ރ. މަޑުއްވަރީގެ ހަރުކަށި ފިކުރުތަކުގެ މީހުން ގިނަކަމަށް ދެކެވޭ ވާހަކަތާކައި ގުޅިގެން ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު މަޑުއްވަރީން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން، މަޑުއްވަރީގެ ބައެއް ގެތައް ފާސްކުރަމުން ދަނީ، ހައްދު ފަހަނަ އަޅާފައިވާ ފިކުރުގެ މީހުން، ކުޑަކުދިންނާއި، އަންހެނުންގެ ހައްޤުތަކުން މަޙުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖައިޒު ފައިދާ ނަގަމުންދާތީ ކަމަށް ފުލުހުންގެ އޮޕަރޭޝަނާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

"މި އޮޕަރޭޝަނަކީ ރ.މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި، ދަޢުލަތުގެ އާއްމު ނިޒާމާއި، އިދާރީ އިންތިޒާމުތަކުން ބޭރުން ވަކި ޖަމާޢަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތަކުން މަޙުރޫމުކޮށް، އެ ފަރާތްތަކުގެ ނާޒައިޒް ފައިދާ ނަގަމުންދާ ކަމަށާއި، މިފަދަ ޢަމަލުތައް ހިންގާ ބައެއް ފަރާތްތަކުން، އަންހެނުންނާއި ކުޑަކުދިން، މުޖުތަމަޢު އާއި ވަކިކޮށް، ކުޑަކުދިންނަށް ޞިއްޙީގޮތުން، ދިނުމަށް ލާޒިމު ކުރާ ވެކްސިން ނުދީ، ތަޢުލީމް ޙާޞިލްކުުރުމުގެ ހައްޤުން މަޙުރޫމުކޮށް، ކުޑަކުދިން މީހުންނާއި ކައިވެނިކޮށް ކަމަށް ބުނެ، މި ކަންކަން ހިންގާ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށާއި، ދަރިމައިވުމާއި، އުފަންވަނިވި ޞިއްޙަތާއި، ގުޅުންހުރި ޞިއްޙީ އިންތިޒާމު ތަކާއި، ހައްޤުތަކުން އަންހެނުން މަޙުރޫމުކޮށް، އެފަދަ އަންހެނުންގެ ފުރާނައާއި ޞިއްޙަތަށް ނުރައްކާވާފަދަ ޙާލަތަކަށް ހުށަހެޅިފައިވާކަމަށް ލިބެމުންދާ މަޢުލޫމާތާއި ގުޅިގެން ހިންގާ އޮޕަރޭޝަނެއް" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

 ސިފައިންނާއި ފުލުހުން ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި މަޑުއްވަރީ އާއި އެ ސަރަހައްދުގައި ހިމެނޭ އެހެން ރަށްތަކުގެ ރައްޔިތުންގެ ފަރާތުންވެސް ފުރިހަމަ އެއްބާރުލެއްވުން ބޭނުންވާކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.