ރަޝިޔާއަށް އުފަން 34 އަހަރުގެ ވެލެރިޔާ ލުކިނޯވާ އަކީ، މޮޑެލް ކުރުމުގެ އިތުރުން މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހެކެވެ. ވެލެރިޔާ މަޝްހޫރުވެގެން ދިޔައީ އޭނާގެ ހަށިގަނޑު " ބަރބީ ޑޯލް" އާ ވައްތަރުކަން ފާހަގަކުރެވިގެންނެވެ. ވެލެރިޔާ ބުދަކާ ވައްތަރުވާންވެގެން ޕްލާސްޓިކް ސަރޖަރީތަކެއް ހަދާފައިވާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި ކަމުގައި ވިޔަސް އޭނާ އެކަން ދޮގު ކުރެއެވެ. ވެލޭރިޔާ ހާމަކުރި ގޮތުގައި އޭނާރީތިވުމަށް ކޮށްފައިވާ ހަމަ އެކަނި އޮޕަރޭޝަނަކީ، އުރަމައްޗަށް "ސިލިކަން" ލެއްވުމެވެ. އަދި ބުދަކާ ވައްތަރުވާން ކުރާ ހަމައެކަނި ކަމަކީ، މޭކަޕްކޮށް ކޮންޓެކްޓް ލެންސް ލެއްވުންކަމާ، ހަށިގަނޑު ރީތިކޮށް ހުންނަނީ ގަވާއިދުން ޖިމަށްގޮސް ކަސްރަތުކޮށް ހަދާތީ ކަމަށް ވެސް އޭނާ ބުންޏެވެ. ބުދަކާވައްތަރު ވާންވެގެން މޭކަޕްކޮށް އެގޮތަށް ހެދުން އަޅާހެދި ކަމުގައި ވިޔަސް، ބުދަކާވައްތަރުކަމަށް ބުނުމުން ވެލޭރިޔާ ހިތްހަމައެއް ނުޖެހެއެވެ. އޭނާއަށް އިހްސާސްކުރެވެނީ އެއީ ގަދަރު ކުޑަކޮށްލުން ކަމުގައެވެ.

ވެލެރިޔާއަކީ ވެޖިޓޭރިއަންއެކެވެ. އަދި މޭވާ ތަރުކާރީވެސް ބޭނުންކުރަނީ ޖޫސްގިރައިގެން ދިޔާ އެއްޗެހީގެ ގޮތުގައެވެ. އެއްވެސް އޮއްޓަރުހުރި އެއްޗެއް ނުކައެވެ. 2014 ގައި ވެލޭރިޔާ ވަނީ، ކަބޯތަކެއްޗާނުލާ ދިރިހުރުމަށް އޭނާގެ ހަށިގަނޑު ތަމްރީން ކުރުމަށް މައްސައްކަތް ކޮށްފައެވެ. މި ގަބޫލުކުރުމަށް ކިޔަނީ، "ބްރީދަރޭނިޒަމް"އެވެ. ނަމަވެސް ފަހުން އެކަން ހުއްޓާލި ނަމަވެސް އުމުރުގެ ކޮންމެސް ހިސާބެއްގައި އަލުން އެކަންފަށަން ބޭނުންވާކަން ހާމަ ކުރިއެވެ. "ބްރީދަރޭނިޒަމް"އަކީ ހިންދޫއިންގެ ތެރެއިން އައިސްފައިވާ ކަމެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އިންސާނުން ދިރިހުންނަން ފެނާއި ކާނާބޭނުމެއް ނުވެއެވެ. އަތްވާއި ވައިގެ އެހީގައި ދިރިހުރުމަށް އިންސާނުންގެ ހަށިގަނޑު ތައްޔާރު ކުރެވޭނެއެވެ. ވެލޭރިޔާގެ މި މަސައްކަތް ހުއްޓާލަށް ޖެހުނީ އޭނާގެ އޮމާން ހަންގަނޑަށް އިރުގެއަލިން ގެއްލުންވާންފެށުމުންނެވެ.

ވެލޭރިޔާގެ މައިންބަފައިން އަބަދުވެސް މަސައްކަތްކުރީ އާދައިގެ ގޮތަކަށް އެމީހުންގެ އަންހެން ދަރިފުޅު ތަރުބިއްޔަތު ކުރާށެވެ. ވެލެރިޔާގެ ރަން ދިގު އިސްތަށިގަނޑާއި އަޅިފެހި ރީތިލޮލުގެ ސަބަބުން އޭނާ ބުދަކާ ވައްތަރުކަމަށް އެންމެ ކުޑައިރުވެސް މީހުން ފާހަގަ ކުރިއެވެ. ޚުދު ވެލޭރިޔާވެސް އެހެން ކުދިންނެކޭ އެއްގޮތަށް ބުދު ހެދުންލައްވާ ނަލަހައްދާ ކަންތައް ކުރިއެވެ. ނަމަވެސް ފުރާވަރަށް އެރުމުން "ރީތި" ކަމުގެ މާނަ މިފަދަ ގޮތަކަށް ނަގާފާނެކަމަށް އޭނާގެ އާއިލާމީހުން ހީވެސް ނުކުރެއެވެ. އަދި ކުޅެން ގެންގުޅުން ބުދުތަކާ ވައްތަރުވުމަށް ހަށިގަނޑަށް މިހާބޮޑު ބަދަލެއް ގެނެސްފާނެކަން ޚިޔާލަށްވެސް ނުގެނެވެއެވެ.

