ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެންބަރުމަހު 26 ވަނަ ދުވަހަކީ ވަރަށް ގިނަ ދިވެހީންގެ ލޮލުން ކަރުނަ ފާއްދާލި ހިތާމައިން ފުރިގެންވާ ދުވަހެކެވެ.

ދިވެހީންގެ އެތައް ބައެއް ނިޔާވި މި ހިތާމަވެރި ކާރިސާގައި ހައްދުންމަތީ މާބައިދޫންވެސް ވަނީ 3 ކުދީން ނިޔާވެފައެވެ. އެގޮތުން އެތަނުން ނިޔާވި 2 ކުދީންގެ ބައްޕަ އެ ހިތާމަވެރި އަސަރުން ފުރިގެންވާ ވާހަކަ ކިޔައިދިން އިރުވެސް ދެރަވެފައި ހުރި މިންވަރު ވަރަށް ރަގަނޅަށް ހާމަވެއެވެ.

ހަސަން ހުސެއިންއަކީ ހީވާގި މަސްވެރިއެކެވެ. އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް މަހަށް ދާ ހަސަން ސުނާމީ އެރިދުވަހު މަހަކަށް ނުދެއެވެ.

އެދުވަސްވަރަކީ ބޮޑު ޗުއްޓިއަށް ރަށަށް ވަރަށް ގިނަ މީހުންއައިސް އުޅުން ދުވަސްވަރެކެވެ. އެގޮތުން ހަސަންމެން ގެއަށްވެސް ވަރަށް ގިނަ މީހުން އައިސް އުޅުނެވެ. ހަސަންމެން ގޭގައި ގިނައަދަދެއްގެ ކުޑަކުދިން އުޅެމުންދިޔައެވެ. އެގެއަކީ ވަރަށް ގިނައަދަދަކަށް ދާގަނޑު ކެކުރި ހުންނަ ގެއެކެވެ. އެހެން ކަމުން ހަސަން އެދުވަހު ނިންމީ ކައިރީގައި ވާ ފަޅުރަށް "ކެރެންޑޫ"އަށް އެ ކެކުރިވިލު އެރުވުމަށް ދަނޑިއެއް ކަޑަން ދިޔުމަށެވެ. އެގޮތުން ވަރަށް ވަރަށް ހެނދުނާ ތެދުވެ މިކަމަށް ތައްޔާރުވެގެން އެއްއަތުން ވަޅި ހިފައިގެން ހަސަން މިސްރާބު ޖެހީ ކެރެންޑޫއާއި ދިމާއަށެވެ.

މާދުރަށް ނުދެވެނީސް އޭނާގެ ދެ ކުދީން އޭނަގެ ފަހަތުން އަޅުވައިލައިފިއެވެ. އެކުދީންނާއި އެކު އެކުދީންގެ ރަށްޓެހި ދެ ކުދީންވެސް އައެވެ. އެހެންކަމުން ޖުމްލަ 4 ކުދީން ގޮވައިގެން ހަސަން ކެރެންޑޫއަށް ދިޔައެވެ.

އެއިރުވެސް ރަށުތެރެ އޮތީ ވަރަށް އަމާންކޮށެވެ. ކެރެންޑޫއަށް ދެވުމާއި އެކު ވަރަށް ބާރު އަޑުފައްގަޑެއް އިވުނު ކަމަށް ހަސަން ބުންޏެވެ. ނަމަވެސް މިކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ދަނޑިއެއް ހޯދުމަށް ހަސަން މަސައްކަތްކުރިއެވެ.

އޭގެ އިރުކޮޅެއް ފަހެވެ. ގަދައަޑުފަށް ގަނޑަކާއި އެކު ބިޔަ ރާޅެއް ރަށުތެރެއާއި ދިމާއަށް އަރައިގެން އެހެރަ އަންނަނީ އެވެ. ގެތައް ބިމާ ހަމަކުރަމުން އަންނަ މިރާޅު ފެނުމާއި އެކު ހަސަން އޭނާގެ ކައިރީގައި ވާ ކުދީންނާއި އެކު ދުއްވައިގަތެވެ. ބައެއް ކުދީން ގަހަށް އެރި އިރު އޭނާގެ ދެކުދީން ނަގާ ކިހިލަށް ޖެހިތަނުން ރާޅު ހަސަން އާއި އަރާ ހަމަކޮއްފިއެވެ. ދެން އެވީ ގޮތެއް ހަސަންއަށް ވެސް ކިޔާދޭންވަރަށް އުދަނގޫވިއެވެ. ބާރު އޮޔާއި އެކު ހަސަނާއި އޭނާގެ 2 ދަރީން ކަނޑުގެ ތެއެއަށް ގެންގޮސްފިއެވެ. އެއިރުވެސް ހަސަން ހުރީ މިއީ ކަނޑުކަން ވެސް ނޭނގޭ ފަދަ ހާލަތެއްގައެވެ.

"ބައްޕާ. މިވެއްޓުނީ ކަނޑަށް..." ގަދަ އޮއިވަރުތެރޭގައި ހަސަނުގެ ކުއްޖަކު ބުނިއަޑު އިވުނެވެ.

