އައްޑޫ ސިޓީ މޮނިޓަރިންގ ހާލަތަށް ލާފައިވާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އިން ބުނެފިއެވެ.
އެޗް.އީ.އޯ.ސީ އިން ބުނެފައިވާ ގޮތުގައި، އައްޑޫ ސިޓީ މޮނިޓަރިންގ ހާލަތަށް ލާފައިވަނީ ހިތަދޫ އިން ދެ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މި ދެ މީހުންނަކީވެސް ކަރަންޓީނުގައި ތިބި ދެ މީހުން ކަމަށާއި މިހާރު ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެޗް.އީ.އޯ.ސީ އިން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީ ހުޅުދޫމީދޫ އިންވެސް ބަޔަކު ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންގ ހާލަތަށް ކުރިން ލާފައިވެއެވެ.
ރާއްޖޭގައި މިހާރު ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، މިކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ވަނީ ނިންމާފައެވެ. އެގޮތުން، ރަށްތަކަށް ދަތުރުކުރާ މީހުންނަށް ހުއްދަ ދިނުމުގައިވެސް އަމަލުކުރާ އުސޫލަށް ބަދަލު ގެންނާނެ ކަން ވަނީ އިއުލާންކޮށްފައެވެ.