ސިރިއާގައި ހިނގާ ހަނގުރާމަތަކަށް ގޮސް އެ ގައުމުގެ ރެފިއުޖީ ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ތިބި ދިވެހިން މިވަގުތު ވަރަށް ބޮޑަށް ހާލުގައި ޖެހިފައިވާކަމަށް ސީރިޔާގައި ތިބި ދިވެހިން ބުނެފިއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ސީރިޔާގެ އަލްހޯލް ކޭމްޕްގައި ދިރިއުޅެމުންދާ އަންހެނަކު ވަނީ އެ މީހުންގެ އުދާސްތައް ހިއްސާކޮށްފައެވެ.

އެގޮތުން އޭނާ ބުނީ މި ދުވަސްވަރަކީ ސީރިޔާއަށް ފިނި މޫސުން ކަމަށްވުމުން، ވާރޭވެހި ފެންބޮޑުވެ، ޓެންޓްތައް ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށެވެ.

"ވިއްސާރައިގެ ސަބަބުން ޓެންޓުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި، ގިނަ ޓެންޓުތަކަށް ފެންވަމުނުގެ ސަބަބުން އެ ޓެންޓުތަކުގައި ދިރިއުޅެމުން އަންނަ ދިވެހިން ދިރިއުޅެމުން އަންނަނީ ވަރަށް ހާލުގައި" އޭނާ ބުންޏެވެ.

ޓޭންޓްތަކަށް ފެން ވަނުމުގެ ސަބަބުން، ގޮދަޑިތައް ތެމިފައިވާއިރު، އާ ޓެންޓްތައް ނުލިބޭކަން އޭނާ ފާހަގަކުރިއެވެ. އަދި އާ ޓޭންޓް ވިއްކަން ހުރިނަމަވެސް ޓެންޓްތަކުގެ އަގު ބޮޑު ކަމުންނާއި، ފައިސާ ނެތުމުން ބައެއް މީހުންނަށް އާ ޓެންޓެއް ނުގަނެވިވާކަންވެސް އޭނާ ފާހަގަކުރިއެވެ.

އަދި އެ ޓެންޓްތަކަކީ ފިނިމޫސުމަށް އެކަށޭނެ ޓެންޓްތަކެއް ނޫން ކަމަށާއި، ފިނިގަދަކަމުން އެ ސަރަަހައްދުގައި ދިރިއުޅެމުން އަންނަ ބައެއް ކުދިން މަރުވަމުން އަންނަ ކަމަށްވެސް އޭނާ ކިޔާދިނެވެ.

"ބްލޭންކެޓްވެސް ގަންނަން ނުލިބޭ، ކުޑަކުދިން ހެނދުނު ހޭލާއިރު ތިބެނީ ހުންއައިސްފައި، ފިނިގަދަކަމުން އެ ސަރަޙައްދުގައި ދިރިއުޅޭ ކުދިން މަރުވަމުން އެބަދޭ" އޭނާ ކިޔައިދިނެވެ.

ސީރިއާގައި މިވަގުތު ތިބި މީހުން ދެ މަސް ދުވަސް ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ 19 ސެޕްޓެމްބަރ2019 ވަނަ ދުވަހު އިއުލާނުކޮށްފައެވެ. އަދި އެ ފަރާތްތައް ރާއްޖެ ގެނެސް އަނބުރާ މުޖުތަމައު ނެރުމުގެ ކުރިން، އެމީހުން ބައިތިއްބާނެ ތަނެއް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެ ދުވަހު ރައީސް ވިދާޅުވިއެވެ.

ސީރިޔާގެ އަލް-ހޯލް ކޭމްޕްގައި މިވަގުތު ތިބީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އޭގެ ތެރެއިން ގިނަ ކުދިންގެ ސިއްހީ ހާލަތު ވަރަށް ދަށްކަމަށް މައުލޫމާތު ލިބެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.