ކޮޅުމަޑުލު ހިރިލަންދޫގައި ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާއި ދިމާކޮށް ކުރިއަށް ގެންދާ "ޒުވާނުންގެ ކުޅިވަރު ހަފްތާ" އަކީ ކޮންމެ ރަށަކަށްވެސް ނަމޫނާއެއް ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހުލޫފު މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން ޓްވީޓުގައި މިނިސްޓަރ ވިދާޅުވީ، ހިރިލަންދޫގެ ޒަމާންވީ ކުޅިވަރު ހަފްތާއަކީ ކޮންމެ ރަށަކުންވެސް ނަމޫނާއެއް ކަމުގައި ދެކިގެން ކުރިއަށް ގެންދަން ވަރަށް ފުރިހަމަ ހަރަކާތެއް ކަމަށެވެ.

އަދި ރަށުގެ ކުދިބޮޑު އެންމެން ބައިވެރިވާ އެ ހަރަކާތުގައި ޔޫތު މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެނީތީ އުފާކުރާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހިރިލަންދޫ ޒުވާނުންގެ ހަފްތާ ބާއްވާތާ 19 އަހަރުވެފައިވާއިރު، މީގެ ކުރިން އެ ހަރަކާތް ބާއްވަމުން އައީ އެރަށުގެ ޒުވާނުންގެ ޖަމިއްޔާއިން އިސްނަގައިގެންނެވެ. ނަމަވެސް މިދިޔަ ތިން އަހަރު އެ ހަރަކާތް، ބާއްވަމުން އައީ ހިރިލަންދޫ ކައުންސިލުންނެވެ.

ހިރިލަންދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސާޖިދު "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކައުންސިލުން ކުޅިވަރު ހަފްތާ އިންތިޒާމުކޮށް ބާއްވާތާ މީ ތިންވަނަ އަހަރު ކަމަށާއި، ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި ކައުންސިލުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.

ކުރިން މި ހަރަކާތަކީ މިރަށުގެ ޒުވާނުންގެ ޖަމިއްޔާއިން ބާއްވަމުން އައި ހަރަކާތެއް. ނަމަވެސް އަޅުގަނޑުމެން ކައުންސިލާއި ހަވާލުވެ ފުރަތަމަ އަހަރުން ފެށިގެން މި އަންނަނީ މި ހަރަކާތް ކައުންސިލްގެ ފަރާތުން ބާއްވަމުން. އެއީ ވީހާވެސް ފުޅާކޮށް، ގިނަ ކުޅިވަރުތަކަކާއި އެކު މި ހަރަކާތް ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން ބޭނުންވާތީ: ސާޖިދު ވިދާޅުވިއެވެ.

ހިރިލަންދޫގައި ދިރިއުޅޭ އުމުރުން 14 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް މި ހަރަކާތުގައި ބައިވެރިވެވޭއިރު، މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މުޅިރަށް ހަތަރު ޓީމަކަށް ބަހާލައިގެންނެވެ.

ކުޅިވަރު ހަފްތާގައި ބައިވެރިވެފައިވާ ޓީމްތައް:

  • ޓީމް ގްރީން
  • ޓީމް ބްލޫ
  • ޓީމް ވައިލެޓް
  • ޓީމް ގްރޭ

ކުޅިވަރު ހަފްތާ ބޭއްވުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުޅިވަރުތައް ކުޅޭނެ ރަނގަޅު ދަނޑުތަކާއި، ކޯޓުތައް ނެތުން ކަމުގައި ކައުންސިލުން ފާހަގަކުރެއެވެ.

"މަދަދު ހިރިލަންދޫ ޒުވާނުންގެ ކުޅިވަރު ހަފްތާ 2019"ގެ ނިމުން ފާހަގަކޮށް، ވަނަ ވަނަ އަށް ދިޔަ ޓީމްތަކާއި ފަރާތްތަކަށް އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފެވެ.

އެ ޖަލްސާގައި މަހްލޫފް ވަނީ އަންނަ އަހަރުގެ ކުޅިވަރު ހަފްތާ އަންނަން ވާއިރަށް، ހިރިލަންދޫގެ ފުޓްސެލް ދަނޑާއި، އައުޓްޑޯ ވޮލީ ކޯޓު ނިންމައިދޭނެ ކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް އަރުވައިފައެވެ.

މިއަހަރުގެ ކުޅިވަރު ހަފްތާގެ އެއްވަނަ ޓީމަކީ ޓީމް ގްރީންއެވެ. ދެވަނަ، ޓީމް ގްރޭއަށް ލިބުނު އިރު ތިންވަނަ ލިބުނީ ޓީމް ބްލޫއަށެވެ. ހަތަރު ވަނަ ޓީމް ވައިލެޓްއަށެވެ. އެންމެ މޮޅު ޓީމް ހޮވުމުގައި ބަލަނީ ހުރިހާ ކުޅިވަރަކުން އެންމެ ގިނަ ޕޮއިންޓް ލިބުނު ޓީމަށެވެ.

"މަދަދު ހިރިލަންދޫ ޒުވާނުންގެ ކުޅިވަރު ހަފްތާ 2019"ގެ މިއަހަރުގެ މެއިން ސްޕޮންސަރަކީ މަދަދު ކްރެޑިޓް ސްކީމެވެ. މަދަދަކީ ހިރިލަންދޫ ކައުންސިލުން ރައްޔިތުންގެ ލާބައަށް ތައާރަފްކޮށްފައިވާ ކްރެޑިޓް ސްކީމެކެވެ. އެ ހަރަކާތުގެ އިތުރު ސްޕޮންސަރުންނަކީ ރެޑްބުލް، ޝިހާނީ ޕްލާޒާ އަދި ޓައިމް އައުޓެވެ. މީގެ އިތުރުންވެސް ހެޔޮއެދޭ އެތައް ފަރާތެއްގެ އެއްބާރުލުން ވަނީ އެހަރަކާތް ކުރިއަށް ގެންދިޔުމަށް ލިބިފައެވެ.

ހިރިލަންދޫ ޒުވާނުންގެ ކުޅިވަރު ހަފްތާއަކީ ރާއްޖޭގައި ބޭއްވޭ، އެންމެ ގިނަ މީހުން ބައިވެރިވާ، އެންމެ ގިނަ އަހަރުވީ ކުޅިވަރުގެ ހަރަކާތެވެ. މިއީ ހިރިލަންދޫގެ ރައްޔިތުންގެ މެދުގައި ކުޅިވަރަށް އޮންނަ ލޯބި އިތުރުކޮށް، ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރުކުރުމަށް ބޭއްވޭ ކުޅިވަރު ހަރަކާތެކެވެ. މި ހަރަކާތުގައި ޤައުމީ ފެންވަރުގެ ކުޅުންތެރިންވެސް ބައިވެރިވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.