1. 2010 ޖެނުއަރީ - ހެއިޓީއަށް އައި ބިންހެލުމުގައި ބިމާހަމަވި ސްކޫލެއްގެ ތެރެއަށް، އެ ގައުމުގެ ސިންޑީ ޓަރސްމީ ވެއްޓި ރޮނީ. މި ބިންހެލުމުގައި މަރުވިކަމަށް ލަފާކުރެވުނު 220،000- 300،000 މީހުންގެ ތެރޭގައި އޭނާގެ 14 އަހަރުގެ ފިރިހެން ކޮއްކޮވަނީ ހިމެނިފައި.

2. 2010 ޖޫން - ކެރީބިއަންގެ ރަށެއްކަމުގައިވާ ގްހާންޑައި ޓޭހަރ އައިލެނޑް ގައި، ތެލުން ތަތްތެޅިފައި އިން ދޫންޏެއް. އެމެރިކާގެ ތާރިޚުގައި ހިނގި އެންމެބޮޑު ތިމާވެށިގެ ގުދުރަތީ ކާރިސާ ގޮތުގައި ބަރަކް އޮބާމާ ސިފަކުރެއްވި "ޑީޕް ވޯޓަރ ހޮރައިޒަން" ތެޔޮ ލީކް ވުމުގެ ހާދިސާ ހިނގާފައިވަނީ މީގެ 2 މަސް ކުރިން. މި ކާރިސާގައި މެކްސިކޯކަނޑުގައި ތެޔޮވަޅެއް ގޮވާ، އެއިން ބޭރުވި ތެލާއި ވިހަ ގޭސް 87 ދުވަސްވަންދެން ކަނޑަށް އެޅެމުން ދިޔަ.

3. 2010 ސެޕްޓެމްބަރ - އެމް.ޓީ.ވީ މިއުޒިކް އެވޯޑް ޝޯގައި ލޭޑީ ގާގާ، އެއްގަމު މަހުން ހަދާފައިވާ ހެދުމެއްލައިގެން. މިކަމާ ގުޅޭގޮތުން މަޝްހޫރު "ދި އެލެން ޑިޖެނެރަސް ޝޯ" ގައި ގާގާ ބުނީ މިހެދުމުން ވަރަށް ގިނަ މެސެޖްތައް ދޭ ކަމާ ނަމަވެސް ގާގާ އަށް ލިބޭ އެންމެ މުހިއްމު މެސެޖަކީ، މިއަދު އަހަރެމެންގެ ޙައްޤުތައް ހޯދުމަށްޓަކައި ތެދުވެ އެކަމަށް މަސައްކަތް ނުކުރާނަމަ، އަހަރެމެންގެ ކަށީގައި ތަތްވެފައިވާ މަހަށް އޮންނަވަރުގެ ޙައްޤެއްވެސް އަހަރެމެނަށް ނުލިބޭނެކަން ކަމަށް.

4. 2010 އޮގަސްޓް - ޓައިމް މެގަޒިންގެ ގެބޭރުގަނޑުގައި އިން، އަފްޣާނިސްތާނުގެ އައިޝާ މުޙައްމަދު ޒާއީ. ތާލިބާން އަށް ނިސްބާތްވާ އޭނާގެ ފިރިމީހާކައިރިން ފިލައިގެން ދާން އުޅުމުން ފިރިމީހާވަނީ އައިޝާގެ ނޭފަތް ބުރިކޮށްލާފައި. މިއީ ހަނގުރާމައިން ހަލާކުވެފައިވާ އަފްޣާނިސްތާނުގައި އަންހެނުންނަށް ނުޙައްގުން ދެމުންދާ އަނިޔާގެ މިސާލެއް. އައިޝާވަނީ އެމެރިކާއަށް ގޮސް ނޭފަތް އަލުން ރަގަޅު ކުރުމަށް އޮޕަރޭޝަން ތަކެއް ކޮށްފައި.

