އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އިންޓެލިޖެންސް މައުލޫމާތު ހިއްސާނުކުރައްވާނެ ކަމަށް ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
ވެރިކަމުގައި ހުންނަވާ ރައީސް ކުރީގެ ރައީސުންނާއި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރެއްވުމަކީ އެމެރިކާގައި އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ.
ވެރިކަމާއި ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ އިންޓަވިއުގައި މިހާރުގެ ރައީސް ބައިޑެން ވަނީ އެގޮތަށް އަމަލު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ސީބީއެސް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ބައިޑެން ވިދާޅުވީ އިންޓެލިޖެންސް މައުލޫމާތުތައް ޓްރަމްޕަށް އެނގިވަޑައިގަތުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި ޓްރަމްޕާއި އިންޓެލިޖެންސް މައުލޫމާތުތައް ހިއްސާކުރެއްވުމުން އެއްވެސް ފައިދާއެއް ނެތް ކަމަށާއި އޭގެ ބަދަލުގައި އެފަދަ މުހިންމު މައުލޫމާތުތައް އާއްމުކުރެއްވުމަކީ ޓްރަމްޕް ކުރައްވަފާނެ ކަމެއް ކަމަށް ވެސް ބައިޑެން ވިދާޅުވިއެވެ.
ނިއު ޔޯކް ޓައިމްސްއިން ހާމަކޮށްފައިވާ ގޮތުގައި މިއީ އެމެރިކާގެ ތާރީހުގައި ވެސް މިގޮތަށް އަމަލު ކުރެއްވުމަށް ރައީސްއަކު ނިންމެވި ފުރަތަމަ ފަހަރެވެ.
ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު އޮތް އިންތިހާބު ބައިޑެން ކާމިޔާބުކުރެއްވި ނަމަވެސް އެމަނިކުފާނާއި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށް އޭރު ވެރިކަމުގައި ހުންނެވި ޓްރަމްޕް ދެކޮޅު ހައްދަވާފައިވެއެވެ.
ވެރިކަމުގައި ހުންނެވި ހަތަރު އަހަރުގެ ތެރޭގައި އިންޓެލިޖެންސް އިދާރާތަކާއި ޓްރަމްޕާއި ދެމެދު ގިނަ މައްސަލަތަކެއް ޖެހުނުއިރު އެމަނިކުފާނުގެ ވެރިކަމުގައި ހަ ބޭފުޅަކު ޑިރެކްޓަރ އޮފް އިންޓެލިޖެންސްގެ މަގާމު ފުރުއްވާފައިވެއެވެ.