ރިޕޯޓް

ގައުމަށްޓަކައި އެމްޑީޕީގެ ވެރިކަން ބަދަލުކޮށްލި ބަޣާވާތުގެ ވާހަކަ ނުދައްކަންވީތޯ؟

ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު އެމްއެންޑީއެފް ހެޑްކުއާޓާ ސަރަހައްދުގައި ހުއްޓިވަޑައިގެން -- ފައިލް ފޮޓޯ

އެ ދުވަހުގެ ވާހަކަ މިއަދު ނުދައްކަންވީތޯ އެވެ. އެއީ ނުވާކަމެއްގެ ގޮތުގައި ދެކި، ފެނުނު މަންޒަރުވެސް ނުފެންނަ ކަމަށް ހަދަންވީތޯ އެވެ. އެއީ އެ ދުވަހުގެ ވާހަކަ ދެއްކުމުން ޤައުމުގެ މަސްލަހަތު ގެއްލިދާނެތީތޯ އެވެ. އެކުވެރިން ހަތުރުންނަށް ވެދާނެތީތޯ އެވެ.

އާދޭހެވެ. ދައްކަން މި އުޅެނީ 7 ފެބުރުއަރީ 2012 ވަނަ ދުވަހުގެ ވާހަކެއެވެ. ދިވެހި ރާއްޖޭގައި އުފެދުނު ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކައެވެ. ރައްޔިތުން އިންތިހާބުކުރި ވެރިކަމަކަށް އަސްކަރިއްޔާ (ސިފައިން އަދި ފުލުހުންނާއި) އާއި ސިޔާސީ ބަޔަކު ނިކުމެ، ނިމުމުގެެ ސިއްކަޖެހި ގޮތުގެ ވާހަކަ އެވެ. ވެރިކަމެއް ބަދަލުކޮށް، އަމިއްލަ މަންފާއަކަށްޓަކައި، މުޅި ޤާނޫނީ ނިޒާމް ކިލަނބުކޮށްލި ގޮތުގެ ވާހަކަ އެވެ.

މިއަދު އެއަށް ކިޔަންވީ ބަޤާވާތެކޭކަމެއް ނުވަތަ އެހެން އެއްޗެކޭ ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އެ ތާރީހަށް މިއަދު ނުވަ އަހަރުވީ އެވެ. ނުވަ އަހަރު ފަހުން މިވާހަކަ މިއަދު ދަންކަން ޖެހިފައިމިވަނީ އަނެއްކާވެސް އެމްޑީޕީގެ ވެރިކަމެއްގައެވެ. އެ ދުވަހު ވެރިކަމުން ދުރުކުރި ޕާޓީގެ ވެރިކަމެއްގަ އެވެ. ނަމަވެސް އެ ދުވަހާއި، މިއަދުގެ ތަފާތަކީ ހަތުރުން މިތުރުންނަށްވެފައިވާ ކަމެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލިހުގައި - އިމްރާން ވިދާޅުވީ އެ ދުވަހުގެ ވާހަކަ ދެއްކެވުމަކީ ޤައުމުގެ މަސްލަހަތު ގެއްލޭނެ ކަމެއް ކަމަށް --- ފޮޓޯ: މަޖިލިސް

ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ދުރުކުރުމަށް އަޑުން އަޑުނަގައި، ގާނޫނުތަށް މުގުރާލަން މަސައްކަތްކުރި މީހުންވެސް މިއަދު ތިބީ އެމްޑީޕީ ސަރުކާރާއި "އެކުގަ" އެވެ. ކޯލިޝަން ހައްދަވައިގެން ކޮނޑާއި، ކޮނޑުވެސް ޖައްސަވައިގެންނެވެ. އެމްޑީޕީން ޖަހާ ކޮންމެ ބެރަކަށް ނެއްޓެވުމަށް ތައްޔާރުގަ އެވެ.

އެމްޑީޕީ ސަރުކާރު ދިފާއުކުރެއްވުމަށް، ހޯމް މިނިސްޓަރަކަށް ހުންނެވީ އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ އެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރެއްވުމަށް 23 ޑިސެމްބަރުގެ އިއްތިހާދާއި، ދެންވެސް ކިޔެން އޮތްހާ ޤައުމީ ޅެމެއް ކިޔުއްވައި، ޕޯޑިއަމްތަކުގައި އިމްރާނަށްވުރެ ބޮޑަށް ކަރުނަ އޮއްސެވި އިތުރު ބޭފުޅަކު ނުހުންނާނެއޭ ބުނެވިދާނެ އެވެ. މި މިންވަރުން ސަރުކާރާއި، އޭރުގެ ހަތުރުންނާއި އޮތް ގުޅުމުގެ ވާހަކައިގެ ހެއްކަކަށް ފުއްދާލާނަމެވެ.

ދެން އޮތީ ސުޕަރ މެޖޯރިޓީގެ ވާހަކަ އެވެ. 65 މެމްބަރުންގެ ވާހަކަ އެވެ. ވިހިވިހީގެ އޯގަސްޓްގައި އިމްރާން ރައްޔިތުން މިޖިލީހަށް ހާޒިރުވެ ވަޑައިގެންނެވިއެވެ. އެ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެއެވެ.

