ހަރުކަށި ފިކުރު ނުވަތަ ދީނީ ގޮތުން ހައްދު ފަހަނަ އެޅުމަކީ ވަރަށްވެސް ނުރައްކާތެރި ދިވެހިންގެ އާދަ ކާދަ އަދި ސަގާފަތާ އިސްލާމް ވަންތަ ކަމާއި ވަރަށްވެސް ބީރަށްޓެހި ފިކުރެކެވެ. 27 ސެޕްޓެމްބަރ 2007 ވަނަ ދުވަހު ދިން ސަލްޓަން ޕާކުގެ ބޮމުގެ ހަމަލާއަކީ މިފިކުރުގެ ފެށުމެކޭ ބުނެވިދާނެ ޖާގަ އެބައޮތެވެ. އޭރު ވެރިކަމުގައި ހުރީ ތިރީސް އަހަރު ވަންދެން މިގައުމުގައި ވެރިކަން ކުރެއްވި މައުމޫން އަބްދުލް ޤައްޔޫމެވެ. މަޢުމޫން ކުރަައްވަމުން ގެންދެވީ ޚުދުމުހުތާރު ވެރިކަމެއް ކަމަށް ބުނެ އޭރުގައި ރައްޔިތުންގެ ގިނަ ބަޔަކު ދިޔައީ އަޑު ގަދަ ކުރަމުންނެވެ. ދީނީ އިލްމުވެރިންގެ ތުނބުޅިގައި ސޯސްލާފައި ބޭލި ވާހަކަ އާއި ޖަލުގެ އަނިޔާގެ ވާހަކަ އަދި ހަނދާން ނެތޭހާ ދުވަސް ނުވެއެވެ. ކޮންމެ އަކަސް މިއަނިޔާތަކުގެ އެއް ނަތީޖާ އަކީ މިރާއްޖޭގައި ދީނީގޮތުން ހަރުކަށި ވިސްނުމެއްގެ ބަޔަކު އުޅެން ފެށުމޭ ބުނެވިދާނެ ޖާގަ އެބައޮތެވެ. އެދުވަސް ވަރަކީ މަޝްހޫރު ތާލިބާން އާއި އަލްޤައިދާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ވާހަކަވެސް އިވެމުން ދިޔަ ދުވަސްވަރެކެވެ. 

ރައީސް ނަޝީދު ވެރިކަމުގައި އެންމެ ބޮޑަށް ގޮންޖެހުމާއި ކުރިމަތިލާން ޖެހުނީ މިދެންނެވި ދީނީ ގޮތުން ހަރުކަށި ވިސްނުމުގެ ފަރާތްތަކާއި ދެކޮޅަށް މަސައްކަތްކުރުމެވެ. ސަބަބަކީ މިދެންނެވި ހަރުކަށި ފިކުރުގެ މީހުން ދީން އައްޑަނަ އަކަށް ނަގައިގެން އޭރު ދިޔައީ މިފިކުރު ފަތުރަން މަސައްކަތް ކޮށްފައެވެ. ރައީސް ނަޝީދު ޕޯޑިއަމް ތަކަށް އަރުއްވައި ދެއްކެވި ވާހަކަ ފުޅުތަށް މިއަދު މިދަނީ ހަގީގަތަކަށް ވާތަން ފެންނަމުންނެވެ. ހަރުކަށި ފިކުރުގެ މީހުން ޖިހާދަށް ދަނީއެވެ. ތޭރަ އަހަރުގެ ކުޑަ ކުދިންނާއި ކޯޓުން ބޭރުން ކައިވެނި ކުރަނީއެވެ. ވަކި ދައުލަތް ހަދައިގެން ބޮޑެތި އޮޕަރޭޝަންތަކާއި މިޝަންތައް ހިންގަނީއެވެ. އަދިވެސް މިކަހަލަ ކިތަންމެ ކަމެކެވެ. ރައީސް ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012ގައި ވެއްޓުމަކީ ފިކުރު މިއަދު މިއޮތް ހިސާބަށް ދަތުރު ފެށި ހިސާބޭ ބުނުން ދޮގަކަށް ނުވާނެއެވެ. އަނެއްކާވެސް ކުށްވެރިވާނީ މިހެންބުނީމާ ލިޔުންތެރިޔާއެވެ. މިއީ އެކަމަކު ކަން އޮތްގޮތެވެ. 

