އިމްރާން އަށް ދަނީ އައިޖީއެމްގައި ފަރުވާދެމުން -- ފޮޓޯ: ވަން އޮންލައިން

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭ ވިޔަފާރި ބަނދަރުގައި ހިނގި އެކްސިޑެންޓް ގައި އަނިޔާވި އިމްރާން އަލީގެ ގައި މައްޗަށް ވެއްޓިފައިވަނީ ކާޕެޓް ރޯލްތަކެކެވެ. އުމުރުން 28 އަހަރުގެ އެ ޒުވާނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު، ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް އާއިލާއިން ބުނެ އެވެ.

އިމްރާން އަލީ އަކީ ވިޔަފާރިވެރިންގެ ބަނދަރުގައި މަޖޫރީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ޒުވާނެކެވެ.

''ޖަޒީރާ'' ޓީމުން ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބާއި، އަދި އިމްރާންގެ ސިއްހީ ހާލަތާއިގުޅޭ އިތުރު މައުލޫމާތުތައް އޮޅުންފިލުވުމަށް ކުރި މަސައްކަތުން އިމްރާނާއެކު މަސައްކަތް ކުރި މީހަކާ ހަވާލާދީ އޭނާގެ އާއިލާ މީހަކު ބައެއް މައުލޫމާތުތައް ހިއްސާކުރި އެވެ.

އައިލާގެ މެމްބަރު ކިޔައިދިންގޮތުގައި އިމްރާންގެ ގައިމައްޗަށް ކާޕެޓް ވެއްޓުނު ވަގުތު އޭނާ ހުރީ ދޯނީގެ އެތެރޭގައެވެ. އަދި ކާޕެޓް ރޯލް ވެއްޓުނީ ކެރޭނަކުން ދޯންޏަކަށް އަރުވަން އުޅުމުގެ ތެރޭގައެވެ. އެގޮތުން ވެއްޓުނު ކާޕެޓުގެ ބަރުދަނުގައި އެއް ޓަނު ހުންނާނެ ކަމަށެވެ.

އެހެން ނަމަވެސް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ "ޖަޒީރާ" އަށް ވިދާޅުވީ، ކާޕެޓް ރޯލްގައި އެއް ޓަނެއް ނުހުންނާނެ ކަމަށާއި، ނަމަވެސް ބަރުދަން ބައި ޓަނަކާއި ގާތްކުރާނެ ކަމަށެވެ.

އެވަރޭޖްކޮށް ރޯލެއްގައި ހުންނަނީ 440 ކިލޯ

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާތީވެ އިތުރު މައުލޫމާތު މި ވަގުތު ހާމަކުރެވެން ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ.

MPL

އެމްޕީއެލްގެ މުވައްޒަފުންތަކެއް -- ފޮޓޯ: ރާއްޖެ.އެމްވީ

އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރ "ޖަޒީރާ" އަށް މައުލޫމާތު ދީފައިވާ ގޮތުގައި، އިމްރާން ހޮސްޕިޓަލަށް ގެނައުމާއެކު އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމުގެ މަސައްކަތް ފެށުނު އެވެ. އެގޮތުން، ވަރަށް ގިނަ އޮޕަރޭޝަންތަކެއް މިހާރުވެސް ނިމިފައިވާ ކަމަށް މީޑިއާ އޮފިސަރ ވަނީ މައުލޫމާތު ދީފައެވެ.

ތަހުގީގު ނިމެންދެން އިމްރާން ނިސްބަށްވާ މިނާ އިންވެސްޓްމަންޓް ގުރޫޕާއި، ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސް ގައި މަސައްކަތްކުރަމުން ދިޔަ އެމްޕީއެލްގެ މުވައްޒަފުން ވަނީ ސަސްޕެންޑް ކޮށްފައެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގްކޮށް، ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް، ޤަވައިދުތަކާއި އުސޫލުތަކަށް ބަދަލުތަކެއް ގެންނަން މި މިހާރު ވެސް މަސައްކަތް ކުރަމުންދާކަމަށް އެމްޕީއެލްއިން ބުނެއެވެ.

3
2
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.