ޖަލުތައް ފުރޭ މައްސަލައަށް އޮތް ހައްލަކީ އާދައިގެ ކުށްވެރިން ޓެގު އެޅުވުމަށާއި "ޕްރީފެބް" ޖަލުތަކުގައި ބޭއްތިބުންކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިކަން ކަން ހައްލު ކުރުމަށްޓަކައި އާދައިގެ ކުށްވެރިން ގެންގުޅުމަށް "ޕްރީފެބް" ޖަލެއް (ރާވާލެވޭ ޖަލެއް) ޗައިނާއިން އޯޑަރކޮށްގެން ގެނެވިފައިވާ ކަމަށެވެ. އަދި އިލެކްޓްރޯނިކް ޓެގް ވަނީ ތަޢާރަފް ކުރެވިފައި ކަމަށާއި މިދެ ޕްރޮޖެކްޓް ކުރިޔަށް ގެންގޮސް މެނުވީ ޖަލުތައް ފުރުމުގެ މައްސަލަ ހައްލުނުވާނެކަމަށެވެ. އަދި މިއީ އެހްން ގައުމުތަކުގައިވެސް މިމައްސަލަ ހައްލުކުރާގޮތް ކަމަށެވެ.
ޖަލުތައް ފުރުމުގެ މައްސަލާގައި އުމަރު ނަސީރު މިހެން ވިދާޅުވިއިރު، އެ މައްސަލަތަކަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ވަނީ ހދ. ނޭކުރެންދޫގައި ޖަލެއް ޤާއިމު ކުރަން ނިންމާފައެވެ. އަދި އަންނަ އަހަރު ތެރޭގައި އެޖަލުގެ މަސައްކަތް ނިމި ހުޅުވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.