ބުރާސްފަތި ދުވަހު ބޭއްވެވި ވަރޗުއަލް ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ޓްވިޓަރ

ދިވެހިރާއްޖޭގެ ކާބަން އެމިޝަން، ނެޓް ޒީރޯ ހާސިލްކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާތީ އެކަމަށް އިނގިރޭސިވިލާތުން ތައުރީފްކޮށް މަރުހަބާ ކިޔައިފިއެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް މަރުހަބާ ކިޔާފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުއާއި އިނގިރޭސިވިލާތުގެ ޚާރިޖިއްޔާގެ ދެކުނު އޭޝިއާ، ކޮމަންވެލްތު އަދި އ.ދ ގެ ކަންތައްތަކާ ބެހޭ ވަޒީރު ލޯޑް އަހުމަދު އާއެކު ބޭއްވެވި ބައްދަލުވުން ތަކުގައެވެ. ވަރޗުއަލްކޮށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވެވި ބައްދަލުވުމުގައި، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު މިހާރުވެސް އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފައިވެއެވެ.

އެގޮތުން، ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތައް، ޓްރޭޑް އަދި އިންވެސްޓްމެންޓް، ސަލާމަތީ ކަންކަން އަދި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން އިތުރަށް ގުޅުން ވަރުގަދަ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.

މީގެއިތުރުންވެސް، 2030 ވަނަ އަހަރުގެ ކުރިން ނެޓް ޒީރޯ ހާސިލް ކުރުމަށް ދިވެހިރާއްޖެއިން އަމާޒު ހިފާފައިވާތީ އެކަމަށް ލޯޑް އަހުމަދު ވަނީ ތައުރީފް ކުރައްވާފައެވެ. އެގޮތުން، ދެ ގައުމު ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަން އޭނާ ވަނީ އިއުލާންކޮށްފައެވެ. އަދި މި އަހަރުގެ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގެ ގްލެސްގޯގައި އޮންނަ ކޮޕް-26 ސަމިޓާއި ބެހޭ ގޮތުންވެސް ލޯޑް އަހުމަދު އާއި ފޮރިން މިނިސްޓަރ މަޝްވަރާކުރެއްވިއެވެ.

ދިވެހިރާއްޖެއިން ނެޓް ޒީރޯއަށް ވާސިލްވުމަށް މަސައްކަތްކުރާކަން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އިއުލާންކުރައްވާފައިވަނީ 2020 ޑިސެމްބަރު 22 ވަނަ ދުވަހު އދ އިން އިންތިޒާމްކޮށްގެން ބޭއްވި ކްލައިމެޓް އެމްބިޝަން ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބޭރުގެ ގައުމުތަކުގެ އެހީއާއެކު 2030 ވަނަ އަހަރުގެ ކުރިން ނެޓް ޒީރޯ ހާސިލް ކުރެވޭނެކަން ރައީސް ވަނީ އެ ސަމިޓުގައި އިއުލާންކުރައްވާފައެވެ.

އަދި، މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސްވަނީ މިކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ތިމާވެށި ޙިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގައިވެސް ރާއްޖެއިން ބައިވެރިވަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި، ޕެރިސް އެގްރީމެންޓްގެ ދަށުން އެކުލަވާލާފައިވާ އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ އެހީ ކަށަވަރުވެއްޖެނަމަ 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖޭގެ، ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދޭނެކަމަށް ވިދާޅުވާ ވާހަކަ ރައީސް ތަކުރާރު ކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.