އިނގިރޭސިވިލާތުގައި މޭ މަހުގެ 6 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: ބީބީސީ

މޭ މަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސް ނުކުރަން ނިންމައިފިއެވެ.

މޭ މަހުގެ ތެރޭގައި އެ ގައުމުގައި ތިން އިންތިހާބެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބާއި، މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ އިތުރުން ޕޮލިސް އަދި ކްރައިމް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަން ކުރުމަށް ބާއްވާ އިންތިހާބުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރި ގައުމު ފުރަބަންދު ކުރުމާއި ގުޅިގެން އިންތިހާބު ފަސްކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމުގައި ސަރުކާރުން ވަނީ ކުރިން ބުނެފައެވެ. އެހެންނަމަވެސް، ހުކުރު ދުވަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ގައުމުގެ ކެބިނެޓް އޮފީހުގެ މިނިސްޓަރ ކްލޮއީ ސުމިތު ވިދާޅުވީ، މޭ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުތައް ކުރިއަށް ދާނެކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން ޑިމޮކްރަސީ ހުއްޓުމަކަށް އައިސްގެން ނުވާނެކަމުގައިވެސް ކްލޮއީ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަކާއެކުއެވެ. އެގޮތުން، މި ފިޔަވަޅުތައް އެޅުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ އިތުރު 31 މިލިއަން ޕައުންޑް ކައުންސިލްތަކާއި ހަވާލުކުރުމަށް ނިންމާފައެވެ. މިއީ، ވޯޓުލާ މަރުކަޒުތަކުގައި ޕްލާސްޓިކް ސްކްރީން ހަރުކުރުމަށާއި ސެނިޓައިޒަރ ފުޅިތައް ބެހެއްޓުމަށް ދިނުމަށް ނިންމާފައިވާ ފައިސާތަކެކެވެ. އަދި ވޯޓިންގ ބޫތުތަކަކީ ވައި ދައުރުވާ ގޮތަށް ހުންނަ ބޫތުތަކެއް ކަން ކަށަވަރު ކުރުމަށާއި، ވޯޓު ލުމަށް އަންނަ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ގަލަމެއް ގެނައުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

މީގެއިތުރުންވެސް، ދޮރުން ދޮރަށް ކެމްޕޭނު ކުރުން މަދުކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ. މިއާއެކު ކެމްޕޭނު ކުރުމަށް އެކަށީގެންވާ މިންވަރެއްގެ ފުރުސަތެއް ނުލިބޭކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. އޮންލައިން ކެމްޕޭން ކުރުމުގެ އުކުޅުތައް ބޭނުންކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފައިވާއިރު، ކޮންޒަވޭޓިވް ޕާޓީ އިން ވަނީ އޮންލައިންކޮށް ކެމްޕޭނު ކުރަން ތައްޔާރުކަން ހާމަކޮށްފައެވެ.

އިނގިރޭސިވިލާތަކީ މުޅި ދުނިޔޭގައިވެސް ވެކްސިން ދޭން ފެށި ފުރަތަމަ ގައުމެވެ. އެ ގައުމުގެ ސަރުކާރުގެ އަމާޒަކީ މޭ މަހުގެ ކުރިން އުމުރުން 50 އަހަރުން މަތީގެ މީހުން ހިމެނޭހެން ޕްރަޔޮރިޓީ ހުރިހާ ގްރޫޕްތަކަކަށް ވެކްސިން ދިނުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *