އަޅުގަނޑުމެންގެ މުޖުތަމަޢުގައި ކަންތައް ހިނގަމުންދާ ގޮތުން، މީހަކު ސަންސްކްރީން ބޭނުން ކުރާނަމަ ނުވަތަ އަތްވަށް ނިކުންނައިރު ކުޑަނަގައިގެން ދިޔަޔަސް، "އާން.. ތީ ވަރަށް ދޮންމީހެއް... ކަޅުވެދާނެތީ ހާދަބިރުގަނޭ ދޯ" މިފަދަ ބަސްބަހުން ޖެއްސުންކުރުމަކީ، ވަރަށް އާންމު ކަމެކެވެ. އަދި ބައެއް މީހުންނަށް ހީވާގޮތުގައި، ދަތުރު ގޮސްގެން އުޅޭ ދުވަހަކު ސަންސްކްރީން ބޭނުން ކުރިއަސް ކުރަންވާނީ، އަންހެނުންނާއި ކުޑަކުދިންނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ، ތަންދޮރުފިލާފައިވާލެއް ހަމަ ކުޑައީއެވެ. ވަރަށް ކުޑަ އިންސައްތައަކަށް ނޫނީ، އަވިން ހަންގަނޑަށް ލިބޭ ގެއްލުން ނޭނގެއެވެ. އެނގޭބަޔަކުވެސް ދެންތިބޭމީހުންގެ ފުރައްސާރައަށް ޖެހިލުންވާވަރުން، މިކަމުން ސަލާމަތްވެގެން ހުރުމުށް އެއްވެސް ފިޔަވަޅެއް ނާޅައެވެ.

މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. ހަމަކީ ހަށިގަނޑުގެ އެންމެބޮޑު ގުނަވަނެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަސް ވަނައަށް އެންމެ އާއްމު ކެންސަރަކީ ހަމުގެ ކެންސަރެވެ. އެހެންކަމުން އިރުގެ ދޯދިތަކުން ހަމަށް ލިބޭ ގެއްލުން ކުޑަކުރުމަކީ ކުރިއަށްވުރެ ބޮޑު ސަމާލުކަމެއްދީގެން ކުރަންޖެހޭކަމެކެވެ. އެހެން މީހަކު ކިޔާނެ އެއްޗަކަށް ލަދުން ހުއްޓާ ދެރަކަމެއްވެއްޖެނަމަ އެހިތާމައާއި ވޭނުގައި އުޅެންޖެހޭނީ ހަމަ ތިމާއެވެ.

ސަންސްކްރީންއަކީ އިރުގެ ބާރުގަދަ ދޯދިތަކުން، ހުރިހާ އުމުރެއްގެ، ހުރިހާ ކުލައެއްގެ، ހުރިހާވައްތަރެއްގެ އަދި ކޮންމެ ޖިންސެއްގެ ހަންގަނޑު ރައްކާތެރި ކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއްޗެވެ. އާއްމުކޮށް ސަންސްކްރީން ބޭނުން ކުރާނަމަ ޒުވާން އުމުރުގައި ހަމުގެ ކެންސަރ ޖެހުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. ސަންސްކްރީންގެ އެހީގައި އިރުގެ ނުރައްކާތެރި ދޯދިތައްކަމުގައި ވާ "ޔޫ. ވީ. އޭ" އަދި "ޔޫ. ވީ. ބީ" އިން ރައްކާތެރިވެވެއެވެ. "ޔޫ. ވީ. އޭ" ގެ ސަބަބުން ހަމުގައި ރޫޖެހި އުމުރަށް ވުރެ ދުވަސްވީ ކަމަށް ދައްކާނެއެވެ. "ޔޫ. ވީ. ބީ" ގެ ސަބަބުން ހަންގަނޑު އަނދާ އަދި ބައެއް ފަހަރު ފިހި ފޮޅުވެސް ނަގާނެއެވެ.

މި ދެ ވައްތަރުގެ ދޯދިންވެސް ކެންސަރު ޖެހުމުގެ ފުރުސަތު އޮވެއެވެ. ސަންސްކްރީންގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ސަންސްކްރީން ބޭނުން ކުރުމާއި އެކު އިތުރު ރައްކާތެރިކަންވެސް ދީގެންނެވެ. މީގެ މާނައަކީ، އަވި އެންމެ އަވިގަދަ ގަޑިތައް ކަމުގައިވާ ހެނދުނު 10:00 އިން ހާވިރު 4:00 އަށް ސީދާ އަތްވަށް ނުނިކުތުމާއި، ނިކުންނަ ނަމަ ބޮޑަށް ނިވާވާ ފަދަ ހެދުމެއް ލުމާއި، ތޮފި އަދި އަވިއައިނު އެޅުން ފަދަ ކަންކަމެވެ.