ބާރު އޮއިގަނޑު ތެރޭގައި ދެކުދީންގެ ގައިގައި ބާރަށް ހިފަހައްޓައިގެން ހުރި ހަސަންއަށް އެބާރު އޮޔާގައި މާގިނަ އިރަކު ހަނގުރާމައެއް ނުކުރެވުނެވެ. އެހެން ކަމުން ދެކުދީން އޭނާގެ އަތުން ދޫވެގެން ދިޔައެވެ..

ކަނޑަށް ކިތަންމެ ގަދަ ނަމަވެސް މިއަދަކު ހަސަނަށް މިކަމުން އެއްވެސް އެހީއެއް ނުވިއެވެ. "އަހަރެން ދެން މަސައްކަތްކުރީ އަހަންނަށް ސަލާމަތް ވެވޭތޯ" ހަސަން ބުންޏެވެ. އެގޮތުން ރަށުގެ ތެރެއިން ލާފައި އައި ބުޑުގަޑެއް ހަސަނުގެ އަތުގައި ޖެހުނެވެ. ހިފެހެއްޓުނުހާ ބާރަކަށް މިބުޑުގަޑުގައި ހަސަނު ހިފަހެއްޓިއެވެ. އެއިރު ގައިގެ އެތަން މިތަން ވަނީ ހަލާކުވެފައެވެ. ގަދަ އޮޔާއި އެކު ލައިގެން ހުރި އަންނައުނުވެސް ވަނީ ބޭލިފައެވެ. އެބުޑިގަޑުގައި ހިފަހައްޓައިގެން ގަދަ އޮޔާއި އެކު ރަށާއި ބޭރު ކުރަމުން ދަނިކޮށް އެއަތޮޅު ދަނބިދޫއިން އައި ދޯންޏެއް ހަސަނަށް ފެނުނެވެ. އެހީއަށް އެދި ގޮވަން ފެށުމުން އެމީހުން ހަސަނު ދޯންޏަށް ނެނގިތަނާ ހަސަނުގެ ހަމަހޭވެރިކަން ގެއްލިއްޖެއެވެ. ދެން ވީގޮތެއް ހަސަނަށްވެސް ކިޔާދޭން ނޭނގުނެވެ.

އެވަގުތު އެ ދޯނީގައި ތިބި މީހުން ކުރި މަސައްކަތުން ހަސަނުގެ ހޭ އަރައިފިއެވެ. ހޭ އެރުމާއި އެކު ހަސަނު ފުރަތަމަވެސް އުޅުނީ އޭނާގެ ގެއްލުނު ދެ ދަރީން ހޯދުމަށެވެ. ތަން ކިލަބު ވެފައިވާ ވަރުން ތަނެއް ދޮރެއް ފެންނަނީކީ ނޫނެވެ.

ދެން ދޯނީގެ މީހުންގެ ލަފާގެ މަތީން ދަރިން ހޯދުމުގެ މަސައްކަތް މެދުކަނޑާލުމަށް ފަހު ހަސަން ދިޔައީ ރަށަށެވެ. ރަށުގެ ހާލަތު ފެނިފައި ހަސަނުގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ސުއްނާފަތިވެފައިވާ އަމިއްލަ ވަޒަން ފެނުމުން ހަސަނުގެހިތަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ. ރަށުތެރެއިންލާފައި ގެއަށް ދިޔައިރު ގެ ވެސް ވަނީ ބިމާ ހަމަވެފައެވެ.

"އަހަރެން ހީނުކުރަން އަހަރެންވެސް ސަލާމަތް ވާނެ ކަމަށް.." ހަސަން ބުންޏެވެ.

މި ކާރިސާގެ ސަބަބުން ހަސަނުގެ 2 ދަރީން ނިޔާވި އިރު އެކުދީންގެ މަންމައަށް ވެސް ވަނީ ވަރަށް ބޮޑަށް މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ގެއްލުންވެފައެވެ. މިއަދު ވެސް އެކުދިންގެ މަންމަ ދަރިން ވަކިވެ ދިއުމުގެ ހިތާމަ ނުކުރާ ދުވަހެއްނުދެއެވެ. އެތައް އަހަރެއް ވަންދެން ނަފްސާނީ ގޮތުން ލިބުނު ގެއްލުމަށް ބޭސްކުރި ނަމަވެސް އެކަމުން ދާއިމީ ފަރުވާއެއް ނުލިބުނެވެ.

އެބިރުވެރި ހިތާމަވެރި ކާރިސާގައި ހަސަނުގެ އާއިލާއަށް މިވަނީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވެފައެވެ. ސުނާމީގެ ބިރުވެރި ރާޅާއި އެކު އޭނާގެ 2 ކުދިންގެ އިތުރުން ތިމާގެ ކުއްޖަކުވެސް ވަނީ މި ފަނާކުރަނިވި ދުނިޔެއާއި އަބަދުގެ އަބަދަށް އަލްވަދާއު ކިޔައިފައެވެ. މާތްﷲ ހަސަނުގެ ދެކުދިންނާއި، ސުނާމީ ކާރިސާގައި ނިޔާވި އެންމެހާ ދިވެހިންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި! އާމީން!

ނޯޓް: މިއީ 2017 ވަނަ އަހަރު މި ހާދިސާ ހިނގި ފަރާތުން އޮންލައިން ނޫސް "ވަގުތައް" ދިން އިންޓަވިޔުއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.