ރިޕޯޓްސިޔާސީ

ފަތުހުﷲ ޖަމީލް - ޚާރިޖިއްޔާގެ އަސްލު "ވަޒީރު"

ދިވެހިރާއްޖެއަކީ ބިންކޮޅުގެ ގޮތުން ކުޑަ، މީސްކޮޅުންގެ އަދަދު މަދު، ދުނިޔޭގެ އެހެން ބިޔަ ބޮޑެތި ގައުމްތަކާއި އަޅައި ބަލާއިރު އާރެއް ބާރެއް ނެތް، ފަގީރު ގައުމެކެވެ. ލިބިފައިވާ އެންމެ އަގުހުރި ހަދިޔާއަކީ މިނިވަންކަމެވެ. އަމިއްލަ ދިދައެއް ވިހުރުވައިލުމުގެ އުފަލެވެ. ދިވެހިރާއްޖޭގެ ދިގު ތާރީހުގައި، މި ދިދަ އެއް ތެދަށް ހިފެހެއްޓުމުގައި ގިނަ ބަޔެއް މުހިންމު ރޯލެއް އަދާކޮށްފައިވެއެވެ. އޭގެ ތެރެއިންވެސް، ފަތުހުﷲ ޖަމީލަކީ ފާހަގަކޮށްލެވޭ ޝަހްސިއްޔަތެކެވެ.

ފަތުހުﷲ ޖަމީލް އުފަންވެވަޑައިގެންނެވީ 1942 ވަނަ އަހަރު މާފަންނު ކުއްޅަވަށްގޭގައެވެ. އެމަނިކުފާނު ދަންނަ ގިނަ ބޭފުޅުން އެމަނިކުފާނުގެ ތުއްޕުޅު އިރު ސިފަ ކުރައްވަނީ ބަސްއަހާ އެހެންނަމަވެސް ސަކަ މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައެވެ. ކުޑަ އިރުއްސުރެ ތައުލީމް އުނގެނުމަށް ޝައުގުވެރިކަމެއް ހުންނެވިކަމަށާއި، އަރަބި ބަހާއި ދީނީ ތަރުބިއްޔަތަށް ހާއްސަ ސަމާލުކަމެއް ދެއްވިކަމަށްވެސް އެ ބޭފުޅުން ވިދާޅުވެއެވެ.

ފަތުހުﷲ ޖަމީލް މަޖީދިއްޔާގައި ތައުލީމް ހާސިލްކުރެއްވި އިރުގެ ފޮޓޯއެއް

ތައުލީމު އުނގެނުމަށް ހުރި ހާއްސަ ޝައުގުވެރިކަމެއްގެ ސަބަބުން، 1955 ވަނަ އަހަރު ޑިސެމްބަރ މަހުގެ ތެރޭގައި، އުމުރުފުޅުން އެންމެ 12 އަހަރުގައި މިސްރަށް މިސްރާބު ޖެއްސެވިއެވެ. ޑރ. މުހައްމަދު ޒާހިރު ހުސެއިނާއި ދެ ބޭފުޅުން، އޭރު މާލެއަށް ކާގޯ ގެންނަ "އެފް ޖީނީ" ނަމަކަށް ކިޔާ އާގު ބޯޓެއްގައި ކޮޅުނބަށް ވަޑައިގެންނެވިއެވެ. ހަތަރު ރެޔާއި ހަތަރު ދުވާލުން ކޮޅުނބަށް ވަޑައިގެން، ސޯސަން ވިލާގައި ދޮޅު އަހަރެއްވަރު މަޑުކުރެއްވިއެވެ. އަދި ކޮޅުނބުން މިސްރަށް ވަޑައިގެންނެވޭނެ ގޮތް ވުމުން މިސްރަށް ވަޑައިގެންނެވިއެވެ.

މި ދަތުރުގެ ހަނދާން އައު ކުރައްވަމުން ޑރ. ޒާހިރު ވިދާޅުވީ، އެ ދެ ބޭފުޅުންނަށް އެކަނި މިސްރަށް ވަޑައިގަންނަވަން ކެރިވަޑައި ނުގެން، އޭރު މިސްރުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮޅުނބަށް ގެންނަވައި، އެމަނިކުފާނާއެކު މިސްރަށް ވަޑައިގެންނެވި ކަމަށެވެ. އެއީ 13 އޮކްޓޯބަރު 1957 ގައެވެ. މިސްރަށް ވަޑައިގެން ތިން ބޭފުޅުން ދިރިއުޅުއްވީ އެއް ގެއެއްގައެވެ.

