MPL
އެމްޕީއެލްގެ މުވައްޒަފުންތަކެއް -- ފޮޓޯ: ރާއްޖެ.އެމްވީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގައި ޓާފް ރޯލެއް ދޯންޏަކަށް އަރުވަން އުޅެނިކޮށް އެ ރޯލް ކައްސާލައިގެން ގޮސް އަނިޔާވި މަޖޫރީގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައި.ޖީ.އެމް.އެޗް އިން ބުނެފިއެވެ.

އައި.ޖީ.އެމް.އެޗް ގެ މީޑިއާ އޮފިސަރ "ޖަޒީރާ" އަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވެފައިވާ މީހާ ހޮސްޕިޓަލަށް ގެނައުމާއެކު އޭނާއަށް އަނިޔާތަކަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެގޮތުން، ވަރަށް ގިނަ އޮޕަރޭޝަން ތަކެއް މިހާރުވެސް ނިމިފައިވާ ކަމަށް މީޑިއާ އޮފިސަރ ވަނީ މައުލޫމާތު ދީފައެވެ.

އެހެންނަމަވެސް، އޭނާގެ ހާލު އަދިވެސް ސީރިއަސްކަމަށާއި މިހާރުވެސް އައިސީޔޫގައި ފަރުވާ ދެމުން އަންނަކަމަށްވެސް "ޖަޒީރާ" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މާލޭ ވިޔަފާރި ބަނދަރުގައި 4 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ "މިނާ އިންވެސްޓްމަންޓް" ކްލިއަރަންސް ގުރޫޕްގެ މަޖޫރީއަކަށެވެ. މި ހާދިސާއާ ގުޅިގެން، އެމްޕީއެލްގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމެޓީން ވަނީ އިއްޔެ ތަހުގީގު ފަށާފައެވެ.

އެގޮތުން، ހާދިސާގެ ތަހުޤީގުން ވަކި ގޮތެއް ކަނޑައަޅަންދެން، މިނާ އިންވެސްޓްމަންޓް ގުރޫޕާއި، ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތްކުރަމުންދިޔަ އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑްކުރުމަށް ކޮމެޓީންވަނީ ނިންމާފައެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގްކޮށް، ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް، ޤަވައިދުތަކާއި އުސޫލުތަކަށް ބަދަލުތަކެއް ގެންނަން މި މިހާރު ވެސް މަސައްކަތް ކުރަމުންދާކަމަށް އެމް.ޕީ.އެލްއިން ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ، މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބިއްލޫރި ޕެލެޓް ވެއްޓި ހިތާމަވެރި ހާދިސާ އެއް ހިނގާފައި ވަނިކޮށެވެ. އެ ހާދިސާ ގައި އަނިޔާވި ޒުވާނަކު ވަނީ މަރުވެފައެވެ. އެ މައްސަލަ ހިނގައި ދިޔަގޮތް އެމްޕީއެލުން ދަނީ ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.