ހުޅުމާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ގާސިމް ހަސަން މަރާލީ ފޭރެން އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކެއްގައި ކަމަށް، ފުލުހުން ދެންމެ ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ގާސިމް މަރާލި ހަމަލާދިން ކަމަށް އިއުތިރާފްވެފައިވާ އަދުހަމްގެ އަމާޒަކަށް ގާސިމް ހެދީ އެ ދުވަހުގެ މެންދުރު ފަހުން ފެށިގެން ހުޅުމާލޭގައި ފޭރެން އުޅެފައި، އެކަން ނުވެ އެންމެ ފަހުން ހުޅުލެއަށް ގޮސް، އެކަން ކުރަން އޭނާއަށް އެންމެ އެކަށީގެންވާ މީހާ ކަމަށް ފެނިގެން ކަމަށެވެ.

"އަދުހަމް ބަލަމުން ދިޔައީ އުމުރުން ތަންކޮޅެއް ދުވަސްވީ މީހަކަށް،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ފުލުހުން ބުނީ، އަދުހަމް މުޅި ދުވަސް ހޭދަކުރީ މާލެ އާއި ހުޅުމާލޭގައި ވެސް މަސްތުވާތަކެތި ބޭނުންކުރުމުގައި ކަން، މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އޭނާ އެ ދުވަހު މެންދުރުފަހު ހުޅުމާލެއަށް ގޮސް މަސްތުވެގެން އުޅުނީ ފޭރިގެން ލާރި ހޯދާނެ ގޮތެއް ފަހިކުރަން ކަމަށް، ތަހުގީގަށް އެނގިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް ފަސޭހައިން އެކަން ކުރެވޭނެ ގޮތެއް ނުފެނުމުން ދެން ނިންމީ ބިރު ދައްކައިގެން ފޭރެން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ބިރު ދައްކައިގެން ފޭރެން އަދުހަމް ވަޅިއެއް ހޯދީ ހުޅުމާލޭ ކެފޭއަކަށް ވަދެ ކަމަށާއި، އެ ވަޅި ޖީބަށް ލައިގެން އުޅުމުގެ ތެރޭގައި ހުޅުމާލެއިން ޓެކްސީއެއް ހުއްޓުވައި އެއަށް އަރަން އުޅެ ނޭރީ އެ ޓެކްސީ ޑްރައިވަރަކީ، އަދުހަމް ބޭނުން ކަހަލަ މީހަކަށް ނުވުމުންނެވެ.

ފުލުހުން ބުނީ، ހުޅުމާލެ އިން ހުޅުލެއަށް ގޮސް ވެސް އަދުހަމް ބައެއް ފިހާރަތަކަށް ވައްކަންކުރުމުގެ ނިޔަތުގައި ވަންކަމަށެވެ. އެކަމަކު އެ ފުރުސަތު ނުލިބުނީ، ފުލުހުން ގަބޫލުކުރާ ގޮތުގައި، ހުޅުލޭގައި ފުލުހުން ހަރަކާތްތެރިވާތީ އެވެ.

ރަހުމަތްތެރިންނާ އެކު މާލޭގެ "ކޭމާޓު" ހޮޓަލުގައި އިނދެފައި މީހަކު ގޮވައިގެން ހުޅުލެއަށްދިޔަ ގާސިމްގެ ކާރަށް އަދުހަމް އެރީ، އެތައް ޑްރައިވަރުންނެއްގެ ތެރެއިން ވެސް، އަދުހަމްގެ ނުބައި މަގުސަދު ހާސިލްކުރެވޭނެ މީހަކީ ގާސިމް ކަމަށް، އޭނާއަށް ވިސްނިގެން ކަމަށް، ފުލުހުން ބުނެއެވެ.

އެކަމަކު ގާސިމްގެ އެންމެ ފަހު ވަގުތުކޮޅު ދިޔައީ، ފުލުހުން ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އަދުހަމަށް ދޫދިނުދީ ސަލާމަތްވުމުގަ އެވެ. ހުޅުމާލޭގައި ހާފުވޭ ހައުސް ހުންނަ ގޯޅިގަނޑަށް ކާރު ގެންގޮސް، ގާސިމް އަތުން ފޭރުމުގެ ގޮތުން ވަޅިން ބިރުދައްކަން ފެށީ، ދެ ވަނަ ފަހަރަށް އެ ގޯޅިއަށް ގޮސްފަ ކަމަށާއި ފުރަތަމަ ފަހަރުން އެކަން ކާމިޔާބް ނުވީ، އެވަގުތު އެ ގޯޅިން އެހެން ދުއްވާ އެއްޗެހި ދަތުރުކުރުމުން ކަމަށް ފުލުހުން ބުނެއެވެ.

ހުޅުލެއިން ގާސިމްގެ ކާރަށް އަދުހަމް އެރީ ވެސް، ހާފްވޭ ހައުސް އަށް ގެންގޮސްދޭށޭ ބުނެފައިވާ ކަމަށް، ތަހުގީގަށް އެނގިފަވެއެވެ.

ފުލިހުން ބުނީ ފަހަތު ސީޓްގައި އިނދެފައި، ވަޅި ނަގައި ގާސިމަށް ބިރު ދައްކަން ކަރުގައި ވަޅި ޖެއްސުމާ އެކު، ސަލާމަތްވާން އޭނާ ވަރަށް ބާރަށް ހަޅޭއްލަވަމުން ގެންދިޔަ އެވެ. އަދި ވަޅީގައި ވެސް ހިފަހައްޓައިގެން، އަދުހަމް އަތުން ދެމިގަންނަން، އެންމެ ފަހު ވަގުތު ވެސް ގާސިމް މަސައްކަތްކުރި އެވެ. އެހެންކަމުން، ފުލުހުންގެ ވާހަކަތަކުން އެނގެނީ، އަދުހަމަށް އޭނާގެ މަގުސަދު ހާސިލްނުވެ، އެންމެ ފަހުން ވަޅީގެ ހަމަލާއަކަށް ބަދަލުވީ ކަމެވެ.

ސަލާމަތްވުމަށްޓަކައި ގާސިމް ކުރި މަސައްކަތުގައި އޭނާގެ ދެ އަތް ވެސް "ފުދޭވަރަކަށް ބޮޑަށް" ޒަހަމްވި ކަމަށް، ފުލުހުުން ބުންޏެވެ.

ގާސިމްގެ ކަރަށް ވަޅި ހެރުމާ އެކު، އަދުހަމް ވެސް ކާރުން ނުކުމެގެން ދުވެފައި ގޮސް، ފޭރުމަށްޓަކައި އޭނާ ލައިގެން ހުރި ގަމީސް، ހާފުވޭ ހައުސް ކައިރީގައި ހުރި ގަސްތަކެއްގެ ތެރެއަށް ވަދެ، އޭނާ ގަމީސް ބާލައި، ހެދުން ބަދަލުކުރި ކަމަށް ފުލުހުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.