5. 2010 ޑިސެމްބަރު - ވިކިލީކްސްގެ ބާނީ ޖޫލިއަށް އަސާންޖް، ޕޮލިސް ވޭނެއްގައި ލަންޑަން ޖަލަށް ގެންދަނީ. އަސާންޖަކީ، ސަރުކާރުގެ ސިއްރު ގިނަ ލިޔުންތަކަކާއި ވީޑިއޯ ލީކް ކޮށްލުމުގައި އެންމެ އިސްދައުރެއް އަދާކުރި މީހާ. އަސާންޖްވަނީ ގިނަ ދުވަސްތަކެއް ވަންދެން ލަންޑަންގައި ހުންނަ އިކުއެޑޯ އެމްބަސީގައި ހޭދަކޮށްފައި. ފަހުން އިކުއެޑޯ ސަރުކާރުން އަސާންޖަށް ޤާނޫނީ ޙިމާޔަތް ދިން ނަމަވެސް 2019 އަހަރު އެކަންވަނީ ބާތިލް ކޮށްފައި. އަސާންޖް މިހާރު އެމެރިކާއަށް އެތެރެވުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އަސްކަރިއްޔާގެ މައުލޫމާތު ޖާސޫސުކުރުން ހުއްޓުވުމާއި ދެކޮޅަށް ހުރި ގާނޫނުތަކުގެ ދަށުން އޭނާއާއި މެދު ދަޢުވާ ކުރެވޭނެ. އަސާންޖް ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރާ ހުރިހާ ކަމަކަށް އިންކާރުކޮށްފައި.

6. 2011 މަރޗް – 9.1 މެގްނިޓިއުޑްގެ ބިންހެލުމަކަށް ފަހު ޖަޕާނަށް އެރި ސުނާމީގެ ރާޅެއް. މި ސުނާމީގައި 30 ފޫޓުގެ އުސް ރާޅުތައް އަރާ އެ ގައުމުގެ ނިއުކްލިއަރ ރިއެކްޓަރު ތަކެއް ހަލާކުވި. މިއީ މިހާތަނަށް ޖަޕާނަށް އައި އެންމެ ބާރުގަދަ ބިންހެލުން.

7. 2011 އޭޕްރިލް - ލީބިޔާގެ ލީޑަރު ޣައްޒަފީއަށް ވަފާތެރި ލަޝްކަރުތަކަށް އަމާޒުކޮށް، އިދިކޮޅު ހަނގުރާމަވެރިން ރޮކެޓެއް ފޮނުވާލާއިރު އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން ހަނގުރާމަވެރިޔަކު މައްޗަށް ބަޑި ޖަހަނީ. ޣައްޒާފީއަކީ 1969 ވަނަ އަހަރުން ފެށިގެން އެ ގައުމު ލީޑަރު. 2011 ވަނަ އަހަރު އޮކްޓޯބަރު މަހު އިދިކޮޅު ހަނގުރާމަވެރިންވަނީ، ޣައްޒާފީ ހިފާ ހައްޔަރުކޮށް މަރާލާފައި.

8. 2011 އޭޕްރިލް - އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމް އޭނާގެ އަންހެނުން ކެތުރިން އަށް ދޮނެއް ދެނީ. މި ދެމީހުންގެ ކައިވެނީގެ ރަސްމިއްޔާތު، ދުނިޔޭގެ އެކި ހިސާބުގެ އެތައް މިލިއަށް މީހުން ބެލި.

9. 2011 މޭ - އޮސާމާ ބިން ލާދިން ހޯދަން އެމެރިކާ ސިފައިން ޕާކިސްތާނުގައި ހިންގި އޮޕަރޭޝަން، ރައީސް ބަރަކް އޮބާމާ މޮނިޓަރ ކުރައްވަނީ. ސީ. އެން. އެން ގެ ރިޕޯޓަރު ހާމަކުރި ގޮތުގައި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ 14 މެމްބަރުން ކުޑަ ކޮޓަރިއެއްގެ ތެރޭގައި މި އޮޕަރޭޝަން ބަލަން ތިބި އިރު ރައީސް އޮބާމާ އިންނެވީ، ފަތްޖަހާ ގޮނޑިއެއްގައި މޭޒުގެ އެއް ކޮޅުގައި. އަދި ސިފައިންގެ މުޅި ފައުޖު އެނބުރި އަފްޣާނިސްތާނަށް ދަންދެން މި 14 މެމްބަރުން ތިއްބެވީ އެތާނގައި.