ޑރ. ޒާހިރާއި ފަތުހުﷲ ޖަމީލް، އަޒްހަރު ޔުނިވަރސިޓީއިން އިސްލާމިކް ތިއޮލޮޖީ އުނގެނުމަށްފަހު ޓީޗިންގ ރޮގުން ޕްރޮފެޝަނަލް ޑިޕްލޮމާއެއްވެސް ހާސިލްކުރެއްވިއެވެ. އެ ދުވަސްވަރުވެސް ފަތުހުﷲ ޖަމީލް ފާހަގަކުރެވިފައިވަނީ ތޫނުފިލި ބޭފުޅެއްގެ ގޮތުގައެވެ. ހިތުދަސްކުރެއްވުމުގެ ބަދަލުގައި ކިޔަވައިދޭ ތަކެތި ފަހުމުވޭތޯ މަސައްކަތްކުރައްވާކަމަށް ޑރ. ޒާހިރާއި ރައީސް މައުމޫންވެސް ވިދާޅުވެއެވެ.

ދައުލަތަށް ހިދުމަތް ކޮށްދެއްވަން ފެއްޓެވުން

ފަތުހުﷲ ޖަމީލް ވަނީ ދިވެހިރާއްޖެއަށް 40 އަށްވުރެ ގިނަ އަހަރު ހިދުމަތް ކޮށްދެއްވާފައެވެ. އެމަނިކުފާނުގެ މަސައްކަތުގެ ހަޔާތުގެ ބޮޑު ބައެއް ޚާރިޖީ ދާއިރާއަށް ހާއްސަ ކުރެއްވި ނަމަވެސް، އެހެން ބައެއް މަގާމްތައްވެސް ފުރުއްވިއެވެ.

ރައީސް މައުމޫން ސިފަ ކުރައްވާ ގޮތުގައި، ދާހިލީ ހަޔާތުގެ މުހިންމު ނިންމުންތައް ނިންމުމުގައި ފަތުހުﷲ ޖަމީލްގެ ދައުރު ބޮޑެވެ.

ފަތުހުﷲ ޖަމީލް ސަރުކާރަށް ހިދުމަތް ކުރައްވަން އެންމެ ފުރަތަމަ ފެއްޓެވީ 18 ނޮވެމްބަރު 1969 ގައި މަޖީދިއްޔާ ސްކޫލް ޓީޗަރެއްގެ ގޮތުގައެވެ. އޭގެ ފަހުން އެތައް މަގާމުތަކެއް ފުރުއްވި ނަމަވެސް، ފާހަގަކޮށްލެވޭ ބައެއް މަގާމްތަކުގެ ތެރޭގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްލޭނިންގ އެންޑް އެންވަޔަރަންމެންޓްގެ މަގާމާއި ރައްޔިތުންގެ މަޖިލީހަށް ރައީސް އައްޔަންކުރެއްވި މެންބަރުގެ މަގާމް ހިމެނެއެވެ.

ޚާރިޖީ ދާއިރާގެ އެންމެ އިސް ޑިޕްލޮމެޓްގެ މަގާމަށް އައްޔަންވުމުގެ ކުރިން، އެ މިނިސްޓްރީގެ ވަކީލުކަން، އ.ދ ގައި ހުންނަވާ ޕަރމެނެންޓް ރެޕްރެޒެންޓޭޓިވްކަމުގެ މަގާމް، އަދި ޑިޕާޓްމެންޓް އޮފް އެކްސްޓާނަލް އެފެއާޒްގެ ނައިބުކަން ވެސް އެމަނިކުފާނު ފުރުއްވިއެވެ.

މި ހުރިހާ ހިދުމަތަކަށްވުރެވެސް ފަތުހުﷲ ޖަމީލްގެ އެންމެ ބޮޑު ހިދުމަތަކީ އެމަނިކުފާނު ދިވެހިރާއްޖޭގެ އިސް ޑިޕްލޮމެޓްގެ ގޮތުގައި ހޭދަ ކުރެއްވި 27 އަހަރެވެ.

