އިވޭ އަޑަކީ ކަރަންޓު ކެނޑިގެން ތުއްތު ކުދިން ނުނިދޭތީ ރޯ އަޑެވެ. ކުއްލި ކުއްލިއަށް ކަރަންޓު ކެނޑޭތީ ގޭގޭގައި ބޭނުންކުރާ އިލެކްޓްރިކް ސާމާނު ހަލާކުވެގެން އެކަމުގެ ޝަކުވާ ކުރާ އަޑެވެ. މިހުރިހާ ކަމަކާއި ހުރެ ކަރަންޓު ފޯރުކޮށްދިނުމުގެ މޭސްތިރިޔާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އެތައް ރައްޔިތުންނެއް ދިޔައީ ފާޅުގައި ފާޑުކިޔަމުންނެވެ. ފެނަކައަކީ ކަރަޕްޝަންގެ ހާއްޔެކޭ އެއްބަޔަކު ބުނާއިރު، އަނެއްބަޔަކު ދަނީ އެއީ ސިޔާސީ ބޭނުމަކަށްޓަކައި އުފައްދައިފައިވާ، ކުންފުންޏެއް ކަމަށް ބުނަމުންނެވެ. ނަމަވެސް އެއީ މާޒީއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިގްގެ ސަރުކާރާއި އެކު މިއަދު މިވަނީ އެދުވަސް ފާއިތުވެ އަލުންބަލުން ހުރިހާ ކަމެއް ފެށިފައެެވެ.

އާ ސަރުކާރުން ފެނަކަ ކޯޕަރޭޝަންގެ ތަޅުދަނޑި ހަވާލުކުރީ އަހުމަދު ސައީދު މުހައްމަދާއެވެ. ފެނަކައިގެ މެނޭޖިންގޑިރެކްޓަރ ކަމުގެ ބުރަ މަސްއޫލިއްޔަތާއި ހަވާލުވުމަށް ފަހު އަހުމަދު ސައީދު ވަނީ ފެނަކަ ކޯޕަރޭޝަންގެ ކުރު މާޒީގައިވެސް ނުހޯދޭފަދަ ބޮޑެތި ކާމިޔާބީތައް ހޯދައި، ފެނަކައަކީ ރައްޔިތުންނަށް އިތުބާރު ހިފޭ ކުންފުންޏަކަށް ހަދައިފައެވެ. މިއަދު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރކަމާއި އަހުމަދު ސައީދު ހަވާލުވި ފަހުން އަހަރެއް ވެފައި ވާއިރު، ފެންނަން އޮތީ އުފާވެރިކަމުގެ މަންޒަރެވެ. މިލާ މޯޅިވެފައިވާ ފެނަކައިގެ އެތައް މަލެއް މިއަދު މިވަނީ ފަރިވެ ތާޒާވެފައެވެ. ފެނަކައޭ ކިޔައިގެން އިވޭ ކަރަޕްޝަންގެ އަޑުތައް މިހާރަކު ނީވެއެވެ. ނުގަވައިދުން ފެނަކައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާތީ އެކަމުގެ ޝަކުވާ ކުރާ އަޑެއްވެސް މިއަދު ނީވެއެވެ. ސިޔާސީ ކުލަވަރު އެއްވެސް ވަރަކަށް ފެނަކައަކުން މިއަދު ނުފެނެއެވެ. އެހެންކަމުން ސައީދުގެ އެމްޑީ ކަމުގައި ފެނަކައިން ހޯދި ކާމީޔާބީ ބޮޑޭ ބުނެވޭނެ ފުރިހަމަ ޖާގަ އެބައޮތެވެ.

ފެނަކައިގެ ހިދުމަތްތައް ދެގުނަ

ފެނަކައިން ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭ 154 ރަށެއް އޮވެއެވެ. މީގެ ކުރިން އަބަދުހެންމެ އިވޭ އަޑަކީ އޭގެން ކޮންމެވެސް ރަށެއްގައި ކަރަންޓުގެ މައްސަލައެއް ކުރިމަތިވެގެން އެކަމުގެ ދަތި ރައްޔިތުން ތަހައްމަލު ކުރަމުން އަންނަ ވާހަކައެވެ. ނަމަވެސް އެމްޑީ ސައީދުގެ މާލިމީކަމުގައި އެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އޭގެ ނަތީޖާ ވަނީ ރައްޔިތުންނަށް ދައްކައިފައެވެ. އެގޮތުން ފާއިތުވި އެއް އަހަރު ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކަށްވީ ކަރަންޓާއި ގުޅުންހުރި ކަންކަމުގައި ރައްޔިތުން ކުރާ ޝަކުވާގެ އަޑު މަދުވުމެވެ.

ރަށްރަށުގައި ދޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ހަރުދަނާކުރުމަށް ފެނަކައިން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ޖުމްލަ 67 ޖަނަރޭޓަރު ސެޓް ފޯރުކޮށްދީފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 60 ޖެންސެޓް އިންސްޓޯލް ކުރެވި، ކަރަންޓުގެ ހިދުމަތް ދޭން ވަނީ ފަށައިފައެވެ.

ރައްޔިތުން ދިރިއުޅޭ ހިސާބުތަކުގައި އިންޖީނުގެތައް ހުންނާތީ އެކަމުގެ ޝަކުވާއަކީ ބައެއް ރައްރަށުގެ ރައްޔިތުން ކެނޑިނޭޅި ކުރަމުން އަންނަނީ ޝަކުވާއެކެވެ. ރައްޔިތުންގެ އެ ޝަކުވާގެ އަޑު އަހައި، ފާއިތުވި އެއް އަހަރު ތެރޭގައި ފެނަކައިން ވަނީ 26 ރަށެއްގެ އިންޖީނުގެ ހުރި ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫއެއް ފަށައިފައެވެ. އެތަނުން ބައެއް އިންޖީނުގެތަކުގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ފަށާފައިވާއިރު އިންޖީނުގެއާއެކު ފެނަކައިގެ ޒަމާނީ އޮފީހެއް ވެސް އިމާރާތް ކުރެވިގެންދާނެއެވެ.

ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ފެނަކައަށް ލިބުނު އެންމެ ބޮޑު ޝަރަފަކަށް ވާނީ ނޮން ޔުޓިލިޓީ ފަރާތަކާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕަވާ ޕާޗޭސް އެއްބަސްވުމެއްގައި ސޮއިކުރެވުމެވެ. އެގޮތުން އިޓަލީގެ މިލާނ-ބިކޯކާ ޔުނިވާސިޓީ މެދުވެރިކޮށް ފ. މަގޫދޫގައި ގާއިމުކޮށްފައިވާ ސޯލާ ކަރަންޓު ނިޒާމުން އުފައްދާ ކަރަންޓު ގަތުމަށް ސޮއިކުރި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީވެސް އެމްޑީ ސައީދުގެ މާލިމީކަމުގައެވެ.

ފެނަކައިން ވަނީ ރާއްޖޭގެ މިސްކިތްތަކުގައި ސޯލާ ޕީވީ އަދި އެއާކޮންޑިޝަން ގާއިމުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީއާއެކު ސޮއިކޮށްފައެވެ. އަދި ގދ. މާވަރުލު އެއާޕޯޓަށް ކަރަންޓާއި ފެނާއި ނަރުދަމާ ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ ފެނަކައަށެވެ. އެހެންކަމުން އެމްޑީ ސައީދުގެ އެއްއަހަރު ދުވަހުގެ ތެރޭގައި ފެނަކައިން މިވަނީ ލަނޑު ގޯންޏެއް ޖަހައިފައެވެ.

މުޖުތަމައާއި މުވައްޒަފުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް

ކުންފުންޏެއްގެ އެންމެ އަގުބޮޑު ރައުސުއްމާލަކީ އެ ކުންފުންޏެއްގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެވެސް އެންމެ ބޮޑު ރައުސުއްމާލަކީ އެ ކުންފުނީގެ މުވައްޒަފުންނެވެ. ކަންމިހެންހުރުމާއި އެކު މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ.

އަހުމަދު ސައީދުގެ އެމްޑީކަމުގައި ފެނަކައިގެ މުވައްޒަފުންގެ ކުރިއެރުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ސައީދު ހާއްސަ އިސްކަމެއް ދެއްވައިގެން އަތޮޅުތެރޭގެ ބުރާންޗުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފުޓްސަލް މުބާރާތަކީ ސަރުކާރުގެ ކުންފުންޏަކުން އެފަދަ ގޮތަކަށް އިންތިޒާމު ކޮށްގެން ބާއްވާ ފުރަތަމަ މުބާރާތެވެ.

އަދި ހެޑް އޮފީހުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ހޭންޑުބޯލް މުބާރާތެއް ބޭއްވިއިރު، އެ މުބާރާތަކީ ވެސް ފެނަކައިގެ އަންހެން މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި މިފަދަ ފުރަތަމަ މުބާރާތްކަން ފާހަގަކުރަން ޖެހެއެވެ. މީގެ އިތުރުން ހެޑް އޮފީސް ހިމެނޭހެން ހުރިހާ ބުރާންޗުތަކުގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ޤުރުއާން މުބާރާތެއް ވެސް ވަނީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ބާއްވައިފައެވެ.

ފެނަކައިން ވަނީ މުޖުތަމައުގެ ލާބައާއި ކުރިއެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މާލޭގައި ހިނގައިދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާގައި ގެއްލުންލިބި، ހާލުގައި ޖެހުނު ދިވެހިންނަށް ފެނަކައިގެ މުވައްޒަފުންގެ ފަރާތުން އެއް މިލިއަން ރުފިޔާގެ ފައިސާގެ އެހީއެއް ދީފައިވާއިރު، ފެނަކައިން ވަނީ ތިމާވެއްޓާއި ބެހޭ މިނިސްޓްރީއާއި ގުޅިގެން ފެނަކަ ބުރާންޗުތައް މެދުވެރިކޮށް ރަށްރަށުގެ ރައްޔިތުންނަށް 90،000 އަށްވުރެ ގިނަ ލެޑް ލައިޓު ފޯރުކޮށްދީފައެވެ.

ފެނަކައިން އަންނަނީ އިޖުތިމާއީ ގިނަ ހަރަކާތްތަކުގައިވެސް ބައިވެރިވަމުންނެވެ. އެގޮތުން ފާއިތުވި އެއް އަހަރުގެ ތެރޭގައި ފެނަކައިން ވަނީ އުރަމަތީގެ ކެންސަރާއި މެދު މީހުން އަހުލުވެރިކުރުމުގެ ހަރަކާތްތަކާއި ރޯޑް ސޭފްޓީ އެވެއާނެސް ކެމްޕެއިން އަދި އާތު އަވާ ހަރަކާތްތަކާއި، އޯޓިޒަމް ދުވަހުގެ އިތުރުން ޑައިބެޓިކް ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

ޝަރަފުވެރި އެވޯޑުތަކެއް

ފާއިތުވި އެއް އަހަރު ފެނަކައިގެ މާބަގީޗާގައި ފޮޅުނު އެންމެ މުހިންމު ދެ މަލަކީ އެ ކުންފުންޏަށް ލިބުނު ޝަރަފުވެރި ދެ އެވޯޑެވެ. އެއީ އޭޝިއަން ޔުޓިލިޓީ ވީކުގައި އިންޑަސްޓްރީ ލީޑާ އެވޯޑު މެނޭޖިން ޑިރެކްޓަރު ސައީދު ހާސިލު ކުރުމާއި، މިއަހަރުގެ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި އެކްސެލެންސް އިން ޔުޓިލިޓީ އެވޯޑު ހާސިލު ކުރުމެވެ. މިއީ ފެނަކައަށް ކުރު މުއްދަތެއްގެ ތެރޭގައި ލިބުނު އެންމެ ޝަރަފުވެރި ދެ އެވޯޑެވެ.

އެމްޑީ ސައީދުގެ މާމިލީކަމުގައި ފެނަކައިން އަންނަނީ ތަފާތު ދައްކަމުންނެވެ. ރާއްޖެއަކީ ބޭރުގެ އެހީއަށް ނުހަނު ބޭނުންވާ ޤައުމަކަށް ވުމުން ފެނަކައިގެ އެމްޑީ ވަނީ ބައިނަލްއަޤުވާމީ ގުޅުން ވަރުގަދަކޮށް، ކަރަންޓުގެ ހިދުމަތް ހަރުދަނާކުރުމަށް ބޭރުގެ އެހީ ހޯދުމަށް ބުރަކޮށް މަސައްކަތްކޮށްފައެވެ.

އެގޮތުން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނެވި ކުރީގެ ސަފީރާއި އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ސައީދު ބައްދަލުކުރެއްވިއިރު، އޭޝިއަން ޑިވެލޮޕްމަންޓު ބޭންކު (އެޑީބީ)ގެ އެނާޖީ ޑިވިޝަންގެ ޑިރެކްޓަރުގެ ޑިރެކްޓަރާ ވެސް އެމްޑީ ސައީދު ވަނީ ބައްދަލުކުރައްވައިފައެވެ.

ފެނަކަ ކޯޕަރޭޝަންގެ ހިންގުމާއި ސައީދު ހަވާލުވި ފަހުން އެއް އަހަރުވެފައިވާއިރު، ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ، ހަޤީޤަތުގައިވެސް ފެނަކައިން ތަފާތު ދައްކައިފިކަމެވެ. ހުރިހާ ރޮގަކުންވެސް ފެނަކައިން ކާމިޔާބީ ހޯދަމުން އަންނަ ކަމެވެ. ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓް ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރި މަންޒަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.