10. 2011 ޑިސެމްބަރު - މުސްލިމުންގެ އާޝޫރާ ދުވަހާއި ދިމާކޮށް އަފްޣާނިސްތާނުގެ ކާބުލްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާގެ ފަހުން 12 އަހަރުގެ ތަރާނާ އަކްބަރީ ރޮނީ. މި ދުވަހު ވިދިވިދިގެން ދިން ދެ ޙަމަލާގައި އެތައްބަޔަކު ވަނީ މަރުވެފައި.

11. 2011 ޑިސެމްބަރު - މިސްރުގެ ތަހްރީރު ސްކޮޔަރ ގައި މުޒާހަރާކުރަމުން ދިޔަ މީހުންގެ ތެރެއަށް ސިފައިން ވަދެ މުޒާހަރާ ރޫޅާލުމަށްފަހު، މުޒާހަރާ ކުރަމުން ދިޔަ މީހަކު ހައްޔަރުކުރަނީ. ތަހްރީރު ސްކޮޔަރއަކީ މިސްރުގެ ރައީސް ހުސްނީ މުބާރަކް ވެރިކަމުން ވައްޓާލުމަށް އެންމެ ގިނަ އެއްވުންތައް ބޭއްވުނު ތައް. މުބާރަކްގެ ވެރިކަން ވެއްޓުނީ އެ އަހަރު ކުރީކޮޅު.

12. 2012 ސެޕްޓެމްބަރު - ލީބިޔާގެ ބެންޣާޒީގައި ހުންނަ އެމެރިކާގެ މިޝަންގައި އަލިފާން ރޯކޮށްފައިވާ ވާއިރު ، ރޯކޮށްލާފައިވާ ކާރެއް ކައިރީގައި ހަމަނުޖެހުން ހިންގަމުންދިޔަ މީހަކު ހުއްޓިގެން. މި ހަމާލާތަކުގައި، އެމެރިކާއިން ލީބިޔާއަށް ކަނޑައަޅާފައިވާ ސަފީރުގެ އިތުރުން އެމެރިކާގެ 3 ޑިޕްލޮމެޓިކަކުވަނީ މަރާލާފައި. ބަރަކް އޮބާމާގެ ސަރުކާރުން ކުރިން ހީކުރީ، މި ހަމަލާތަކަކީ، އިސްލާމްދީނާއި ކީރިތި ރަސޫލާ ؛ އަށް ފުރައްސާރަކޮށް އެމެރިކާގައި ހެދި ވީޑިއޯ އާއި ގުޅިގެން ދިން ހަމަލާތަކެއްކަމަށް. ނަމަވެސް ފަހުން އެނގުން ގޮތުގައި މިއީ ޓެރަރިސްޓް ހަމަލާތަކެއް.

13. 2012 އޮކްޓޯބަރު - އެމެރިކާގެ ނިއުޖަރޒީގެ އެމިއުޒްމަންޓްޕާކަކަށް އައި ވެލީގެތޫފާނެއްގައި އެތަން ބިމާ ހަމަވެފައި. މި ތޫފާނުގެ އަސަރު 24 ސްޓޭޓަކަށް ކޮށް ލިބުނު ގެއްލުން 70 ބިލިއަން އެމެރިކާ ޑޮލަރަށް އެރި.

