ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކޮށްފި އެވެ.
ކުރިން އޮތްގޮތުންނަމަ މާސްކް އެޅުން މަޖުބޫރު ވަނީ މާލެ ސަރަހައްދުގެ އިތުރުން ކޮވިޑްގެ ކޭސްތައް ފެންނަ ރަށްރަށުގަޔާއި، ގެސްޓް ހައުސް ހުއްދަ ރަށްރަށުގަ އެވެ. އެހެން ރަށްރަށުގައި މާސްކް އެޅުން މަޖުބޫރެއް ނޫނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް ކޮންޓްރޯލްކުރުމަށް އެންމެފަހުން އެޅި ފިޔަވަޅުތަކުގައިވާގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުވާނީ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިއަދުން ފެށިގެން ހުރިހާ ރަށެއްގައި ދިރިއުޅޭ އެންމެވެސް މާސްކް އެޅުން މަޖުބޫރެވެ. އޭގެތެރެއިން އިސްތިސްނާ ހިމެނެނީ ދެ ބަޔަކަށެވެ. އަދި ވަކި ހާލަތްތަކެއްގައިއެވެ.
މާސްކް އެޅުން އިސްތިސްނާ ފަރާތްތައް:
- ދެ އަހަރު ނުވާ ކުޑަކުދިން
- އަމިއްލައަށް މާސްކް އަޅައި، ނެގުމުގެ ގާބިލްކަން ނެތް ފަރާތްތައް
މާސްކް ނެގުން ހުއްދަ ހާލަތްތައް:
- ކަސްރަތުކުރާ ވަގުތު
- ކެފޭ ރެސްޓްރޯންޓުގައި ތިބޭ ވަގުތު ކެއުމަށްޓަކައި
އެޗްޕީއޭއިން ބުނިގޮތުގައި މި އުސޫލާއި ހިލާފުވާ ފަރާތްތައް 1000 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ.