ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ފެށުނީއްސުރެވެސް ވަކި ޤައުމަކަށް ބުރެ ނުވެ، ދަމަހައްޓަމުން އައި ހާރިޖީ ސިޔާސަތެކެވެ. ރާއްޖޭގެ ވެރިކަންތައް އެތަކެއް ވެރިންނެއް، އަދި އެ ވެރިކަންތަކުގައި ހާރިޖިއްޔާ ހިންގެވުމުގައި އެތަކެއް ވާޒީރުންނެއް ތިއްބެވިއިރުވެސް އެ ސިޔާސަތު އެގޮތުގައި ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަވެއެވެ.
ވަކި ޤައުމަކަށް ބުރަނުވާ މިނިވަން ހާރިޖީ ސިޔާސަތަކާއެކު ދެން ހިފަހައްޓަމުންގެންދިޔަ އެއް ހަމައަކީ، ޤައުމުތަކުގެ ކޯޅުންތަކުގެ ތެރެއަށް ނުވަދެ ހިފަހައްޓަމުން އައި އުސޫލެވެ. އޭގެތެރެއިންވެސް ޤައުމުތަށް ކޯޅެން ދިމާވަ ސަބަބަކަށް ރާއްޖެ ނުވުމަށް ހުރިހާ ވެރިންވެސް މަސައްކަތްތައްކޮށްފަވެއެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި ހިފަހައްޓަމުން އައި އުސޫލުގެ ތެރެއިން ދިވެހިންނަށް ލިބިފައިވާ ރީތި ނަން ކިލަނބުވާންފެށީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ހިސާބުންނެވެ. ޤައުމުތަކަށް ރައްދުވާގޮތަށް، އަދި ޤައުމުތަކަށް ކުޑާއިންވެސްވާގޮތަށް އެއްޗެއް ވިދާޅުވެ، ވަކި ޤައުމަކާއި ދެކޮޅު ފަލްސަފާތައް ގެންގުޅުމަކީ ދިވެހިން ކޮށް އުޅުނު ކަމެއް ނޫނެވެ. އެކަމުގައިވެސް ރައީސް އަބްދުﷲ ޔާމިން ވަނީ އިންތައް ފަހަނައަޅައި ވަޑައިގެންފަ އެވެ.
ނަތީޖާއަކަށްވެގެންދިޔައީ ވެރިކަމުގައި ހުންނަވާ ދޭދޭ ޤައުމުތަކުގެ މެދުގައި އަލިފާނުގެ ހުޅު ރޯކުރާ ޤައުމަކަށް، ދިވެހީންގެ ނަން ބަދަލުވާން ފެށުމެވެ. އެކަމުގެ ސަބަބުން ދިވެހިންނަށް ލިބުނު އެތަކެއް އެހީތަކެއް ހުއްޓި، އެތަކެއް އިނާޔަތްތަކެއް ނިމުމަކަށް އަޔެވެ.
ރިޔާސީ އިންތިހާބުގައި ރައްޔިތުން އަބްދުﷲ ޔާމީނަށް ނޫނެކޭ ބުނި ސަބަބުތަކުގެ ތެރޭގައިވެސް އެމަނިކުފާނުގެ ވެރިކަމުގައި ގެންގުޅުއްވި ހާރިޖީ ސިޔާސަތު ބޮޑު ދައުރެއް އަދާކޮށްފަވެއޭ ބުނެވިދާނެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށްފަހު، ވެރިކަމުގެ ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނެތެމުންދިޔަ ދިވެހީންގެ އަޑު ބައިނަލްއަޤުވާމީ ދުނިޔޭގައި އިއްވާލުމުގެ ބުރަ މަސައްކަތް ހަވާލުކުރެއްވީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު ޑިޕްލޮމެޓެއެވެ. އަބްދުﷲ ޝާހިދު އާއިއެވެ.
"ޖަޒީރާ"ގެ ޓީމުން ވަނީ ފޮރިން މިނިސޓަރ އަބްދުﷲ ޝާހިދާ ބައްދަލުކޮށް، އަވައްޓެރި އިންޑިއާ އަދި ޗައިނާ އާއިއެކު ރާއްޖެއިން ބާއްވަމުން އަންނަ ގުޅުމާއި ގުޅޭގޮތުން ބައެއް މައުލޫމާތުތައް އޮޅުން ފިލުވާލާފަ އެވެ. އަދި އެ ގުޅުންތައް ހީނަރުވެއްޖެނަމަ ދެން އަމަލުކުރައްވާނީ ކޮންގޮތަކަށްތޯ، ނުވަތަ ރާއްޖެއިން އިސްކަންދޭނީ ކޮން ޤައުމަކަށްތޯ އޮޅުން ފިލުވާފަވާނެ އެވެ.
