2004 ވަނަ އަހަރު ޑިސެންބަރު 26 ވީ ބުރާސްފަތި ދުވަހަކީ ހުރިހާ ދިވެހީންގެ ލޮލުން ކަރުނަ ފާއްދާލި ކަޅު ދުވަހެކެވެ. އެއީ އަޅުގަނޑުމެންގެ ރާއްޖެ މިހާތަނަށް ދުށް އެންމެ ބިރުވެރި އަދި ހިތާމަވެރި ހާދިސާ ކަމުގައިވާ ސުނާމީ ކާރިސާ ދިވެހީންނާއި ކުރިމަތިވި ދުވަހެވެ.

މި ހިތާމަވެރި ކާރިސާގައި ވަރަށް ގިނަ ދިވެހީންނެއް މި ދުނިޔެ ދޫކޮށް ވަނީ ގޮސްފައެވެ. އެގޮތުން ސުނާމީ ކާރިސާގައި މު ދުނިޔެއާއި އަލްވަދާއުކީ ފަރާތްތަކުގެ ތެރޭގައި ހައްދުންމަތީ ކަލައިދުއަށް އުފަން ރުގިއްޔާ ހުސެއިންގެ ކުއްޖަކުވެސް ހިމެނެއެވެ.

ސުނާމީގެ ހަދާންތައް ހިއްސާ ކުރަމުން ރުގިއްޔާ ބުނީ އެއީ އޭނާގެ ހަޔާތުގައި މިހާތަނަށް ކުރިމަތިވި އެންމެ ހިތާމަވެރި ކާރިސާ ކަމަށެވެ.

ސުނާމީ އެރި ގަޑީގައި ރުގިއްޔާ އާއި އޭނާގެ ދޮށީ ދަރިފުޅު އުޅުނީ ގޭގައެވެ. ރުގިއްޔާއަކީ އެރަށު އޮފީހުގައި މަސައްކަތް ކުރަމުން އަންނަ ހީވާގި އަންހެނެކެވެ. ދަރިފުޅު ކުޑަކޮށް ބަލިވެ އުޅޭތީ އެދުވަހު ރުގިއްޔާ އޮފީހަކަށް ނުނިކުމެއެވެ. އެހެން ކަމުން ގޭގައި އުޅުނީ ރުގިއްޔާއާއި އޭނާގެ ދެ ދަރިން އެކަންޏެވެ.

ރުގިއްޔާ އޭނާގެ ދަރިފުޅުގެ ކަންކަމުގައި ހޭބޯނާރާ އުޅެނިކޮށް ވަރަށް ބާރު އަޑުފަށްގަޑެއްގެ އަޑު އޭނާއަށް އިވުނެވެ. އިމާރާތެއް ފުޑުފުޑުވުމުން އިވޭ ކަހަލަގެ އެއަޑު ރުގިއްޔާގެ ކަންފަތުގައި ޖެހުމާއި އެކު ކުދިންކޮޅު ގޮވައިގެން މަގުމަށްޗަށް ނުކުތެވެ. އެއިރު މަގުމަތީގައި އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. އިރުކޮޅެއްގެ ތެރޭގައި ރަށުގެ ތެރެއަށް ލޮނުގަނޑު އަރައިގެން އަންނަ ތަން ރުގިއްޔާއަށް ފެނުނެވެ. އެހެން ކަމުން ލޮނުގަނޑުން ސަލާމަތް ވެވޭތޯ ރުގިއްޔާ އޭނާގެ ދެ ދަރިން ގޮވައިގެން ދުއްވައިގަތެވެ. ދުވަމުން ދުވަމުން ގޮސް އެރަށުގެ ބޮޑުމަގުގައި ހުރި ގަރާޖަކު ތެރެއަށް ރުގިއްޔާ ވަނެވެ. އިރުކޮޅެއް ނުވަނީސް ލޮނުގަނޑު ގަރާޖުގެ ތެރެއަށް ހަލުވި ސްޕީޑުގައި ވަނެވެ. އަދި އެ ގަރާޖުގެ ފުރާޅު ލޮނުގަނޑާ ވެއްޓުނެވެ. އެއިރު ރުގިއްޔާއާއި އޭނާގެ ދަރިން ތިބީ ގަރާޖުގެ އެތެރޭގައި ކަމުން ފުރާޅު ވެއްޓުނީ އެމީހުންގެ ބޮލަށެވެ. ފުރާޅުވެއްޓުމާއި އެކު ދޮޅު ރުގިއްޔާގެ ފަސްބައިގައި ހިފަހަށްޓައިގެން ހުރި ކުއްޖާ ނުކުތީ ނުކުތީ ބޭރަށެވެ. އަދި އެ ހާދިސާގެ ތެރޭގައި ރުގިއްޔާ އުރައިގެން ހުރި ދޮޅު އަހަރަށްދާ ކުއްޖާ އަތުން ދޫވިއެވެ. އެކުއްޖާ ދިޔައީ ކޮންތާކަށް ކަމެއްވެސް ރުގިއްޔާއަކަށް ނޭނގުނެވެ. ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި ދެ ކުދީންވެސް ރުގިއްޔާއަށް ގެއްލުނީއެވެ. ދަރިފުޅާއޭ ކިޔާ ރޮއެ އާދޭސް ކުރަމުން ރުގިއްޔާ ލޮނުގަނޑާއި ހަނގުރާމަ ކުރަމުން ގެންދިޔައެވެ. ގާތް ގަޑަކަށް 5 ވަރަކަށް މިނެޓް ފަހުން ލޮނުގަނޑު އެއްކޮށް ހިދުނެވެ. ލޮނުގަނޑު ހިދުމުން ރުގިއްޔާ ފުރަތަމަވެސް ނުކުތީ އޭނާގެ ދަރިން ހޯދުމަށެވެ. ވަރަށް އުނދަގުލުން ވެއްޓިފައިވާ ފުރާޅުގެ ދަށުން ސަލާމަތްވެގެން މަގުމަށްޗަށް ނުކުތް އިރު ރުގިއްޔާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ލޯބިވާ ރަށް މިވަނީ ވީރާނާވެ ސުއްނާފަތިވެފައެވެ. ގެތައް މިވަނީ ބިމާ ހަމަވެފައެވެ. މަގުމަތީގައި ރޮމުން ހަޅޭލަވަމުންދިޔަ މީހުން ފެނުމުން ރުގިއްޔާގެ ހިތަށް ކުރި އަސަރު އިތުރަށް ބޮޑުވިއެވެ. 