ޒަމާނީ ޚާރިޖީ ސިޔާސަތުގެ ބައްޕަ

އިންސާނުން އިސްކޮޅުން ދެމިލާ، ތަސައްރަފް ފުދި، ދުނިޔެއަށް ލޯހުޅުވިފައިވާ 'ފުރިހަމަ' އިންސާނަކަށް ވަނީ އޭނާގެ އުމުރުން 25 ފަހަނައަޅައި ދާ ފަހުންނެވެ. ފަތުހުﷲ ޖަމީލް ދިވެހިރާއްޖޭގެ ޚާރިޖިއްޔާގައި ހޭދަކުރެއްވި 27 އަހަރު އެމަނިކުފާނު ވަނީ 'ފުރިހަމަ' ޚާރިޖިއްޔާއެއް އެކުލަވާލާފައެވެ. ދިވެހިރާއްޖޭގެ ޚާރިޖިއްޔާ އިސްކޮޅުން ދެމިލާ ތަސައްރަފު ފުދުނީ ފަތުހުﷲ ގެ ބެލެނިވެރިކަމުގެ ދަށުންކަމާއި މެދު ދެބަސްވާނޭ މީހަކު ޚާރިޖީ ދާއިރާއަކު ނެތެވެ.
އެމަނިކުފާނު އެންމެ ފުރަތަމަ ޚާރިޖިއްޔާގެ އިސް މަގާމަށް އައްޔަން ކުރެވުނީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ފަހުކޮޅު 14 މާޗް 1978 ގައެވެ.

އެ އަހަރުގެ ފަހުކޮޅު ރައީސް މައުމޫން ވެރިކަމާއި ހަވާލުވެވަޑައިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަގާމަށްވެސް އައްޔަން ކުރެއްވީ ފަތުހުﷲ އެވެ. 14 ޖުލައި 2005 ގައި އެ މަގާމުން އިސްތިއުފާ ދެއްވުމާއި ހަމައަށް ދެގޮތެއްނުވެ ދެމިހުންނެވިއެވެ.

ފަތުހުﷲ ޖަމީލްއަކީ ޒަމާނީ ޚާރިޖީ ސިޔާސަތުގެ ބައްޕަ -- ފޮޓޯ: ޖެވެލް ސަމަދު

އެ މުއްދަތުގައި ފަތުހުﷲ ވަނީ ދިވެހިރާއްޖޭގެ ޚާރިޖިއްޔާގެ ފެންވަރު މަތިކޮށް، ޒަމާނީ ޚާރިޖީ ސިޔާސަތެއް އެކުލަވާލައްވާފައެވެ.

2012 ވަނަ އަހަރު، ފަތުހުﷲ ގެ ތައުބީނުގެ ޖަލްސާގައި ވާހަކައްދަކަވުމުން މިހާރުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވިދާޅުވީ، 1983 ވަނަ އަހަރު ވަޒީރުގެ އިތުރުން އެ މިނިސްޓްރީގައި ޑިގްރީ ނަންގަވައިގެން ތިއްބެވީ އެންމެ ދެ ބޭފުޅުން ކަމަށެވެ. 2007 ވަނަ އަހަރު މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމާއި އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގެންނެވި އިރު، ގިނަ ބޭފުޅުން ތިއްބެވީ ޑިގްރީ ނަންގަވައިގެންނެވެ.
ޚާރިޖީ ދާއިރާގެ ފެންވަރު މަތިކުރުމުގެ ގޮތުން އެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ތަމްރީންގެ އެތައް ފުރުސަތުތަކެއް ފަތުހުﷲ ފަހިކޮށްދެއްވިއެވެ. އެމަނިކުފާނުގެ މުދައްރިސްކަމުގެ ދަށުން ދަރިވަރުވި އެތައް ބަޔަކު ޚާރިޖީ ދާއިރާގައި އަދިވެސް މަސައްކަތްކުރެއެވެ. އެހެންނަމަވެސް، އެމަނިކުފާނުގެ ހިދުމަތް ފެނިގެންދަނީ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ބެހެއްޓެވި އަހަންމިއްޔަތުން އެކަންޔެއް ނޫނެވެ. މިއަދު ދިވެހިރާއްޖެ މިދެކޭ ފުރިހަމަ ޚާރިޖީ ސިޔާސަތުގެ ބައްޕައަކީ ފަތުހުﷲ ޖަމީލެވެ.

