ކޮސްމެޓިކްސް އަކީ ވެސް އެހެން އުފެއްދުން ތަކެކޭ އެއްގޮތަށް ބޭނުން ކުރަންވީ ވަކި މުއްދަތު ކަނޑައެޅިފައި ހުންނަ ތަކެއްޗެވެ. ކޮސްމެޓިކްސް ބޭނުން ކުރުމުގައި މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންވާނެއެވެ. މި ތަކެތީގެ އެންމެރަގަޅު ފެންވަރުގައި ބޭނުންކުރެވޭނެ މުއްދަތެއް ކަނޑައެޅުމަކީ، އުފައްދާ ފަރާތްތަކުގެ ޒިންމާއެކެވެ. ވަގުތާއެކީގައި މިތަކެތީގެ ފެންވަރު ދަށްވެގެން ދަނީ، ގުދަންކުރެވިފައި ހުންނަ ތަނުގެ ފިނިހޫނުމިން ހުންނަ ވަރަކުން، ވައިގެ ތެތްކަން ހުންނަ މިންވަރުން، ބަންދުކުރެވިފައިގޮތުން، ފެން އެކުލެވޭމިންވަރުން އަދި ތައްޔާރު ކުރެވިފައިވާ ގޮތުންނެވެ.

އާއްމުގޮތެއްގައި ކޮސްމެޓިކްސް އޭގެ އެންމެ ރަގަޅު ފެންވަރުގައި ބޭނުން ކުރެވޭނީ 3-1 އަހަރުގެ މުއްދަތަށެވެ. ނަމަވެސް ލޮލަށް ބޭނުން ކުރާ ބާވަތްތަކުގެ މުއްދަތު އެހެން ބާވަތްތަކަށް ވުރެ ކުރެވެ. ސަބަބަކީ،މިތަކެތީގެ ފެންވަރު ކިރިޔާ ދަށްވިޔަސް އިންފެކްޝަން ޖެހުމުގެ ފުރުސަތު ބޮޑު ވުމުންނެވެ. ޚާއްސަކޮށް ގަންނަ ދުވަހުން ފެށިގެން 3 މަހަށް ވުރެގިނަ ދުވަހު މަސްކާރާ ބޭނުން ނުކުރުމަށް، ޑޮކްޓަރުން އިރުޝާދު ދެއެވެ. މަސްކާރާ ހިކިއްޖެނަމަ އެއްލާލާށެވެ. ފެން ނުވަތަ ކުޅުލައިގެން ތެތްކުރަން އެއްގޮތަކަށްވެސް ނުވިސްނާށެވެ. މަސްކާރާއާ އެކުވެގެން ލޮލުގެ ތެރެއަށް ބެކްޓީރިޔާ ވާޞިލް ވެދާނެތީއެވެ. ގިނަ މީހުން ބޭނުންކުރާ ގޮތަށް ކޮސްމެޓިކްސް ފިހާރަތަކުގައި ހުންނަ "ޓެސްޓަރސް" އަކީ ތަޣައްޔަރު ވުމުގެ ފުރުސަތު ބޮޑުވުމުގެ ސަބަބުން ވަރަށް ނުރައްކާތެރި އެއްޗެކެވެ. މިސާލަކަށް ބައެއް މީހުންގެ ހަންގަނޑު އަވިން އަނދާ ނޫނީ ކެނޑިފައިވެސް ހުރެދާނެއެވެ. މިއީ އިންފެކްޝަނަށް ހުޅުވޭ މަގެކެވެ. ކޮންމެ ކޮސްމެޓިކް އަކީ ވެސް ބޭނުން ކުރަން ފެށުމާއި އެކު ވައިގެ ތެރޭގައި އުޅޭ ޖަރާސީމްތަކަށް ހުޅުވިފައިވާ އެއްޗެކެވެ. އެހެންކަމުން ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ކުރިން މިކަމަށް ސަމާލުވެ، ފަރުވާތެރިވުމަކީ އާދައަކަށް ހަދާށެވެ.

