ ނުލިބޭ ކަމަށް އޭނާ ފާހަގަކުރިއެވެ. އެގޮތުން އެ ފައިސާ ދޫނުކުރެވި ވަނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުލިބިގެންކަމަށް ޑިޒާސްޓަރ މެނޭޖްމެންޓުން އެ ފަރާތްތަކަށް މައުލޫމާތު ދީފައިވާކަމަށް އެފަރާތުން ބުންޏެވެ.

އޭނާ ފާހަގަކުރި ގޮތުގައި ގެއްލުންވި ފަރާތްތަކަށް ބަދަލު ދިނުމުގައި ޑިޒާސްޓަރ މެނޭޖްމެންޓްގެ އިދާރީ ބައިވަރު މައްސަލަތައް އެބަހުރިކަށެވެ. އެގޮތުން ޑިޒާސްޓަރ މެނޭންޖެމެންޓަށް އެ ހުރިހާ ފަރާތެއްގެ އެކައުންޓް ނަންބަރުވެސް ހޯދިފައިނުވާކަން އޭނާ ފާހަގަކުރިއެވެ.

އޭނާ ބުނީ ދައުލަތުގެ އިދާރާތަކުގެ އިހުމާލުތަކުގެ ސަބަބުން 700 އަށް ވުރެ ގިނަ މީހުންގެ ހައްގުތައް ނުލިބި ލަސްވުމަކީ ބަލައިގަންނަން ވަރަށް ދަތިކަމެއްކަމަށާއި، އެކަން އަވަސް ކުރުމަށް ބާރު އެޅުމަށް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއަށް ބުރާސްފަތި ދުވަހު އާއިލާތަކުން ގޮސް ތިއްބާ 2 ޖެހުމުން ބޮކިތައް ނިވާލާ އޮފީސް ބަންދުވީކަމަށް އަންގާ އެމީހުން އެތަނުން ފޮނުވާލާފައިވާކަމަށެެވެ. އަދި މިއަދާ ހަމައަށް އައިއިރު އާއިލާތަކަށް ލިބެނީ ކިހާ ފައިސާއެއްކަންވެސް އަންގާފައި ނުވާކަމަށާއި، އަދި އެ ފައިސާ ނުލިބި ލަސްވަނީ ކީއްވެކަންވެސް އަންގާފައިނުވާކަން އޭނާ ފާހަގަކުރިއެވެ.

އަބަދަށްފެހި މަގުަގައި ހިނގި އަލިފާނުގެ ހާދިސާގައި 31 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ބައެއް ގެތަކުން މީހުންވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. އެ ހާދިސާގައި 700 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ގެއްލުން ލިބުނު އިރު އެކަކު ވަނީ ނިޔާވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.