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމަށްފަހު، ދުނިޔެއިން ރާއްޖެ ބަލައިގަންނަކަން ޔަގީންކުރެއްވުމުގެ ގޮތުން، އ.ދ ގެ އިތުރުން އޯ.އައި.ސީއާ ފަދަ ޖަމާއަތްތަކުގައި ރާއްޖެ ބައިވެރިކުރުވިއެވެ. ކޮމަންވެލްތުގައި ބައިވެރިވުމުގައިވެސް އެމަނިކުފާނުގެ ދައުރު ބޮޑެވެ. ސާކު އުފެދުމުގައާއި އެ ޖަމާއަތުގެ މެންބަރަކަށް ރާއްޖެ ވުމުގައިވެސް ފަތުހުﷲގެ ދައުރު ބޮޑެވެ. އެމަނިކުފާނު ގެންގުޅުއްވި ޚާރިޖީ ސިޔާސަތަކީ، ހަމަ ހަގީގަތުގައިވެސް ދިވެހިރާއްޖެއަށް އެންމެ ކަމުދާ ސިޔާސަތެވެ.

ފަތުހުﷲ ޖަމީލް އަދި އ.ދ ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން -- ފޮޓޯ: ސީނާ ވިޑަނަގަމާ

"ޕްރޮފެސަރ ހިގިންސް ބުނުއްވާފައިވެއެވެ. ފިރިހެނުން ގޮތަށް އަންހެނުން ނުވާންވީ ކީއްވެ ހެއްޔެވެ. އަހަރެން ބުނާނީ އަހަރަމެން ގޮތަށް ދުނިޔޭގެ އެހެން ގައުމްތަކުން ގުޅުން ނުބަހައްޓަނީ ކީއްވެހެއްޔެވެ؟" ފަތުހުﷲ ޖަމީލް އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވެއެވެ.

ފަތުހުﷲ ޖަމީލްގެ މާލިމީ ކަމުގެ ދަށުން ދިވެހިރާއްޖެއިން ގެންގުޅުނީ ވަކިކޮޅަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެކެވެ. "ފިނި ހަނގުރާމަ" އިގެ ދުވަސްވަރުވެސް، ދުނިޔޭގެ ބޮޑު ދެ ބާރުގެ ކޯޅުމުގެ ތެރެއަށް ވަނުމުގެ ބަދަލުގައި ރާއްޖެއިން ގެންގުޅުނީ "ނިއުޓްރަލް" ސިޔާސަތެކެވެ. ހާމަ ބިމަކުން އަމިއްލައަށް މަގުކޮށައި ބައިބައި ވެގަތުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި ފަތުހުﷲ ޖަމީލަށް ފެނިވަޑައިނުގަތީއެވެ. އެގޮތަށް އަމަލުކުރުމުގެ ހިތިކަން ފަތުހުﷲ ޖަމީލުގެ ހަޔާތްޕުޅުގައި ނުފެނުނަސް، ދާދިފަހުން ދިވެހިރާއްޖެ ތަހައްމަލްކޮށްފިއެވެ.

ވަކިކޮޅަކަށް ބުރަވުމުގެ ސިޔާސަތެއް ނުގެންގުޅުއްވި ނަމަވެސް، ހައްގު ބަސް އަބަދުވެސް އެމަނިކުފާނު ބުނުއްވިއެވެ. އިރާގުން ކުވެއިތު ހިފި ހާދިސާގައިވެސް، އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ އެކަމާއި ދެކޮޅަށް ބަސް ބުނުއްވީ ފަތުހުﷲ ޖަމީލެވެ.

