ގދ. އަތޮޅުގައި އޮންނަ ފަޅުރަށަކަށް ރައްޓެހިންނާއެކު ދަތުރު ގޮސް އުޅުނު ކުއްޖެއްގެ ބޮލަށް ސީލިންގ ވެއްޓި ހާލު ސީރިޔަސް ވެެގެން ފަރުވާދޭން ފަށައިފިއެވެ.
މި ވަގުތު ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާދެމުން ދަނީ ގދ. ގައްދޫ އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާނަަށެވެ.
''ޖަޒީރާ'' އަށް މައުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ލަބީބް ވިދާޅުވީ، ފިރުޝާނުގެ ބޮލަށް ސީލިންގ ވެއްޓުނީ އެ ސަރަހައްދުގައި ހަދަމުން ދިޔަ ގދ.ލޮނުދޫފުށި ކިޔާ ރަށަކަށް ރައްޓެހިންނާއެކު ދަތުރުގޮސް އުޅެނިކޮށް ކަމަށެވެ. އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ގދ. ގައްދޫގައެވެ. އިތުރު ފަރުވާ އަށް ތިނަދޫ އަށް ގެންގޮސްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
ލަބީބް ވިދާޅުވީ، މިހާދިސާ ހިނގަން މެދުވެރި ސަބަބު ނޭނގޭ ކަމަށާއި، އެކަމަކު އެ ކުއްޖާގެ ހާލު ސީރިޔަސް ކަމަށެވެ.