23 ޑިސެމްބަރ 2011 ވަނަ އަހަރު ދީނީ އިލްމުވެރިންތަކެއް އޭރުގެ ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް އެއްވި އެއްވުމުގެ ތެރެއިން: ފޮޓޯ: މަކްތަބާ ސަލަފިއްޔާ

މިފިކުރު އާލާވެ ކުރިތައް މޫލައިގެން ގޮސް ގާދޫ ކޮލުން ބޭރަށް ގޮސްފައި މިއޮތީ ގައިމު ބައެއްގެ އިހުމާލުން ކަން ކަށަވަރެވެ. ގަބޫލު ކުރަންޖެހޭ ހަޤީގަތަކީ 2013 އިން ފެށިގެން 2018 އަށް ރާއްޖޭގައި ހިންގާފައި ހުރިބޮޑެތި ޖަރީމާ ތަކާއި ދެކޮޅަށް ރައީސް ނަޝީދު ވެރިކަމުގައި އޭރުގެ އެމްޑީޕީ ވެރިކަމާއި ދެކޮޅަށް ނިކުތް ދީނީ ތާޖު އަޅުއްވައިގެން ތިއްބެވި ދީނީ އިލްމުވެރިން ނުވަތަ ސިޔާސީ ގޮތުން ދީނީ ވާހަކަ ދައްކަވާ ބޭފުޅުން އެއްވެސް އެއްޗެއް ވިދާޅުނުވަނީ ކީއްވެތޯއެވެ. އެމް.އެމް.ޕީ.އާރު.ސީގެ ހިޔާނަތާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއް ނުވަތަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް މުޒާހަރާއެއް ދީނީ އިލްމުވެރިންގެ ކިބައިން ފެނުނުތޯއެވެ؟ މި ޖަރީމާތަކާއި ދެކޮޅަށް ހަރުކަށި ފިކުރު އަދި ކީއްކުރަންތޯ ދީނީ އިލްމުވެރިންގެ ޖަމިއްޔާއިން އަދި ދީނީ އިލްމުވެރިންވެސް ކުށްވެރިކޮށްފައި ނުވަނީ ކީއްވެ ކަމެއް އަޅުގަނޑުގެ ކޮށި ސިކުނޑިއަކަށް ނުވިސްނެއެވެ. ފާޅުގައި ބޮޑެތި ވައްކަން ހިންގަމުން ދިޔައިރުގައި ހަރުކަށި ފިކުރުގެ މީހުން ދިޔައީ ރައީސް ޔާމީނަށް ސަނާާ ކިޔަމުންނޭ ބުނުން ދެގޮކަށް ނުވާނެއެވެ. ނޫސްވެރިޔާ ރިލްވާން އަދި ޔާމިން ރަޝީދު އަނިޔާވެރި ގޮތަކަށް ނެތި ކޮށްލުމުގެ މައްސަލަ ސީދާ ގުޅެނީ މިދެންނެވި ހަރުކަށި ފިކުރުގެ މީހުންނާއެވެ. މީގެ އިތުރުން ޑރ. އަފްރާޝީމް އަލީގެ މަރަކީވެސް ސީދާ މިނުބައި ފިކުރާ ގުޅިލާމެހިފައި އޮތް މަރެކެވެ. ދުނިޔޭގެ އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތްތަށް ކަމަށްވާ އައިއެސް އާއި އަލްޤައިދާ ފަދަ ޖަމާއަތްތަކުގެ މޫތައް ރާއްޖެއަށް ފެތުރިގަތީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރުގައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ވަކި ދައުލަތް ހަދައިގެން އުޅޭ ކަމުގެ ޝަކުވާ ރަސްމީކޮށް އޭރުގެ އިސްލާމިކް މިނިސްޓްރީއާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ހިއްސާ ކުރުމުން ވަރަށް ކައިރިން ބަލަމުންދާ ކަމަށް ބުނެ އެއްވެސް ފިޔަވަޅެއް އެޅިފައިނުވުމަކީ މިފިކުރު މިހާބޮޑަށް ފެތުރެން ދިމާވި ސަބަބެވެ. 

