ކަފާލާތުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން ނެރުމަށް އެދި ހައިކޯޓަށް ހުށަހަޅައިފިއެވެ.
ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ޑރ. ޖަމީލް އަހުމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ކަމަށާއި، ރައީސް ޔާމީނަށްވެސް ލަސް ނުވެ އެ ފުރުސަތު ލިބޭނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށެވެ.
"ޒަމާނީ ޖުޑީޝީއަރީތަކުގައި ރައްޔިތުންނަށް ލިބިދޭ މިފަދަ ހައްގުތައް ދިވެހިރާއްޖޭގެ ކޯޓުތަކުން މީގެ ކުރިންވެސް ނަގަހައްޓާފައިވާތީ، ރައީސް ޔާމީނަށްވެސް ލަސްނުވެ ބެއިލްގެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް" ޖަމީލް ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ 5 އަހަރަށް ޖަލަށް ލާފައިވާއިރު، އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާ ޕީއެންސީ/ ޕީޕީއެމްއިން އަންނަނީ މެދުކެނޑުމެއް ނެތި އިހުތިޖާޖު ކުރަމުންނެވެ.