އިމްރާން އަބްދުﷲ އަދި މާޒް ސަލީމް ފުލުހަކާއިއެކު، ޖުމްހޫރީ މައިދާން ސަރަހައްދުގައި -- ފައިލް ފޮޓޯ

"ފެބްރުއަރީ 7" ވަނަ ދުވަހުގެ ހިނގާ ދިޔަ ކަންކަން، ހާއްސަކޮށް ފުލުހުންނާއި ސިފައިން ގާނޫނާއި ގަވައިދާއި ހިލާފަށް ހިންގާއިފައިވާ ކަންކަން ތަޙްގީގް ކުރެވޭނެތޯ މެމްބަރަކު އިމްރާނާއި ސުވާލުކުރިއެވެ. ޖަވާބުގައި ޝެއިހް ވިދާޅުވީ އެ ދުވަހުގެ ވާހަކަ ދެއްކެވުމުން މަސްލަހަތު ގެއްލޭނެ ކަމަށެވެ. އެ ދުވަހު އެކި ކަންކަމުގައި އުޅުއްވި ބޭފުޅުން މިއަދު ތިއްބެވީ އެކި "ކޮޅުތަކުގައި" ކަމަށެވެ. އެ ދުވަހުގެ ފަސްބައި ކޮނެ މިއަދު ނަގާކަށް އެއްވެސް މީހަކު ބޭނުންނުވާނެ ކަމަށެވެ.

"އާދެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 7 ފެބުރުއަރީގެ ވާހަކަ މިއަދު ދައްކަންވެއްޖެނަމަ، އަޅުގަނޑުމެންގެ ގައުމުގައި އިތުރަށް ހަލަބޮލިކަމާއި ހަމަނުޖެހުމާއި، މައްސަލަހަތު ގެއްލުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނުވާނެ. އާދެ އެނގިވަޑައިގަންނަވާނެ ފަދައިން މި މަޖިލީހުގެ ތެރޭގައި އެ ދުވަހު އެކި ކަންކަމުގައި، އެ ގޮތްގޮތަށް، އެކި ކޮޅުގައި ތިއްބެވި އެތަށް ބޭފުޅުންނެއް އެބަ ތިއްބެވި. މި ބޭފުޅުންގެ މެދުގައި އުފެދިފައި، ގާއިމްވެފައިވާ އެކުވެރިކަމާއި، މައްސަލަހަތާއި އެއްބާރުލުން ގެއްލިގެންނުދާނެ ގޮތަށް ގައުމުގެ ކަންކަން ބައްޓަންކުރުމަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންގެ މައްސޫލިއްޔަތެއް."

އެ ނޫނިއްޔާ މަޖިލީހުގެ ތަޅުމުގައިވެސް ފެބުރުއަރީ ހަތެއްގެ ވާހަކަދައްކަނީ މަދު މެމްބަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ އެކި ބިލްތަކުގެ ބަހުސްތަކުގައި ހާއްސަކޮށް ފުލުހުންގެ ގާނޫނުއަށް ބަދަލުގެނުމަށް ކުރި ބަހުސްތަކުގައި، ފެބުރުއަރީ 7 ގެ ވާހަކަ އެމްޑީޕީގެ މެމްބަރުން ދެއްކީ މަދު މެމްބަރެކެވެ. ދެން ތިއްބެވި ގިނަ މެމްބަރުން ތިއްބެވީ ހައްޕު ކިޔުއްވައިގެންނެވެ.

އެމް.ޑީ.ޕީ ޒުވާނުންގެ ކޮންގްރެސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް -- ފައިލް ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާއިގެން ފެބްރުއަރީ 7 ގެ ވާހަކަ ރައީސް ނަޝީދު ފާޅުކަން ބޮޑުގޮތެއްގައި ދެއްކެވީ އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގައެވެ. ކޮންގްރެސްގައި ބައިވެރިއަކު ފެބުރުއަރީ ހަތެއް ތަޙްގީގްކުރަން ޖެހޭ ކަމަށް އެމަނިކުފާން އަރިހުން ސުވާލުކުރިއެވެ. އެ ދުވަހު ޖަވާބުގައި ވިދާޅުވީ ފުލުހުންނާއި ސިފައިން ގާނޫނާއި ގަވައިދާއި ހިލާފަށް ކޮށްފައިވާ ކަންކަން ބަލެންޖެހޭނެ ކަމަށް އެމަނިކުފާން ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި، މި ކަންކަން އަޅުގަނޑުމެން ނުބަލާފިއްޔާ، އެއީ މިއުޓްނީއެއް، ޕޮލިސް މިއުޓްނީއެއް، ސިފައިންގެ މިއުޓްނީއެއް، ސަލާމަތީ ބާރުތަށް މިއުޓްނިއެސް ހާލަތުގައި ބޭތިއްބުން، އެއީ ގޯހެއް، ނުރައްކަލެއް، އަޅުގަނޑެއް ނުބުނަން ބަގާވާތަކޭ، މިއުޓްނީއެއް، އިންސަބޯޑިނޭޝަން، އަމުރަށް ނުކިޔަމަންތެރިވުން އިނގޭތޯ، ލައިން އޮފް ކޮމާންޑް ގެންލުން، އެއީ ދައުލަތަކަށް އަސްލުގައި ޙަގީގަތުގައި ރަނގަޅެއް ވާނެ ކަމެއް ނޫން، އެހެންވީމާ އަޅުގަނޑަށް ފެންނަ ގޮތުގައި އެ މިއުޓްނީ ބަލަންޖެހޭނެ."