14. 2012 ޑިސެމްބަރު - އެމެރިކާގެ ކަނެކްޓިކެޓްގެ ސޭންޑީ ހުކް އެލިމެންޓްރީ ސްކޫލަށް ދިން ބަޑީގެ ހަމަލާތަކަށްފަހު، ސްކޫލުން ކުދިން ބޭރަށް ނެރެނީ. މި ހަމަލާތަކުގައި 6 ބޮޑެތި މީހުނާއި 20 ކުޑަކުދިން މަރާލި. ބަޑިޖެހި އެޑަމް ލަންޒާ ސްކޫލަށް އައީ ގޭގައި އޭނާގެ މަންމަ މަރާލުމަށްފަހު. މި ފޮޓޯނަގާފައިވަނީ އެހިސާބުގެ ނޫސްވެރިއެއް ކަމަށްވާ ޝެނޮން ހިކްސް.

15. 2013 ފެބްރުއަރީ - އެފްރިކާގެ ހިޖުރަވެރިން ޖީބޫތީގައި ތިބެގެން އަގުހެޔޮކޮށް ފޯނުކުރަންވެގެން ސޯމާލިޔާގެ ސިގްނަލް ލިބޭތޯ ބަލަނީ. ޖިބޫތީއަކީ އެފްރިކާއިން ޔޫރަޕް އަދި މެދުއިރުމައްޗަށް ހިޖުރަކުރާ މީހުންއާއްމުކޮށް މަޑުކުރާ މަންޒިލެއް.

16. 2013 އޭޕްރިލް - ބޮސްޓަންގައި އޮތް މެރަތަންގައި ދުވަމުން ދިޔަ ބިލް އިފްރިގްގެ ކުރިމައްޗަށް ޕޮލިހުން ހުއްޓެނީ. މިކަން މިހެންކުރީ ދުވުން ނިމޭ ރޮނގުކާރީގައި ދެ އެއްޗެއް ގޮވި އަޑު އިވުމުން. މިހަމަލާތަކުގައި 264 މީހުން މަރުވި.

17. 2013 އޭޕްރިލް ބަނގްލާދޭޝްގެ ޝަބާރުގައި 8 ބުރީގެ އިމާރާތެއް ވެއްޓި ހިނގި ހާދިސާގެފަހުން އެ އިމާރަތުގެ ދަށުންފެނުނު ދެމީހުން. މިހާދިސާގައި 1000 އަށްވުރެ ގިނަ މީހުން މަރުވި.

18. 2013 މޭ - ތުރުކީގެ ގޭޒީޕާރކް ތަޅާލަން ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން، އެކަމާ ދެކޮޅަށް ނިކުތް އާއްމުންގެ މީހެއްގެ ގަޔަށް ފުލުހުން ކަރުނަގޭސް ޖަހަނީ. މިޕާރކް ތަޅާލުމާއި ދެކޮޅަށް މުޅި ތުރުކީގެ އެކި ހިސާބުގައި ނުހުރުން ފާޅުކޮށް އެއްވުން ތައް ބޭއްވި.

19. 2013 އޮގަސްޓް - އެމް.ޓީ.ވީ މިއުޒިކް އެވޯޑްގައި ރޮބިން ތިކް އަދި މިލީ ސައިރަސް. މި ހުށައެޅުމުގެ ވާހަކަ ނޫސްތަކުގެ ސުރުޚީތަކަށް އެރި. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ އާއްމުންގެ ކުރިމަތީގައި ހުށައަޅަން ކަމުދާ ކަހަލަ ހުށައެޅުމެއް ނޫން.

20. ސެޕްޓެމްބަރ 2013 - ކެންޔާގެ ނައިރޯބީގެ ޝޮޕިނގް މޯލްއަކަށް ސޯމާލިޔާގެ ޓެރަރިސްޓުން ވަދެ ބަޑިން ހަމަލާދޭން ފެށުމުން، ރައްކާތެރިވާންވެގެން ކައުންޓަރު ބިއްދޮށަށް ބަޔަކު މީހުން ވަދެ. 4 ދުވަހަށް ދެމިގެން ދިޔަ މި ހަމަލާތަކުގައި 67 މީހުން މަރުވި އިރު މި ޙަމަލާގެ ޒިންމާ ނަގާފައިވަނީ އަލްޤައިދާގެ ގޮތްޕެއްކަމަށްވާ އަލްޝަބާބު ގްރޫޕުން.

