އަންނަ އަހަރުގެ ރަމަޞާން މަހު މިރުހުގެ އަގު ބޮޑުވާނެ ކަމަށް ދަނޑުވެރިން ބުނެފިއެވެ.
ރާއްޖޭގައި އެންމެ ބޮޑަށް މިރުސް ހައްދާ ކޮޅުމަޑުލު ކަނޑޫދޫގައި ދަނޑުވެރިކަން ކުރާ ބައެއް ދަނޑުވެރިން "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރަގައި ކަނޑޫދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަކަމަށެވެ.
އެގޮތުން ދަނޑުތަކުގައި ފެންބޮޑުވެ ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ވެފައިވާ ކަމުގައި ދަނޑުވެރިން ބުނެއެެވެ.
ކަނޑޫދޫ ކައުންސިލްގެ ރައީސް އަލީ ނާސިހް "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިފަހުން އެރަށް ކުރި ވިއްސާރައިގައި ދަނޑުތަކަށް ގެއްލުންވެގެން މިހާތަނަށް 56 ފަރާތަކުން ކައުންސިލަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ވަރަށް ބޮޑެތި ގެއްލުންތައް އަންނަނީ ވިއްސާރައިގެ ސަބަބަން ދަނޑުތަކަށް ލިބެމުން. އެގޮތުން ބައެއް ގަސްތައް ހަލާކުވެ، ބައެއް މިރުސް ކޮށިތަކަށް ވަނީ ގެއްލުން ލިބިފައި. މިހާތަނަށް 56 ފަރާތަކުން ވަނީ ގެއްލުން ލިބިގެން ކައުންސިލަށް ރިޕޯޓްކޮށްފައި- ކައުންސިލްގެ ރައީސް ނާސިހް ވިދާޅުވިއެވެ.
ނާސިހް ވިދާޅުވީ، މިދިޔަ ރަމަޞާން މަހު މިރުހުގެ އަގު ބޮޑުވީ އެކަށީގެންވާ ވަރަށް މިރުސް ސަޕްލައިކޮށް ނުދެވުން ކަމަށާއި، އެ މައްސަލައަށް ހައްލެއް ހޯދުމަށް ކަނޑޫދޫގެ ދަނޑުވެރިން ދުރާލާ ވަރަށް ގިނަ ތައްޔާރީތައް ވަމުން އައި ކަމަށެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން ރަމަޞާން މަހަށް ހާއްސަކޮށްގެން ދަނޑުވެރިން އިންދި ގިނަ މިރުސް ގަސްތަކަށް ގެއްލުންވެފައިވާ ކަމަށާއި، އެހެންވުމުގެ ސަބަބުން އަންނަ އަހަރުގެ ރަމަޞާން މަހު އެކަށީގެންވާ ވަރަށް މިރުސް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ނާސިހް ވިދާޅުވިއެވެ.
އާންމުކޮށް މިރުސް ބިދެވޭ ވަރު މިވަނީ 6 މަސް ހަތް މަހުން. އެހެންކަމުން މިހާރު މިރުސް ގަސް އިންދައިގެން ރަމަޞާން މަހާއި ދެމެދު މިއޮތް މުއްދަތުގައި މިރުސް ލިބޭނެ ކަމުގެ ޔަޤީންކަމެއް އަޅުގަނޑުމެންނަކަށް ނުދެވޭނެ. މި ސަބަބާއި ހުރެ މިއަހަރުގެ ރަމަޞާން މަހަށް ވުރެ އަންނަ އަހަރުގެ ރަމަޞާން މަހު މިރުހުގެ އަގު ބޮޑުވާނެ ކަމަށް ލަފާކުރެވޭ- ނާސިހް ވިދާޅުވިއެވެ.
ނާސިގް ވިދާޅުވީ، މީގެ ކުރިންވެސް ރަށަށް އުނދަ އެރުމާއި ވިއްސާރައިގެ ސަބަބުން ރަށުގެ ދަނޑުތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލީ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކޮށްފައިވާނެ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށްވެސް އެކަމަށް އެއްވެސް ބަދަލެއް ލިބިފައި ނުވާ ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ކައުންސިލުން ހިތާމައާއި އެކު ފާހަގަކުރާ ކަންކަން ކަމުގައި ނާސިހް ވިދާޅުވިއެވެ.
މިއަހަރުގެ ރަމަޞާން މަހު ކަނޑޫދޫ މިރުސް ކިލޯއެއް އެވްރެޖްގޮތެއްގައި ހުރީ 800ރ އިން މަތީގައެވެ.