ރައީސް ނަޝީދާއި އެމްޑީޕީގެ މެމްބަރުން މި ވެރިކަމުގައި ދައްކާވާފައިވާ ވާހަކަތަކަށް ނަޒަރު ހިންގާނަމަ، 7 ފެބްރުއަރީ ތަޙްގީގް ކުރަން ޖެހެއެވެ. ނުވަތަ އެ ދުވަހު ފުލުހުންނާއި ސިފައިން ގާނޫނާއި ގަވައިދާއި ހިލާފަށް ހިންގާފައިވާ ކަންކަން ތަޙްގީގް ކުރަންޖެހެއެވެ.

އެކަންކުރުމުގެ ފުރިހަމަ އިޙްތިޔާރާއި ބާރުވެސް އޮތީ އެމްޑީޕީގެ އަތްމަތީގައެވެ. ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީސް އަތްމަތީގައެވެ. ފުލުހުންނާއި ސިފައިން ހިންގާއިފާ އަމަލުތަށް ތަޙްގީގްކުރަން ބޭނުންވާނަމަ، މިހާރު ހުންނެވި ހޯމް މިނިސްޓަރ އިމްރާން އެ މަގާމްގައި ބަހައްޓަގައިގެން އެކަން ތަޙްގީގެއް ނުކުރެވޭނެ އެވެ. އިމްރާން މަގާމުން ދުރުކޮށް، ފުލުހުންގެ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާއިއެކު އެކަން ތަޙްގީގްކުރުމަށް މަގު ފަހިކުރަންވީއެވެ.

ފެބުރުއަރީ 7 ވަނަ ދުވަހު ފުލުހުންނާއި ސިފައިން ކުރިމަތިލަނީ -- ފައިލް ފޮޓޯ

އެހެނީ އެމްޑީޕީގެ ވެރިކަން ބަދަލުވި ތާރީހަށް ނުވަ އަހަރު ފުރިގެންދާއިރު، އަދުގެ ވެރިކަމުގެ މުޅި ފުލުހުންގެ އިދާރާގައި އެކި ގުނަވަންތަކުގެ ވެރިންނަނަށްވެސް ތިބީ އިހަކަށް ދުވަހަކާއި ހަމައަށް އެމްޑީޕީއަށް ވެރިކަމުގެ "ވަސްވެސް" ނުދެއްކުމުގެ އަޒުމުގައި ތިއްބެވި ފުލުހުންގެ "ބޭފުޅުން" ނެވެ. އެ ދުވަހު ޤައިރު ޤާނޫނީ އަމުރުކުރި، ނުވަތަ އަމުރަށް ތަބާވި ފުލުހުންނެވެ. ރައްޔިތުންނަށް ހުތުރު މަންޒަރު ދެއްކުވައި، ނިޒާމުގެ އިތުބާރު ގެއްލުވާލުމުގެ މޭސްތިރިންނެވެ.

އަދުގެ ހާލަތު ތަޤްދީރުކޮށްފައިވާގޮތުން، ކިތަންމެ "ފޮނި ބައިސާއެއް" ކެނޑިނަމަވެސް އެ ދުވަސް ތަހުޤީޤްކުރުމަކީ އެމްޑީޕީއަކަށް "ލާހިކު ކުޅަދާނަކަމެއް" ނޫންކަން އެނގެ އެވެ. އެމްޑީޕީއަށްޓަކައި، ރައްޔިތުންގެ ވެރިކަމަށްޓަކައި، އެ ދުވަހު އަނިޔާ ލިބުނު އެކަކަށްވެސް އިންސާފު ނުލިބޭނެކަން އެއީ އެމްޑީޕީގެ މެމްބަރުންވެސް މިއަދު ގަބޫލުކުރާނެ ހަޤީޤަތެވެ.

1
0
0
0
0

1 ކޮމެންޓް

  1. އެވާހަކަ ދެއްކުން ކަލޭ ހުއްޓާލައިފިއްޔާ މަ ވަރަށް ދެރަވާނެ. ގިނަގިނައިން އެވާހަކަ ދެއްކީމަ ކަލޭގެ ހިތަށް އަސަރުކުރާ ވަރު އެނގި އެގިލަންވެރިކަމުގަ ތާއަބަދު ކަލޭ އުޅޭކަން އެނގުނީމަ ހިތަށް އުފާވެރިކަން ލިބޭ.

ކޮމެންޓް

Your email address will not be published.

0 %