ދާދިފަހުން ހުޅުމާލޭގައި މަރާލާފައި އޮއްވައި ފެނުނު ގާސިމް ހަސަން ވަޅިން ކޮށާލާފައިވަނީ އެއްވެސް ރަހުމެއްނެތިއެވެ. 21 އަހަރުގެ ޒުވާނަކު މިކަން ކޮށްފައިވަނީ ފޭރުމުގެ ނިޔަތުގައިކަމަށް ފުލުހުން މައުލޫމާތުދޭއިރު، މީގެ ކުރިންވެސް ފޭރެން އުޅުމުގެ ތެރޭގައި ފުރާނަތަކެއް މިދުނިޔެ ދޫކޮށްފައިިވެއެވެ. އޭގެ ތެރޭގައި 2010 ވަނަ އަހަރު ހ.އ ހޯރަފުށީގެ ހަދަމުންދިޔަ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ހުސެއިން މުހައްމަދު މަނިކު ހިމެނެއެވެ.

ގިނަ ޒުވާނުންތަކެއް ދިރިއުޅެމުން އަންނަ މި މުޖުތަމައުގައި މަސްތުގެ ހާލުގައި ހުރެ ވައްކަންކުރާ ޒުވާނުންނާއި، ފޭރޭ ޒުވާނުންގެ އިންސައްތަ މިދަނީ އިންތިހާއަށް އިތުރުވަމުންނެވެ. ހިތާމަވެރި ހާދިސާއެއް ހިނގުމުން ނޫނި މިފަދަ އަމަލުތައް ފުލުހުންގެ ސަމާލުކަމަކަށް ނާދެއެވެ. އަހްލާގު ރަނގަޅު ހިތްހެޔޮ ރަހުމަތްތެރިއެއްގެ ގޮތުގައި އޭނާގެ އެކުވެރިން ސިފަކުރާ ގާސިމް ދުނިޔެ ދޫކޮށް އެދިޔައީ މިފަދަ ނޭއްގާނީ އަމަލުތައް ގިނަކަން ހާމަކޮށް، މުޖުތަމައު ބިރުގަންނަން ޖެހޭވަރުގެ މިސާލަކާއެކުއެވެ.

ޢިލްމު އުނގެނުމާއި ކުރިމަގު ބައްޓަން ކުރުމަށް އަވަދިނެތި އުޅެންޖެހޭ އުމުރެއްގައި ޒުވާނުން މިފެންނަނީ ހަމަބުއްދި ފިލައިގޮސް މަގުތައް މަތީ ބިއްޖެހިފައިތިއްބައެވެ. މަސްތުވާ ތަކެތި ބޭނުންކުރާ ކޮންމެ ދެމީހެއްގެ ތެރޭގައި 30 އަހަރު ނުފުރޭ ޒުވާނަކު ފެނިގެންދާކަމީ އެކަމާމެދު ވިސްނާ ހައްލުކުރެވެން ޖެހޭނެފަދަ ކަމެކެވެ. ފޭރުމާއި ޓެކުމުގެ ޝިކާރައަކަށްވާއިރު، ތިބާ ތިއީ ކޮން ޚާންދާނެއްގެ ކާކުކަމެއް ނޭނގޭނެއެވެ. ނޭވާ ހިފައްޓާލަންޖެހޭ ފަދަ ނުރައްކާތެރި މަރުތަކަކީ މީގެ ފެންނަން ހުރި މިސާލެވެ.

މިހާރު އެންމެ ބާރަށް ދެކެވެމުން މިދަނީ ޖަލުފުރިގެން އެކަމަށް ހައްލެއް ސަރުކާރަށް ނުހޯދިގެން އުޅޭ ވާހަކައެވެ. ހަމަގައިމުވެސް ގޮޅިތަކަށް އަޅާފައިތިބީ ކުކުޅު ހާލެއް ނޫނެވެ. ރީހެބިލިޓޭޝަން ސެންޓަރުން ވެސް ފިލައިގެން ޒުވާނުން ނިކުމެއެވެ. ނަސީބު ދިމާކުރާގޮތުން އަލުން އެޒުވާނާ ފެނިގެން ހައްޔަރުކޮށްގެން ގެންދެވެއެވެ. މިހުންނަނީ މުޅިންވެސް ނުދައްކާ ވާހަކައެވެ. ނޫނީ ދައްކަން ބޭނުން ނުވާ ވާހަކަ ކަމުގައިވެސް ވެދާނެއެވެ. ސަރުކާރުންނާއި އެންޖީއޯ ތަކުންވެސް އެހީއަށް ބޭނުންވެފައި ތިބޭ ޒުވާނުންނަށް އެހީވާން އަޑު ހަރުކޮށް އެކަން އިއުލާނު ކުރާ މަންޒަރެއް ނުފެނެއެވެ. އެންޖީއޯތަކުން ވެސް ހިލޭ ސާބަހަށް މަސައްކަތްކުރާ ޒުވާނުންނަށް އެއްވެސް އެއްބާރުލުމެއް ނުދެއެވެ. ނަތީޖާއަކަށްވަނީ މުޖުތަމައުއަށް ޚިދްމަތްކުރުމުގެ ރޫހު އެކުހެން ޒުވާނުންގެ ކިބައިން ފިލާ ދިއުމެވެ. 

ވައްކަންކުރާ ޒުވާނުންނަށް ގިނަ ފަހަރު އަދަބު ދިނުމެއްވެސް ނޯވެއެވެ. ފަސޭހައިން ކުށުން ރެކިގަނެވެއެވެ. އިސްލާމީ ޝަރީއަތުގައި ބަޔާންކޮށްފައިވާ ހުކުމްތައް ތަންފީޒު ކުރާނަމަ ކުށަކަށް އަރައިގަތުމުގެ ކުރިން ހާސްފަހަރު ވިސްނާނެއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.