މާލެ ސަރަހައްދުން ފެންނަ ކޮވިޑް-19 ކޭސްތައް އިތުރުވެ، ހާލަތު ގޯސްވަމުންދާތީ އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އިތުރު ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން ބުނީ ކޮވިޑް 19 އާއި ގުޅޭ ކަންކަން ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި މާލެ ސިޓީގައި މަސައްކަތްކުރާ އޮޕަރޭޝަނަލް ފުލުހުންގެ އިތުރުން ފުލުހުންގެ އިދާރީ ބަހާތަކާއި ސީނިއަރ އޮފިސަރުންވެސް ހިމެނޭގޮތަށް މަގުމަތީގައި އިތުރު ފުލުހުން ނެރިފައިވާކަމަށެވެ. އެގޮތުން އިދާރީ ބަހާތަކުން 165 ފުލުހުންނާއި ސީނިއަރ އޮފިސަރުންގެ 44 އޮފިސަރުން ދަނީ ކާފިއުގަޑީގައާއި އެހެނިހެން ގަޑިތަކުގައިވެސް މަސައްކަތްކުރަމުންނެވެ.
ފުލުހުން ބުނީ ޖުމްލަ 209 ފުލުހުން ދެ ޝިފްޓަކަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ޒިންމާ މަތިވެފައިވަނީ ފުލުހުންގެ މައްޗަށެވެ. މިފަހުން ކޮވިޑް ކޭސްތައް އިތުރުވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުން ދަނީ މަގުމަތީގައި ހަރަކާތްތެރިވަމުންނެވެ.