ގެއިން ބޭރަށް ނިކުންނަ ކޮންމެ ވަގުތަކު ސަންސްކްރީން ބޭނުން ކުރަންވާނެއެވެ. އުޑުމަތި ބަނަ ދުވަސްދުވަހު ވެސް 80 އިންސައްތަ ދޯދި ވިލާތަކުގެތެރެއިން ބިމަށް އަންނާނެވެ. ހަނދާންކުރަންވީ އެންމެ މުހިއްމު ކަމަކީ، ސްނޯ، ވެލި އަދި ފެނުގައި ޖެހިފަ އަންނަ ދޯދި މާފަސެހައިން ހަމުގެ ތެރެއަށް ފާއްދާލާނެކަމެވެ. ސަންސްކްރީން ގަތުމުގައި "އެސް. ޕީ. އެފް" (ސަން ޕްރޮޓެކްޓިން ފެކްޓަރ) 30 އަށްވުރެ މަތިކޮށް ހުންނަ ސަންސްކްރީން ޚިޔާރު ކުރާށެވެ. މިއިން 96 އިންސައްތަ އިރުގެ ދޯދިން ރައްކާތެރިކަން ލިބޭނެއެވެ. ބައެއް ފަހަރަށް ހީކުރެވޭގޮތުގައި "އެސް. ޕީ. އެފް" މަތިވީ ވަރަކަށް ރައްކާތެރިކަން ލިބޭ މިންވަރު މަތިވާނެއެވެ. މިއީ ކުށްހީއެކެވެ. ސަންސްކްރީން އުނގުޅަންވާނީ ބޭރަށް ނިކުތުމުގެ 15-30 މިނިޓް ކުރިންނެވެ. އަދި ކޮންމެ 2 ގަޑިއިރަކުން އަލުން އުނގުޅަންވާނެއެވެ. ސަންސްކްރީން އުނގުޅުމުގައި ހަމުގެ އެއްވެސް ތަނެއް ދޫކޮށްލައިގެން ނުވާނެއެވެ. ފަޔާއި ކަންފަތާއި ތަލަގަނޑުގައި ވެސް އުނގުޅަށްވާނެއެވެ. ސަންސްކްރީން ގެންގުޅުމުގައި މުއްދަތު ހަމަވާ ތާރީޚަށް ފަރުވާތެރިވާން ވާނެއެވެ. އެ ތާރީޚުގެ ކުރިންވެސް ފުޅި ހަލާކުވެ ނުވަތަ ވަސް އަދި ކުލައަށް ބަދަލު އައިސްފިނަމަ ބޭނުން ނުކުރާށެވެ.

ސަންސްކްރީންއަކީ ފަސޭހައިން ބޭސް ފިހާރަތަކުން ލިބެންހުންނަ އެއްޗެކެވެ. މިއީ، ލޯޝަން، ޖެލް، ސްޓިކް އަދި ސްޕްރޭގެ ގޮތުގައި ވެސް ލިބެން ހުންނަ އެއްޗެކެވެ. ގެންގުޅެން ފަސޭހަ ވައްތަރެއް ގަންނަންވީއެވެ. އަންހެން ކަނބަލުން ކޮސްމެޓިކްސް ޚިޔާރު ކުރުމުގައި " އެސް. ޕީ. އެފް" ހިމެނޭ ބާވަތްތަކަށް އިސްކަންދޭންވާނެއެވެ. އޭރުން ގިނަ ފުޅި ނުގެންގުޅެ ފަރުޖައްސާލެވޭނެއެވެ. ކެންސަރަކީ، ހަމުގެ ކުލަ، އުމުރު ނުވަތަ ޖިންސަށް ބަލައިގެން ޖެހޭ ބައްޔެއް ނޫނެވެ. އެހެން ކަމުން ރައްކާތެރިވެގެން އުޅުމަކީ އެންމެންވެސް ކުރަން ޖެހޭނެ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.