އޮސްޓްރޭލިޔާ އުމުރުން 50 އަހަރުގެ ޝަރލީ ޕޮޓަރ އަށް މިވަނީ ވަގުތު ފާއިތުވެފައެވެ. ޝަރލީގެ ލޯ އަނދިރިވާން ދިމާވީ 20 އަހަރު ވީ މަސްކާރާއެއް ބޭނުންކުރުމުގެ ސަބަބުންނެވެ. ޝަރލީ އަކީ ކިޑްނީ ފެއިލްވެގެން ގިނަ ދުވަސް ތަކަކު އުޅުމަށްފަހު ކިޑްނީ ބަދަލު ކޮށްފައިވާ މީހެކެވެ. ޙަޔާތުގެ ބަނަ ދުވަސް ތަކަކަށް ފަހު އެއް ރެއަކު ޝަރލީގެ ދަރިން ބޭނުންވީ މަންމަ ގޮވައިގެން ބޭރަށްދާށެވެ. ޝަރލީ ހުރީ ދެ އަންހެންދަރިންނާ އެކީގައި ބޭރަށްގޮސް އެކުގައި ވަގުތު ހޭދަކުރެވޭނެތީ ވަރަށް އުފަލުންނެވެ. އާއްމު ދިރިއުޅުމުގައި މޭކަޕް ބޭނުންކޮށް ނުހަދާތީ، ބޭނުންކުރާ ކޮސްމެޓިކްސް ވެސް ވަރަށް ގިނަ ދުވަހު ހުސްނުވެ ހުރެއެވެ. ރެއަކީ ޚާއްސަ ރެއެއް ކަމުން އެރޭ ޝަރލީ ދިޔައީ މޭކަޕް ކޮށްގެންނެވެ. ޖެހިގެން އައި ހެނދުނު ޝަރލީގެ ލޯ ރަތްކަން އެންމެ ފުރަތަމަ ފާހަގަވީ ޝަރލީގެ ފިރިމީހާއަށެވެ. ލޮލަށް ތަދުވާން ފެށުމުން ޑޮކްޓަރަށް ދައްކައިގެން ވެފައި ހުރިކަމެއް އެންމެ ފުރަތަމަ ޑޮކްޓަރަކަށް ދެނެއެއް ނުގަނެވުނެވެ. ނަމަވެސް އާދަޔާ ޚިލާފް ތަދު ތަހައްމަލު ކުރަމުންދާތާ އެތައް ދުވަހެއް ފަހުން، އަނެއްކާ ޑޮކްޓަރަށް ދާން މަޖުބޫރުވީ، ޝަރލީގެ ކުރިމަތީގައި ހުރި ކުޑަކުދިންލައިގެން ދުއްވާ ކޮށްޓެއްގެ މައްޗަށް ޝަރލީ ވެއްޓިގެންނެވެ. މިކަމެއް ހިނގީ ފިހާރައެއްގެ ތެރެއިންނެވެ. ހަމަ ހަގީގަތުގައި ވެސް ޝަރލީއަށް އެ ކޮށި ނުފެނުނީއެވެ.

މިފަހަރު ޑޮކްޓަރ އިތުރު ޓެސްޓްތަކެއް ހެދުމަށް، ދުވަސްހަމަވެފައިވާ މަސްކާރާއެއް ބޭނުންކުރިން ތޯ ސުވާލު ކުރިއެވެ. ކަންވީގޮތް ޝަރލީ ކިޔާ ދިނުމުން ޑޮކްޓަރ ހާމަކުރި ގޮތުގައި، ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި އިންފެކްޝަނެއް ޝަރލީގެ ލޮލަށްވަނީ ޖެހިފައެވެ. އޭގެ ސަބަބުން މަޑުމަޑުން ޝަރލީގެ ލޮލުގެ ފެނުންދަނީ ނެތެމުންނެވެ. މިހާރު ޝަރލީ އަކީ ލޯއަނދިރި މީހެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. 3 އަހަރު ތެރޭގައި އެކޮށް ލޯ އަނދިރިވާނެއެވެ. އަދި ވަރަށް އަވަހަށް ޑްރައިވިންގ ލައިލަންސް ކެންސަލް ވާނެއެވެ. ޑްރައިވިންގ ލައިސަންސްއަކީ އެހެންމީހަކަށް ބަރޯސާނުވެ މިނިވަން ކަމާއެކު އުޅުމަށް ވަރަށް މުހިއްމު އެއްޗެއްކަމުން ޝަރލީ ހުރީ މިކަމާ ވަރަށް ދެރަވެފައެވެ.

މިހިތްދަތި ހާދިސާއާއި ގުޅިގެން ޝަރލީވަނީ، ކޮސްމެޓިކްސް ބޭނުންކުރާ ހުރިހާ މީހުނަށް ޚާއްސަކޮށް ލޮލަށް ޚާއްސަ މޭކަޕް ސާމާނު ބޭނުންކުރާ މީހުން މިކަމަށް އިތުރަށް ސަމާލުވާން ނަސޭހަތްތެރި ވެފައެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.