އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ޕީއެންސީގެ ރައީސްގެ މަގާމު އަދާކުރައްވަމުން ގެންދަވާ އަދުރޭ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހަވީރު 4:00 އަށެވެ. އެކަމަކު ހާޒިރުކުރާނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އެނގިފައެއް ނުވެއެވެ.
އަދުރޭ ފުލުހަށް ހާޒިރުކުރަން އަންގާފައިވަނީ، އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި ދޫނިދޫ ގައި ބެހެއްޓުމަށް ފަހު ދޫކޮށްލާފައި ވަނިކޮށެވެ. ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކުރުމަށް ފަހުއެވެ.
އާންމު ތަނެއްގައި ބޭއަދަބީ ބަސް ބޭނުންކޮށްގެން ވާހަކަ ދެއްކެވި މައްސަލައެއްވެސް އަދުރޭގެ މައްޗަށް އުފުލާފައިވެއެވެ. އެ މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައި އަދުރޭ ވަނީ ޖަވާބުދާރީވާން އިތުރު ފުރުސަތަކަށް އެދިފައެވެ.