މިއަދު ދިވެހިރާއްޖެ މިދެކޭ ޚާރިޖީ ސިޔާސަތަކީ އެމަނިކުފާނު ކޮއްޓެވި މަގުން ހިނގައި، ފައްކާވަމުން އަންނަ ޚާރިޖީ ސިޔާސަތެކެވެ. ޚާރިޖީ ދާއިރާގެ "ވަޒީރު"ގެ ލަގަބު އެމަނިކުފާނަށް އެރުވިފައިވަނީވެސް އެ ސަބަބަށްޓަކައެވެ.

މަރްހޫމް އަލްއުސްތާޛު ފަތުޙުﷲ ޖަމީލު، ދައުލަތަށް ކުރައްވާފައިވާ ޚިދްމަތްތަކުގެ އަގު ވަޒަން ކުރައްވައި، އެމަނިކުފާނަށް ރައީސް މައުމޫން ވަނީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު (ނ.ޢ.ޢ.ވ) އަރުވާފައެވެ. އަދި 2 ޑިސެމްބަރ 2008 ގައި ފަތުޙުﷲ ޖަމީލަށް، ކުރީގެ ރައީސް މުޙަންމަދު ނަޝީދު ވަނީ ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބުވެސް އަރުވާފައެވެ.

ބިމުން ފަރިވެ ފޮޅުމާއި ބިމަށް ނެތިވެ ނިމުމަކީ ހަމަ ހަގީގަތުގައިވެސް ގުތުރަތުގެ ގާނޫނެވެ. އެ އުސޫލުން، 29 ފެބްރުއަރީ 2012 ގައި ސިންގަޕޫރުގެ ޖެނެރަލް ހޮސްޕިޓަލުގައި ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ފަތުހުﷲ ޖަމީލްވެސް މި ދިނިޔެއާ ވަކިވެގެން ދިޔައެވެ. އުމުރުފުޅުން 69 އަހަރުގައި މި ފަނާވަނިވި ދުނިޔެ ދޫކުރެއްވައި ވަޑައިގެންނެވިއެވެ. ޚާރިޖީ ދާއިރާއަށް ލިބިގެންދިޔައީ ފޫނުބެއްދޭ ވަރުގެ ހުސްކަމެކެވެ. ރާއްޖެއަށް ގެއްލިގެން ދިޔައީ މޮޅު ޑިޕްލެމެޓެކެވެ. ޅެންވެރިޔެކެވެ. މިއުޒިޝަނެކެވެ. ކުރެހުންތެރިއެކެވެ. ހޮކީ ރެފްރީއެކެވެ. އަދި މޮޅު އާކިޓެކްޓެކެވެ.

ފަތުހުﷲ ޖަމީލްގެ ތައުބީނުގެ ޖަލްސާގައި މިހާރުގެ ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ، ފޮރިން މިނިސްޓްރީ އިމާރާތަކީ ފަތުހުﷲގެ ހިޔާލެއްކަމަށެވެ.

"އަޅުގަނޑުމެންގެ ޚާރިޖިއްޔާ މި ހުރި އިމާރާތުގެ އެ ރަމްޒުކޮށްދޭ ރިޔާތަކުގައި ވައި އަޅައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއަށްދާ ކޮންމެ ދިއުމެއްގައި އެ ރިޔަލުން ގޮވާނެ އަޑަކީ އަލްއުސްތާޒް ފަތުހުﷲ ޖަމީލްގެ ނަންފުޅު. އަދި ހަމަ އެއާ އެކު އެއް ނަމަކުން އެ އިމާރާތަށް ސިފަކޮށް މީހަކު އެއްޗެއް ބުނަން ބޭނުން ނަމަ ބުނެވޭނީ ވެސް އަލްއުސްތާޒް ފަތުހުﷲ ޖަމީލްގެ ނަންފުޅު" 2012 ވަނަ އަހަރު ބޭއްވުނު އެ ޖަލްސާގައި ޝާހިދު ވިދާޅުވިއެވެ.

އެ އިމާރާތް ނިމި އެތަނުގައި ވަޒީރުކަން ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިނުތަސް، އެތަނުގައި އަބަދުމެ އަބަދަށް އެމަނިކުފާނުގެ ހިޔާލާއި ފިކުރު އާ ބަސް ބުނާނެއެވެ.

 

0
0
0
5
4

ކޮމެންޓް

Your email address will not be published.

0 %