ހަރުކަށި ފިކުރު މިހާ ފުޅާ ދާއިރާއްގައި އޭގެ ކުރިތަށް ރޯވެ ފެތުރުމުގެ ޒިންމާ ރައީސް ޔާމީން އާއި އެމަނިކުފާނުގެ ޒައާމަތުގެ އިސްލާމިކް މިނިސްޓްރީއިން ނަންގަވަން ޖެހެއެވެ. ހަރުކަށި ފިކުރު އާލާވެ ކުރިއަރަމުން ދިޔައިރު މިބުނާ ފިކުރަށް އެއްވެސް ފިޔަވަޅެއް ނޭޅި ޤައުމުގެ ޒުވާނުންގެ ސިކުނޑިތައް އެމީހުން ބޭނުންވާ ބައްޓަމަށް ފަރުމާކޮށް އެއްބަޔަކު ޖިހާދުވުމަށް ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅިގެން ހަނގުރާމަވެރި ބިންތަކަށް ދިޔަ އިރު ދިވެހި ސަރުކާރު އޭރުގައި އޮތީ ނިދާފައިތޯއެވެ؟ ބައެއް ރަށްރަށާއި ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި، މުޅި އާއްމު މުުޖުތަމަޢުއާއި ވަކިވެގެން އުޅޭ އުޅުމަކީ ކުރީގެ ސަރުކާރަށް ނޭގި ހިނގާ ކަމެކޭ ބުނެވިދާނެތޯއެވެ؟  އަލްގައިދާ އައިއެސް ފަދަ ޖަމާއަތްތަކުުގެ އެޖެންޓުން ރާއްޖޭގައި ހަރަކާތްތެރިވާކަން ހަމަ ނޭގެނީތޯއެވެ؟ ފުރިހަމަ މެޖޯރިޓީއާއި އެކު ރައްޔިތުންގެ މަޖިލިސް އާއި ޖުޑީޝަރީ މުށުގެތެރެއަށް ލައްވައިގެން އޭރުގައި އޮވެ މީގެން އެއްވެސް ފަރާތަކާއިމެދު ފިޔަވަޅެއް ނޭޅި ނުވަތަ ތަހުގީގެއް ނުހިންގި ދިޔައީ ކީއްވެގެންތޯއެވެ؟ ހަރުކަށި ފިކުރުގެ މީހުން ދިވެހި ފަސްގަނޑުގައި އޮތް އިސްލާމީ ވެރިކަމެއް ކުފުރުގެ ވެރިކަމަކަށް ހަދާ މި ލޮބުވެތި ވަތަނަކީ ކުފުރުގެ ބިމެއް ކަމަށް ކަނޑައެޅީ އިއްޔަ ނުވަތަ މިއަދުތޯ އެވެ؟ އެކިކަހަލަ ވައްކަން ކޮށް، ކައިރި ރިޒޯޓުތަކުން ވައްކަންކޮށް ވައްކަން ކުރި އެއްޗިއްސަަކީ ޣަނީމަ މުދާ ކަމަށް ނިންމާ، އުމުރުން ތޭރަ އަހަރުގެ ކުޑަ ކުދިން ކައިވެނީގެ ބޭރުން ޖިންސީ ޝިކާރައަކަށް ހެދިއިރު އޭރުގެ ސަރުކާރަށް މި މަންޒަރު ނުފެންނަނީތޯއެވެ؟ ގޮތް ނޭގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ ހައްްޤުގައި ރަނގަޅު ފުރިހަމަ ތަހުގީގެއް ކޮށް އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދޭން އޭރުގައި ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ޖެހިލުންވީ ހަރުކަށި ފިކުރުދެކެ ގަންނާކުރެއްވި ބިރުންތޯއެވެ؟ މިމޫތަށް އޭރުގައި ލުއްސާ ނުލެއްވީ ވެރިކަމާއި ވޯޓު ގެއްލިދާނެ ކަމުގެ ބިރަށްތޯއެވެ؟ 

ސުންނަތަށް އުޅޭ ކޮންމެ މީހަކީ ހަރުކަށި ފިކުރުގެ މީހެކޭ އަޅުގަނޑު އެއްވެސް ހާލެއްގައި ނުދަންނަވަމެވެ. އަދި ތުނބުޅިއަކީ ހަރުކަށި ފިކުރުގެ ލޯގޯ ކަމަށް އަޅުގަނޑު ޤަބޫލެއްނުކުރަމެވެ. ނަމަވެސް ދީނީގޮތުންވެސް އޮތް ހައްދުން ނެއްޓި ޖިހާދުވުމުގެ ނަމުގައި ހަނގުރާމައަށް ގޮސް ހަރުކަށި އަމަލު ތަކަށް ހިތްވަރު ދިނުމަކީ އަޅުގަނޑުމެން ފެށުނީއްސުރެން ދަންނަ އިސްލާމީ ރިވެތި އުސޫލުތަކާއި ބީރަށްޓެހި ކަންތައްތަކެވެ. ހަރުކަށި ފިކުރަކީ ކޮބައިކަމާއި އެފިކުރުގެ މީހުން ދެނެގަންނާނެ ގޮތް މިވަނީ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ އިން ނެރެފައެވެ.  އަދި ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުން ދަނީ އޮޕަރޭޝަންސް ހިންގަމުންނެވެ. ހަރުކަށި ފިކުރުގެ މީހުންނަކީ މުޖުތަމަޢު އާ ވަކިވެގެން އަމިއްލަ ދައުލަތެއް ހަދައިގެން އެކި ކަހަލަ އޮޕަރޭޝަންސް ހިންގަމުން އަންނަ ބައެކެވެ. ކޮންމެއަކަސް ރައީސް އިބްރާހިމް މުޚައްމަދު ސޯލިހުގެ ސަރުކާރުން މިޖެހުނީ މިނުރައްކާތެރި ފިކުރުގެ ކުރިލައިގެން ދިޔަ މޫތައް ބުޑުން ލުހެ، ކުރީގެ ސަރުކާރުން ފެތުރެން ފުރުސަތުދިން "ހަރުކަށި ފިކުރު" ހުއްޓުވުމަކަށް މަސައްކަތްކުރުމެވެ. ދަރިންނާއި ދަރިންގެ މުސްތަޤުބަލަށްޓަކައި މިފިކުރު މިޤައުމުން ނައްތާލަން އެބަޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.