ލޮނުގަނޑު މައިރިތިވުމުން ގެއްލުނު ދެ ކުދީން ހޯދަން ރަށުގެ ރައްޔިތުންނާއި އެކު ރުގިއްޔާ ނުކުތެވެ. ރަށުގެ އެތަން މިތަން ހޯދަމުން ދަނިކޮށް ފުރަތަމަ އޭނާއަށް ފެނުނީ އޭނާގެ އަންހެން ދަރިފުޅެވެ. އެކުއްޖާ އޮތީ ގެއެއްގެ ފުރާޅުގެ ދަށުގައި ނިޔާވެފައެވެ. ވީދެރައިން ރުގިއްޔާގެ ހެޔަށްވެސް ގޮތްތަކެއްވިއެވެ. ނަމަވެސް ކުޑަ ފިރިހެން ކުއްޖާ އަދިވެސް ނުފެންނާތީ ދިރި ހުއްޓާ އެކުއްޖާފުޅު ފެނުމުގެ އުންމީދުގައި ރުގިއްޔާމެން ނުކުތެވެ. ތަންތަން އަތްފުނާއަޅަމުން ދަނިކޮށް އޭނާގެ ކުޑަ ފިރިހެން ކުއްޖާ ފެނުނީ ރުގިއްޔާމެން ތިންމައިންގެ ބޯމަށްޗަށް ވެއްޓުނު ފުރާޅުގެ ދަށުގައި އޮތް ވަކަރެއްގައި ތާށިވެފައި އޮށްވައެވެ. ބަލާބެލުމަށް ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނަމަވެސް ކުއްޖާގެ ވިންދު ޖަހާތީ އޭނާ އަދި މަރުނުވާކަން ޔަގީންވިއެވެ. އެހެން ކަމުން ކުއްޖާ ނަގައިގެން ދެވެން ހުރި އެންމެ އަވަސް ފަރުވާއެއް ދިނެވެ. އެއިރުވެސް އެ ތުއްތު ކުއްޖާގެ ނޭފަތުންނާއި އަނގައިން ލޭއާދެއެވެ

"އެއިރުވެސް ކުއްޖާގެ ނޭފަތުންނާއި އަނގައިން ލޭއާދޭ" ރުގިއްޔާ ބުންޏެވެ. ނަސީބު ކަން ދިމާކުރި ގޮތުން ފަރުވާ ދިނުމަށް ފަހު ކުއްޖާގެ ހާލު މަޑުމަޑުން ރަގަނޅުވިއެވެ.

ސުނާމީއަށް ފަހު ރަށުގެ އަވަށްޓެރި ރައްރަށުގެ އެހީތެރި ކަން ވަރަށް ބޮޑަށް ލިބުން ކަމުގައި ރުގިއްޔާ ބުންޏެވެ.

ސުނާމީގެ އެ ބިރުވެރި ކާރިސާގައި ރުގިއްޔާގެ އާއިލާއަށް އެލިބުން ގެއްލުން ތަކަކީ ފޫނުބެއްދޭނެ ވަރުގެ ގެއްލުން ތަކެކެވެ. މާތް ﷲ ރުގިއްޔާގެ ދޮށީ އަންހެން ކުއްޖާއަށް ސުވަރުގޭގެ ދާއިމީ ދިއުމަތް ދެއްވާށި! އާމީން

ނޯޓް: މިއީ 2017 އޮންލައިން ނޫސް "ވަގުތައް" ރުގިއްޔާ ދިން އިންޓަވިޔުއެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.