ގދ. ތިނަދޫއިން ކޮވިޑް-19ގެ ކޭސްއެއް ފެނި، ރަށް މޮނީޓަަރިންގެ ހާލަތަށް ގެނެސްފިއެވެ.
އައްޑޫ ސިޓީ ހިތަދޫ ކްލަސްޓަރ އާއި ގުޅުން ހުރި މީހަކު ތިނަދޫ އިން ޕޮޒިޓިވްވުމާއި އެކު، އެރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށްޓަކައެވެ.
"ޖަޒީރާ" އަށް އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕޮޒިޓިވް ވި މީހާއަކީ 'މޯލްޑިވިއަން' ކުންފުނީގެ މުވައްޒިފެކެވެ. އޭނާ މަސައްކަތް ކުރަމުން އަންނަނީ ކާޑެއްދޫ އެއާރޕޯޓުގައެވެ.
ގދ. ތިނަދޫ އިން ކޮވިޑް ކޭސް އެއް ފެނިފައިވާއިރު، ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އައްޑޫ ސިޓީ ހިތަދޫ ވެސް ވަނީ މޮނީޓަރިންގެ ހާލަތަށްލާފައެވެ. ހިތަދޫ އިން ދެ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެޗްޕީއޭ އިން ދަނީ ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ކުރަމުންނެވެ.
ހިތަދޫ ކްލަސްޓަރ އާއި ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ ހިތަދޫއިން ޕޮޒިޓީވްވި މީހުންނަށް ބަލި ޖެހުނީ މާލެއިން ހާއްސަ ހުއްދައެއްގެ ދަށުން ޓްރެއިނިންގއަށް ދަތުރުކުރި މީހެއްގެ ސަބަބުން ކަމަށް ބެލެވޭކަމަށެވެ.