ވެލޭރިޔާގެ އުމުރުން 16 އަހަރުން ފެށިގެން 30 އަހަރާހަމައަށް ދިރިއުޅެމުން ދިޔައީ ޔޫކްރޭންގައެވެ. ޔޫކްރޭންގެ ދޮންބެސްގައި 2014 ވަނަ އަހަރު ހިނގާދިޔާ ދާޚިލީ ހަމަނުޖެހުންގަނޑުގައި އެނބުރި ރަޝިޔާއަށް އައިސް، މިހާރު ދިރިއުޅެމުން ދަނީ، މޮސްކޯގައެވެ. ވެލެރިޔާ ކައިވެނި ކުރީ އޭނާގެ ކުޑައިރުގެ ރަޙްމަތްތެރިޔެއްކަމަށްވާ ޔޫކްރޭންގެ ވިޔަފާރިވެރިޔަކާއެވެ. ނަމަވެސް ދަރިންހޯދާ އާއިލާއެއް ބިނާކުރުމަށް ވެލެރިޔާ ސާފުބަހުން އިންކާރުކުރެއެވެ. ވެލޭރިޔާއަކީ ޖިންސީއެދުންވެރިކަން ބޭނުންވާމީހަކަށް ނުވާތީ މިދެމަފިރިންގެ ދެމެދު އަނބިފިރކަމުގެ ގުޅުމނެއް ނުހިނގައެވެ. ނަމަވެސް ފިރިމީހާއަކީ، ދިރިއުޅުމުގެ ކޮންމެކަމއްގައި ވެލެރިޔާގެ އެންމެބޮޑުހިތްވަރުކަން އޭނާ ފާހަގަކުރެއެވެ. ވެލެރިޔާގެ މަންމައަކީ އަސްކަރިއްޔާއަށް ޚިދުމަތްކުރި މީހެކެވެ. އަދި ބައްޕަ މަސައްކަތްކުރީ އިމާރާތްކުރުމުގެ ދާއިރާގައެވެ. ޚުދު ވެލެރިޔާ އަކީވެސް ކޮންސްޓަރަކްޝަން އަދި އަރކިޓެކްޗަރ އިން ބެޗްލާރސް ޑިގްރީ ނަގައިގެން ހުރި ޒުވާނެކެވެ.

ވެލެރިޔާ އަކީ މާލީ ދަތިކަން ދެކެފައި ހުރި މީހެއްކަމުން އޭނާބޭނުންވަނީ، ދިރުއުޅުމުގެ ކަންކަން ފަސޭހައިން ކުރެވޭނެ ތަނަވަސްކަން ލިބޭވަރުގެ ކާމިޔާބު މީހަކަށް ވާށެވެ. އާއިލާގެ ކުދިން ކުޑައިރު މައިންބަފައިން އުފުލި ބުރަ ވަރަށް ގާތުން އޭނާވަނީ ދެކެފައެވެ. 2007 ވަނަ އަހަރު ވެލޭރިޔާ ވަނީ 300 ބައިވެރިންނާއި ވާދަ ކޮށްގެން " މިސް ޑަޔަމަންޑް ކްރައުން އޮފް ފަ ވޯރލްޑް" ރީތީގެ މުބާރާތް ކާމިޔާބުކޮށްފައެވެ. ޝައްކެއްނެތް ގޮތުގައި ފަނޑިޔާރުންނަށް އެންމެ ކަމުދިޔައީ، ވެލެރިޔާގެ ރީތި ތުންފަތާއި، ބޮޑު ދެލޮލާއި ދިގު އިސްތަށިގަނޑެވެ. ވެލޭރިޔާގެ މޮޑެލް ކުރުމުގެ މަސައްކަތް ފެށިގެން ދިޔައީ މިހިސާބުންނެވެ.

ވެލެރިޔާގެ އާދައިގެ ދުވަހެއް ފެށެނީ ޔޯގާއިންނެވެ. އަދި އެއަށްފަހު ޖިމްނާސްޓިކް ހެދުމާއި، ފޮޓޯޝޫޓްކުރުމާއި، އޭނާގެ އަމިއްލަ ބްލޮގެ މަސައްކަތް ކުރުމުގައި ދުވަސް ނިމިގެން ދެއެވެ. ވެލެރިޔާގެ ސިފައަށް ތަޢުރީފްކުރާ މީހުނާ އެއްވަރަށް އޭނާގެ ސިފައަށް ނަފްރަތުކޮށް ވެލޭރިޔާގެ ފޮޓޯތަކަށް "ނެގެޓިވް ކޮމެންޓް" ކުރާމީހުންވެސް އުޅެއެވެ. އަދި ފޯނުން ގުޅާ އިންޒާރުދިނުމުން ފެށިގެން، ޖިސްމާނީ ގެއްލުންދީ މަރުގެ އެތިފަހަރަކުންވެސް ސަލާމަތްވެފައި ވަނީ ހަމަ ކިރިޔާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.