Social Centre Vaccination Covid
މާލޭގައި ވެކްސިން ދެމުންދަނީ ސޯޝަލް ސެންޓަރުގައި -- ފޮޓޯ: ޓްވިޓަރ

ކޮވިޑް-19 ވެކްސިން ޖަހަން ވެކްސިނޭޝަން ސެންޓަރުތަކަށް ދާ މީހުންގެ އަދަދުތައް ފެނި، އެކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ތައުރީފް ކުރައްވައިފިއެވެ.

މިއަދު މާލެ ސަރަހައްދުން 787 މީހަކު ވެކްސިނޭޓް ކޮށްފައިވެއެވެ. މާލޭގައި ވެކްސިނޭޓް ކުރަމުންދަނީ ސޯޝަލް ސެންޓަރުގައެވެ. މިއަދު ސޯޝަލް ސެންޓަރަށް ވެކްސިނޭޓް ކުރަން ދިޔަ މީހުންގެ ފޮޓޯއެއް ޓްވީޓް ކުރައްވަމުން ޑރ.ނަޒްލާ ވިދާޅުވީ، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްޓަކައި ވެކްސިނޭޝަން ސެންޓަރަށް ޒިޔާރަތްކުރާ މީހުންގެ އަދަދުތައް ފެނި އުންމީދު ލިބިފައިވާކަމަށެވެ.

މީގެއިތުރުންވެސް، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެން ވެކްސިނޭޝަން ޕްރޮގްރާމަށް އެއްބާރުލުން ދޭނަމަ ޕެންޑެމިކް އިން ވަރަށް އަވަހަށް ސަލާމަތްވާނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 4،269 މީހަކު ވެކްސިނޭޓް ކޮށްފައިވެއެވެ. އޭގެ ތެރެއިން 3،573 މީހަކު ވެކްސިނޭޓް ކޮށްފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުގައެވެ. 696 މީހަކަށް ވެކްސިން ޖަހާފައިވަނީ އަތޮޅުތެރޭގައެވެ. ރާއްޖޭގައި ވެކްސިން ދެމުންދަނީގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ 6 ވެކްސިނޭޝަން ސެންޓަރުގައާއި އަތޮޅު ތެރޭގައި ހުރި 7 ވެކްސިނޭޝަން ސެންޓަރަކުންނެވެ.

މިހާރު ރާއްޖޭގައި ދެމުންދަނީ އޮކްސްފޯރޑް - އެސްޓްރަޒެނެކާގެ ފޯމިއުލާ ބޭނުންކޮށްގެން އިންޑިއާގެ ސީރަމް އިންސްޓްޓިއުޓް އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިނެވެ. މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ލިބިފައިވާ 100،000 ޑޯޒްއެކެވެ. މި ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޯފާމް ވެކްސިންވެސް ރާއްޖެއަށް ލިބޭނެކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވެފައެވެ. އަދި، އެސްޓްރަޒެނެކާ ވެކްސިންވެސް އަންނަ މާރޗް މަހުގެ ތެރޭގައި ލިބޭނެކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވަނީ އިއުލާންކޮށްފައެވެ.

ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖެއަކީ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖަހައި، އިމުއިނިޓީ ހޯދާ ފުރަތަމަ ގައުމަށް ހެދުމެވެ.

 

0
0
1
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.