ދިވެހިންނަކީ އަބަދުވެސް ސުލްހާއި، އެއްބައިވަންތަކަމަށް ގޮވާލާ ޤައުމަކަށްވާއިރު، މިނިސްޓަރު ޝާހިދު ތަކުރާރުކޮށް ވިދާޅުވި އެއް ވާހަކަގުޅަކީ ޤައުމުތަކުގެ މެދުގައި ހަމަނުޖެހުން އުފައްދާ، ބައިބައިކުރުވަން މަސައްކަތްކުރާ ޤައުމަކަށް ރާއްޖެ ނުވާނެކަމަށެވެ. ބަދަލުގައި ރައީސް ސޯލިހްގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ މުހިންމު އެއް ބަޔަކީ، ސުލްހާއި އެއްބައިވަންތަކަންކަމަށެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ އެއް ގައުމަކާއި އަނެއް ގައުމަކާއި ދޭ ތެރޭ ޖެހޭ މައްސަލަތަކުގެ ތެރެއިން ފައިދާ ނަގަން މަސައްކަތް ކުރުން އެއީ މިފަދަ ކުޑަ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން ކަމަށެވެ.
"އެއް ގައުމަކާއި އަނެއް ގައުމަކާއި ދޭ ތެރޭ ޖެހޭ މައްސަލައިގެ ތެރެއިން ފައިދާ ނަގަން މަސައްކަތް ކުރުން އެއީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން، އެންމެ ބޮޑު ނިކަމެތިކަން."
މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބައިނަލްއަގްވާމީ ދާއިރާގައި ސާބިތު ކަމާއިއެކު ތިބެވެނީ ގުޅުން ބާއްވަން ބޭނުންވާ ހުރިހާ ގައުމަކާއި އެކު ގުޅުން ބާއްވައިގެން ކަމަށެވެ. އަދި އެ އިތުބާރު ބައިނަލްއަގްވާމީ ދާއިރާގައި ރާއްޖެއިން އަބަދުވެސް ދައްކަމުންދާކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ބައިނަލްއަގްވާމީ ދާއިރާގައި ސާބިތުކަމާއި އެކު ރާއްޖެ އޮންނަ ސަބަބަކީވެސް ހާރިޖީ ސިޔާސަތުތައް ނިންމުމުގައި އުސޫލުތައް ހިފެހެއްޓުން ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމި، މިނިސްޓަރ ޝާހިދުގެ ދެ އަހަރާއި ދެ މަސް ދުވަހުގެ މަސައްކަތުން ދިވެހީންގެ އަޑު ބައިނަލްއަޤުވާމީ ދުނިޔޭގައި ވަނީ ގަދަކޮށްލާފަ އެވެ. ދުނިޔޭގެ އިތުބާރު ވަނީ ހޯދަވާފަ އެވެ. ރާއްޖެއަކީ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި ބައިނަލްއަގްވާމީ އުސޫލުތައް ހިފެހެއްޓުމުގައި ނަމޫނާ ގައުމެއްކަން ވަނީ ދައްކުވައިދީފަ އެވެ.
އެކަމުގެ ހެއްކަކަށް ބަލިމަޑުކަމުގައި ދިވެހިންނަށް އެހެން ޤައުމުތަކުން މެދުނުކެނޑި ލިބޭ އެހީތައް ފުދެ އެވެ. ޗައިނާ އާއި އިންޑިއާ އާއި ގުޅޭގޮތުންވެސް ފާޑުފާޑު ވާހަކަދައްކަމުންގެންދިޔަނަމަވެސް މަންޒަރުން ފޮންނަން އޮތް ހަޤީޤަތަކީ ދެ ޤައުމުންވެސް ދިވެހިންނަނަށް ބަހައްޓާ ހާއްސަ ކަމެވެ. އެކަމުގެ ހެއްކަކަށް އިންޑިއާ އަދި ޗައިނާއިންވެސް ރާއްޖެއަށް އެއްލައްކަ ޑޯޒްގެ ވެކްސިން ހަދިޔާކުރިކުރުން ފުދެ އެވެ.
މިއީ ދެހާސް އަށާރައިގައި ކެނޑިޑެސީ ލިބެން ޖެހޭ މީހާ. ވިސްނާލާ ޝާހިދު މިހާރު ވެރިއަކަށް ހުރިނަމަ ޔާމީން ހިންގާލި ވަރަށް ވުރެ ގަދަ އަށް ހިންގާލާނެ