ޕޮލިޓެކްނިކުން ވަނީ 1615 މީހަކު ތަމްރީނު ކޮށްފައި ފޮޓޯ:މިހާރު

މޯލްޑިވްސް ޕޮލިޓެކްނިކް އިން ހިންގާ ކޯސްތަކުގައި ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއިންނާއި ރާއްޖޭން ބޭރުން ތައުލީމާއި ތަމްރީނު ހޯދަން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިސްކަން ދޭން ހަމަޖެހިފައިވާ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި އެއީ ޒުވާނުން ބިނާކުރުމުގަޔާއި، ގައުމު އާރާސްތުކުރުމުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ އިބްރާހިމް ހަސަން ވިދާޅުވީ، ރައީސްގެ ތަސައްވަރު ހަގީގަތަށް ހެދުމަށްޓަކައި އެ މިނިސްޓްރީންވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޕޮލިޓެކްނިކުން ހުރި ފުރުސަތުތައް ދެނެގަތުމަށް މަޝްވަރާތަކެއް އެކި ފަރާތްތަކާއި އެކު ކުރެވެމުންދާ ކަމަށެވެ.

މިހާރު ވާނީ ހާއްސަ އެހީ އަށް ބޭނުންވާ އެކި އެކި ޖަމާއަތްތަކާއި އެކު އެއް މޭޒު ދޮށެއްގައި އިށީނދެ އެ ފަރާތްތަކަށް (ހާއްސަ އެހީ އަށް ބޭނުންވާ) ޕޮލިޓެކްނިކުން ހިންގާ ކޯސްތަކުގައި ބައިވެރިވެވޭނީ ކިހިނެއްތޯ ދެނެގަތުމުގެ މަސައްކަތް ފައްޓާފައި

އޭނާ ވިދާޅުވީ، އުއްމީދަކީ ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަކީވެސް މުޖުތަމައުގައި ބޭނުން ހިފޭ ބަޔަކަށް ވެގެން ދިޔުން ކަމަށެވެ.

ޕޮލިޓެކްނިކްގެ ކާމިޔާބީތަކަށް އަލިއަޅުއްވައި ލައްވަމުން ޑރ އިބްރާހިމް ހަސަން ވިދާޅުވީ، މީހުން ބިނާކުރުމުގައި އެެންމެ މުހިއްމު ރޯލެއް އަދާކުރަމުން އަންނަ ޕޮލިޓެކްނިކުން މިހާތަނަށް 1615 މީހަކު ތަމްރީނު ކޮށްފައިވާ ކަމަށެވެ. އަދި އިތުރު ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.