އަންނަ އަހަރުގެ މާރިޗް މަހުން ފެށިގެން ދިވެހި ރާއްޖެއިން ޖަރމަން ޝެންގެން ވިސާ ނެގޭނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އޭނާ މިގޮތަށް ވިދާޅުވީ، މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި، ޖަރުމަންވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑް އާއިއެކު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ، ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރުމަށް ދިވެހިން ވިސާ ނަގަން މިހާރު ދާން ޖެހެނީ އިންޑިއާގެ ދިއްލީއަށް ނުވަތަ ސްރީލަންކާގެ ކޮލަމްބޯއިން ކަމަށާއި، އެކަމަކީ ބުރަ އަދި އުނދަގޫ ކަމެއް ކަމަށެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، މިމައްސަލައަށް ހައްލެއްހޯދުމަށް ޖަރުމަންވިލާތާއި، ޔޫރަޕިއަން ޔޫނިއަންގެ އިތުރު ޤައުމުތަކާއި، ވިސާގެ ޚިދުމަތް ފޯރުކޮށްދޭ ވީ.އެފް.އެސް ގްލޯބަލްއާއިއެކު ދިވެހި ސަރުކާރުން މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށެވެ.

"ފުރަތަމަ ޖަރުމަންވިލާތުން އެކަނި މި ޚިދިމަތް ދިން ނަމަވެސް އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ އެހެން ޤައުމުތަކުންވެސް ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ލިބޭނެ މަގުފަހިކޮށްދޭނެކަމަށް،" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިހާރު މަސައްކަތްކުރަމުން ދަނީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް ދިވެހިންނަށް ވިސާއާއި ނުލައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ.

މީގެ އިތުރުން މިހާރުވެސް ދުނިޔޭގެ 84 ޤައުމަކަށް ކުރިން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ދަތުރުކުރެވޭކަމަށް މިނިސްޓަރ ފާހަގަކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.