21. 2013 ނޮވެމްބަރ - އާއްމުންނާއި ބައްދަލު ކުރުމުގެ ތެރޭގައި، ގައިންގަޔަށް ނާރާޖެނެޓިކް ބައްޔެއްގެ ސަބަބުން ސިފަ ގެއްލިފައިވާ ވިނީޝިއޯ ރިވާގެ ގައިގާ، ޕޯޕް ފްރާންސިސް ބައްދާލަނީ.

22. 2014 ފެބްރުއަރީ - ޔޫކްރޭންގެ ސަރުކާރާއި ދެކޮޅަށް ހިންގަމުން ދިޔަ ހަމަނުޖެންތަކުގެ ތެރެއިން ކީވްސް އިންޑިޕެންޑެންސް ސްކޮޔަރ. ރައްޔިތުން ނުރުހުން ފާޅުކޮށް އެއްވުންތައް ބޭއްވީ ސަރުކާރުން ޔޫރަޕިއަން ޔޫނިއަންއާއި އެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އުވާލާ ރަޝިޔާއާއެކު ވިޔަފާރިގެ ގުޅުން ބަދަހި ކުރުމުން.

23. 2014 މަރޗް - އޮސްކާ ހުށައަޅާދިން އެލެން ޑިޖެނެރަސް، ފިލްމީ ފަންނާނުންތަކަކާއި އެކު ސެލްފީއެއް ނަގަނީ. ފޮޓޯގެ އެންމެ ކުރީގައި ބްރޭޑްލީ ކޫޕަރ. "އެންމެ އަތްދިގީ ބްރޭޑްލީ ކޫޕަރ ގެ" ކަމަށް ޖަހާފައި މިފޮޓޯ އާއިއެކު އެލެން ކުރި ޓްވީޓަކީ އެންމެ ގިނައިން ރީޓްވީޓްކުރެވުނު ޕޯސްޓް.

24. 2014 އޮގަސްޓް - އައި. އެސް. އައި. އެސްގެ ހައްޔަރުގައި ތިބި ޔަޒީދީންގެ އާއްމުންނަށް އެހީ ހިފައިގެން ދިޔަ ހެލިކޮޕްޓަރެއް ޢިރާގުގެ ސިންޖާރ ފަރުބަދައިގައި ޖެހި ހިނގި ހާދިސާއަށް ފަހު އޭގައި ތިބި މީހުން އެހެން ހެލިކޮޕްޓަރެއްގައި ކުރުދީންގެ ބާރުގެ ދަށުގައިވާ ސަހަރަހައްދަކަށް ގެންދަނީ. ޒަޚަމްވެފައި އޮތް މީހާގެ ދަށުގައި މަރުވެފައި އެ އޮތީ މި އެކްސިޑެންޓްވީ ހެލިކޮޕްޓަރުގެ ޕައިލެޓް.25. 2014 އޮގަސްޓް - އެމެރިކާގެ މިސޫރީގައި އާއްމުންނާއި ފުލުހުންނާއި ދެމެދު ހިނގި ހަމަނުޖެހުން ތަކެއްގެ ތެރޭގައި ޕޮލިހަކު އެއްލި ކަރުނަގޭސް ދަޅެއް، އެޑްވާރޑް ކްރެފޯރްޑް އަނބުރާ ފުލުހުންނާއި ދިމާލަށް އެއްލަނީ. މި ހަމަނުޖެހުން ފެށުނީ، އެމެރިކާގެ ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެން ވިލްސަން، ހަތިޔާރެއް ނެތް އާއްމުންގެ މީހެއްކަމަށްވާ ކަޅުނަސްލުގެ މައިކަލް ބްރައުން ގަޔަށް ބަޑިޖަހާ ވަރަށް އަނިޔާވެރި ގޮތަކަށް މަރާލުމާއި ގުޅިގެން.

(މާދަމާގެ ބަޔަށް އިންތިޒާރު ކޮށްލައްވާ) 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.