ކޮވިޑް ވެކްސިން ޖެހުމަށް، ސިއްހީ ހިދުމަތްތެރިޔަކު ތައްޔާރުވަނީ -- ފޮޓޯ: ރައީސް އޮފީސް

ކޯވިޑް-19 ގެ ވެކްސިން ދިނުމަށް ސަރުކާރުން ފަށާފައިވާ ކެމްޕެއިނަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބި، ސޯޝަލް ސެންޓަރަށް ބާރު ވެގެން ވެކްސިން ޖެހުން މާދަމާގެ ވަގުތަކަށް ބަދަލުކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ވަނީ، މާލޭ ސިޓީގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާ ސޯޝަލް ސެންޓަރުގައި ކިޔޫ ދިގުވެ މީހުން ގިނަވަމުންދާތީ، މިއަދު ވެކްސިން ޖަހަން ރާވަމުންދާ ފަރާތްތަކުން މާދަމާގެ ވަގުތަކަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދު ސޯޝަލް ސެންޓަރަށް ވެކްސިން ޖެހުން 14:30 ގައި ބަންދުވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން މީގެ ކުރިން ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ 55 އަހަރުން މަތީގެ ބޭފުޅުންނަށް ވެކްސިން ޖެހުމަށް ތިން މަރުކަޒެއް ކަނޑައަޅައި، ހެނދުނު 9 އަކުން ހަވީރު 5 ޖަހަންދެން ސޯޝަލް ސެންޓަރުގައިވެސް ވެކްސިން ޖެހުމަށް ހުޅުވާލާފައިވާނެ ކަން ހާމަކޮށްފައެވެ.

ސޯޝަލް ސެންޓަރުގެ އިތުުރުން މާލެ ސަރަހައްދުގައި ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރ (ކުރީގެ ފްލޫ ކްލިނިކް) އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒެވެ.

ހަމަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެނަށް ވެކްސިން ދިނުމަށް އަމާޒުކޮށް ސަރުކާރުން މިމަހުގެ ފުރަތަމަ ދުވަހު ފެށި ވެކްސިން ކެމްޕެއިންގެ ދަށުން ރޭގެ ނިޔަލަށް 4269 މީހަކަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.

މުޅި ރާއްޖޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވާއިރު، މިހާރު ދެމުން ދަނީ އޮކްސްފޯޑް - އެކްސްޓްރަޒެނެކާގެ ފޯމިއުލާ ބޭނުންކޮށްގެން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިނެވެ. ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އިންޑިއާގެ ހިލޭ އެހީގެ ދަށުން ލިބިފައިވާއިރު، ޗައިނާ އިން ވަނީ އެގައުމުގެ ސައިނޯފަރމް ވެކްސިންގެ 100،000 ޑޯޒްވެސް ރާއްޖެ އަށް ހަދިޔާކޮށްފައެވެ.

ސަރުކާރުން ވަނީ، ދިވެހި ހުރިހާ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން މިމަހުގެ ތެރޭގައި ވަރލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާ ކުރާ ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެއެވެ. އަދި ސިންގަޕޫރުގެ ކުންފުންޏެއް މެދުވެރިކޮށް އޯޑަރުކޮށްފައިވާ ވެކްސިންގެ ޑޯޒްތައް މާޗް މަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.