ފިރިހެނަކާއި ތިން ކުޑަކުދިންނާއެކު ދަތުރުކުރަމުންދިޔަ ޑިންގީއެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އދ. މާމިގިލިން ފުރައިގެން ފ. ފީއައްޔަށް ދަތުރުކުރަމުންދިޔަ 20 ފޫޓުގެ ޑިންގީއެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި އެ ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހަވީރު 4:53 ހާއިރު ކަމަށާއި އެ ޑިންގީގައި ތިބީ ފިރިހެނަކާއި ތިން ކުޑަކުދިން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު މެންދުރުފަހު 2:30 ހާއިރު މާމިގިލިން ފުރައިގެން ފީއައްޔަށް ދަތުރުކުރި ޑިންގީއެއް ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، ގެއްލުނު ޑިންގީން ދަތުރުކުރަމުންދިޔައީ 18 އަހަރުންދަށުގެ ތިން ކުދިންނާއި ފިރިހެނެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ،  އެ ޑިންގީން ދަތުރުކުރަމުންދިޔައީ ނުވަ އަހަރުގެ ކުއްޖަކާއި 11 އަހަރުގެ ކުއްޖެއް އަދި 13 އަހަރުގެ ކުއްޖެކެވެ. އަދި އެ ޑިންގީއަކީ ފިޔާތޮށި ކުލައިގެ މަތި ހިޔާނުކުރާ ޑިންގީއެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެ ޑިންގީ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު ފުލުހުން ވަނީ ޑިންގީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހިލޭ ގުޅޭ ނަންބަރު 119 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.